ޕީއެސްޖީގެ ބްރެޒިލް ފޯވާޑް ނޭމާ - ފޮޓޯ: ގެޓީ

މަރުވެގެން ދަނޑު މައްޗަށް ވެއްޓުމާ ހަމަޔަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓަރ ސިޓީ ބަލިކުރަން މަސައްކަތް ކުރާނެ ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ބްރެޒިލް ފޯވާޑް ނޭމާ ބުނެފިއެވެ.

ޕީއެސްޖީގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުނީ، ދަނޑު މައްޗަށް މަރުވެގެން ވެއްޓެން ޖެހުނު ކަމަށް ވިޔަސް، ދެވަނަ ލެގުން ސިޓީ ބަލިކޮށް ފައިނަލުން ޖާގަ ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ސިޓީ އަތުން 1-2 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިވެފައިވާއިރު، އެ މެޗުގެ ފުރަތަމަ ހާފްގައި ކުރީގައި އޮތީ ޕީއެސްޖީއެވެ. ނަމަވެސް ސިޓީން ވަނީ ދެވަނަ ހާފްގައި ޖެހި ދެ ލަނޑާއެކު ނަތީޖާ އަނބުރާލާފައެވެ.

ފުރަތަމަ ލެގުގައި ކިތަންމެ މޮޅު ކުޅުމެއް ދެއްކި ކަމަށް ސްޓެޓުތަކުން ދެއްކި ނަމަވެސް، ނަތީޖާ ނުނެރެވުނުކަން ގަބޫލުކުރަން ޖެހޭ ކަމަށް ފާހަނގަ ކުރަމުން ނޭމާ ބުނީ، އެ މެޗުގައި ހެދުނު ގޯސްތަކުން ފިލާވަޅު ނަގައި ދެވަނަ ލެގުގެ މެޗު ކާމިޔާބުކުރަން ޓީމެއް ގޮތުގައި އެންމެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޕީއެސްޖީ އަދި ސިޓީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ސިޓީ ދަނޑުގައެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 12 ޖަހާއިރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.