ކޮވިޑް-19 ގެ އުނދަގޫ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅުނީ އިންޑިޔާގެ ބޮޑު އެހީތެރިކަމާއެކުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމި 250 މިލިއަން ޑޮލަރުގެ ލޯން ސަރުކާރާ ހަވާލު ކުރުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ކޮވިޑް-19 ރާއްޖެއަށް ފެތުރުމުގެ ކުރިން ސަރުކާރު އައީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ކަމަށާއި މާލީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އައި ކަމަށެވެ. އެހެން ނަމަވެސް މިއަދު ކޮވިޑްގެ ހާލަތާއެކު މާލީ ވަސީލަތްތައް މަދުވެ އިގްތިސާދަށް ބޮޑެތި ގެއްލުންތައް ދިމާވެފައިވާ ކަމަށާއި އެގޮތުން ފަތުރުވެރިކަން ހުއްޓުމާ ގުޅިގެން ދައުލަތައް ލިބޭނެ ކަމަށް ބެލި އާމްދަނީގެ 50 ޕަސަންޓަށް ވުރެ ބޮޑު އަދަދެއް ގެއްލިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. 

އެހެން ނަމަވެސް ކޮވިޑް-19 ގެ މި ހާލަތުގައި ވެސް އެންމެނަށް އެހީވުމަށް ސަރުކާރުން ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް ކޮވިޑް-19 ރިލީފް ލޯންގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސް އާއި އެސްޑީއެފްސީ އިން 908 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި ކަރަންޓާއި ފެން ބިލުން ޑިސްކައުންޓުގެ ގޮތުގައި ޖުމުލަ 50 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓްގެ ގޮތުގައި ޖުމުލަ 67.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. 

"މި ހުރިހާ ކަމެއް ކުރީ ސިވިލް ސާވަންޓުންގެ މުސާރަ ނުކަނޑާ، މަޝްރޫއުތަކަށް ހަރަދު  ކުރަމުން އަދި ސޯޝަލް ސާވިސްގެ ހަރަދުތަކަށް އެއްވެސް މެދުކެނޑުމެއް ގެނައުމަކާ ނުލައި،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މި ހުރިހާ ކަމެއް ހާސިލް ކުރެވުނީ އިންޑިޔާ ސަރުކާރުގެ ބޮޑު އެހީއަކާއެކުގައި ކަމަށެވެ. އަދި އިންޑިޔާގައި ކޮވިޑް-19 އެހާ ބޮޑަށް ފެތުރިފައި ވަނިކޮށް ވެސް ރާއްޖެއަށް ބޮޑެތި އެހީތައް ވަމުން ގެންދާތީ ޝުކުރު ދަންނަވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ. 

"އަޅުގަނޑު ގަބޫލު ކުރަން މި ޕެންޑަމިކް އިން އަރައިގަނެވޭނެ ގުޅިގެން އެކުގައި މަސައްކަތްކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިޔާ ސަރުކާރުން މިދިޔަ އަހަރުތަކުގައި ވެސް ވެދިން އެހީތައް ފާހަގަ ކުރައްވަމުން އަމީރު ވިދާޅުވީ ގްރޭޓާ މާލެ ކަނެކްޓިވިޓި މަޝްރޫއުގެ ދަށުން 500 މިލިއަން ރުފިޔާގެ އެހީއެއް ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ގްރާންޓުގެ ގޮތުގައި ދިން ފައިސާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

އޭގެ އިތުރުން ސްޓޭޓް ބެންކް އޮފް އިންޑިޔާ (އެސްބީއައި) އިން ސަރުކާރަށް ދިން މާލީ އެހީތެރިކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެގޮތުން އެ ބެންކުން ވިޔަފާރިތަކަށް 60 މިލިއަން ޑޮލަރުގެ ލިކުއިޑިޓީ ސަޕޯޓް ދިން ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *