އިންޑިއާއިން ރިކޯޑް އަދަދުތަކުން ކޮވިޑް ކޭސްތައް ރިޕޯޓްކޮށް، ދުނިޔޭގެ ރިކޯޑް މުގުރަމުން މިދާ ދަނޑިވަޅުގައި، އެ ގައުމުން އޮސްޓްރޭލިއާއަށް ދަތުރު ކުރާ މީހުން ޖަލަށް ލާނެ ކަމުގެ އިންޒާރު އޮސްޓްރޭލިއާއިން ދީފިއެވެ.
އޮސްޓްރޭލިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވި 14 ދުވަހުގެ ތެރޭގައި އިންޑިއާއަށް ދަތުރު ކޮށްފައި ވާ މީހުން، އެގައުމުގެ ރައްޔިތުން ކަމަށް ވިޔަސް، އެގައުމަށް އެތެރެވުން މަނާ ކަމަށެވެ. އަދި އެތެރެވެއްޖެ ނަމަ، އޮސްޓްރޭލިއާގެ ބައޯ ސެކިއުރިޓީ ގާނޫނުގެ ދަށުން 5 އަހަރު ދުވަހުގެ މުއްދަތަށް އެމީހަކު ޖަލަށް ލާން ނުވަތަ 66000 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެވެސް އެ ގައުމުން ވަނީ އިންޒާރު ދީފައެވެ.
އޮސްޓްރޭލިއާގެ ހެލްތު މިނިސްޓްރީން ބުނީ މި ފިޔަވަޅު އަޅާފައި ވަނީ، އިންޑިއާއިން އެގައުމަށް ދަތުރު ކުރުމަށްފަހު ކަރަންޓީނުވާ މީހުން ޕޮޒިޓިވް ވާ ނިސްބަތް ގިނަ ކަމުން ކަމަށެވެ. މި ފިޔަވަޅުގެ އިތުރުން އޮސްޓްރޭލިއާއިން ވަނީ އިންޑިއާއިން އަންނަ ހުރިހާ ފްލައިޓުތައް މެދުކަނޑާލަން ނިންމާފައެވެ.
މިކަމާއި ގުޅިގެން އޮސްޓްރޭލިއާގެ ޑޮކްޓަރެއް ކަމަށް ވާ ޑރ. ވިއޮމް ޝަރްމާ ވިދާޅުވީ އޮސްޓްރޭލިއާ ރައްޔިތުން، ގައުމުން ބޭރުގައި ތިބެ މަރުވަމުން ދާއިރު، އެމީހުން އިންޑިއާއިން ނެރޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި މިއީ އޮސްޓްރޭލިއާއިން އެގައުމުގެ އަމިއްލަ ރައްޔިތުން އެކަހެރިކޮށްލުން ކަމަށް ވެސް ޑރ. ޝަރްމާ ވިދާޅުވެއެވެ.
އިންޑިއާގެ ހާލަތު ގޯސްވެފައި މިވާ ދަނޑިވަޅުގައި އިންޑިއާއިން އަނބުރާ އޮސްޓްރޭލިއާއަށް ދާން ބޭނުން ވެފައި ވާ އޮސްޓްރޭލިއާގެ 9000 ރައްޔިތުން އެބަ ތިއްބެވެ. އަދި އޭގެ ތެރޭގައި ހައި ރިސްކު 600 މީހުން އެބަ ތިއްބެވެ.
އޮސްޓްރޭލިއާގެ އުސޫލުތައް އޮންނަ ގޮތުން ބޭރު ގައުމަކުން އެ ގައުމަށް ޒިޔާރަތް ކުރާ މީހުން، 14 ދުވަހުގެ މުއްދަތަކަށް އެ ގައުމުގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ކަރަންޓީނު ވާނެ ޖެހެއެވެ.