އިންޓަ މިލާންގެ ސަޕޯޓަރުން އުފާފާޅުކުރަނީ - ފޮޓޯ: އިންޓަ / ޓުވިޓަރ

އިޓާލިއަން ލީގުގެ ތަށި ވިދިވިދިގެން ފާއިތުވެދިޔަ ނުވަ އަހަރު ހޯދި ޔުވެންޓަސްގެ ރަސްކަމަށް ނިމުމެއް ގެނެސް، މުބާރާތުގެ ޗެމްޕިއަންކަން އިންޓަ މިލާނުން ހޯދައިފިއެވެ.

ބާކީ ހަތަރު މެޗު އޮއްވައި، އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ ކަށަވަރުކުރީ އާދީއްތަ ދުވަހުގެ ރޭ އެޓަލާންޓާ އާއި ސަސޫއޮލޯ ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމާއެކު، އެއްވަނައިގައި 13 ޕޮއިންޓްގެ ފަރަގެއް ހޯދުމަށް ފަހުއެވެ.

އިންޓަގެ ކޯޗުކަމުގައި ހުރި އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަން އެޓީމު ދެވަނައިގައި ނިންމާލި އިރު، އޭނާ ވަނީ 2012 އަހަރުގެ ސީޒަނުން 2020 ވަނަ އަހަރުގެ ސީޒަނަށް އިޓާލިއަން ލީގު ކާމިޔާބުކުރި ޔުވެންޓަސްއަށް އިރުޝާދުދީ ތިން ފަހަރެއްގެ މަތިން މި މުބާރާތް ކާމިޔާބުކޮށްދީފައެވެ.

އިންޓައިން ލީގު ކަށަވަރުކުރުމާއެކު ކޮންޓޭ ބުނީ، މި ކާމިޔާބީއާއެކު ހައިރާންވެ އަންތަރީސްވެއްޖެ ކަމަށާއި، ލީގުގައި ރަސްކަން ކުރަމުންދިޔަ ޓީމެއް އެންމެ ދެ ސީޒަނުން ފަހަތަށް ޖައްސާލުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

ކޮވިޑް-19 އިޓަލީގައި ފެތުރެމުންދިޔަ ނަމަވެސް، 2011 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ތަށްޓެއް ލިބުމުގެ އުފަލުގައި އިންޓަގެ އެތައް ހާސް ސަޕޯޓަރުންނެއް ރައްކާތެރިކަމުގެ ފިޔަވަޅާއެކު ވަނީ މަގުތަކަށް ނިކުމެ، އުފާ ފާޅުކޮށްފައެވެ. އަދި ފާއިތުވެދިޔަ ނުވަ ސީޒަނުގައި ލީގު ތަށި ހޯދި ޔުވެންޓަސްއިން ވެސް ވަނީ އިންޓަ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

އިންޓައިން ޖުމްލަ 19 ފަހަރު އިޓަލިއަން ލީގު ކާމިޔާބު ކޮށްފައިވާއިރު، އެޓީމުގެ ފަހަތުން 18 ފަހަރު މުބާރާތް ކާމިޔާބުކޮށްގެން އޮތީ އޭސީ މިލާނެވެ. އަދި މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ 36 ތަށްޓާއެކު ޔުވެންޓަސްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.