ކޮވިޑްގެ ސަބަބުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ހާމަވެއްޖެ ކަމަށާއި، އޭގެ އެންމެ ރަނގަޅު މިސާލެއް ދެއްކީ އިންޑިއާއިން ކަމަށް ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ 250 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓާއި ހަވާލުވުމަށް ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ދިވެހިރާއްޖޭގެ ރަހުމަތްތެރިން މިސާލުދައްކައިފި ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މުޅި ދުނިޔެ ބަންދުކުރިއަސް، އެ ގައުމުތަކުން ރާއްޖެއަށް ހުޅުވާލާފައިވާ ދޮރުތައް ބަންދު ނުކުރާނެކަން ދައްކުވައިފިކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާއަކީ މި މިސާލު ދައްކައިދިން އެންމެ ގާތް އެކުވެރިޔާކަމަށް ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ދަތިތަކުގެ ވާހަކަވެސް ފާހަގަކޮށްފައެވެ. އެގޮތުން، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ރާއްޖެ ހޯދާފައިވާ ކުރިއެރުންތަށްވެސް ކޮވިޑްގެ ސަބަބުން ނުރައްކަލަށް ހުށަހެޅުނު ކަމަށާއި، ޓޫރިޒަމްއަށް ބަރޯސާވެފައިވާއިރު ވެސް، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ބޯޑަރުތައްވެސް ބަންދުކުރަން ނިންމިކަން ފާހަގަކޮށްފައިވެއެވެ.

އިންޑިއާގެ ބަޖެޓް ސަޕޯޓާއި ގުޅިގެން ޝާހިދު ވިދާޅުވީ، މިހާރު ދައުލަތައް ވަންނަ ފައިސާ ދަށް ވެފައިވާއިރު މި އެހީގެ ސަބަބުން ހަރަދުތައް ފޫ ބައްދަން ފަސޭހަވާނެ ކަމަށެވެ. އަދި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީވާކަން ފާހަގަކޮށް، ކޮވިޑްއާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތަށް ފާހަގަކޮށްފައިވެ އެވެ.

އިންޑިއާ އާއި ރާއްޖެއިން ހާރުޖީ ގުޅުން ގާއިމުކުރިތާ މި ނޮވެމްބަރު މަހު 55 އަހަރު ފުރޭއިރު، ދެގައުމުގެ ގުޅުން ދެމި އޮންނަ އެންމެ މުހިންމު އެއް ސަބަބަކީ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުންކަމަށް ވެސް ޝާހިދު ވަނީ ފާހަގަކޮށްފައެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް އައުމާއެކު، އިންޑިއާ ރާއްޖެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަމަށް ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވަނީ އިންޑިއާ އިން ރާއްޖެއާ އޮންނަ ގުޅުމަށް ދޭ އަހަންމިއްޔަތު ފާހަގަކޮށް ޕްރައިމް މިނިސްޓާ ނަރޭންދްރަ މޯދީ، މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ޖައިޝަންކަރް، ހައި ކޮމިޝަނަރު ސަންޖޭ ސުދިރު، އަދި އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.