ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތްކުރުމުގެ މައްސަލަައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. 

މައްސަލާގައި ދައުވާކޮށް ދިނުމަށް އެދި އޭސީސީއިން ލިޔުންތައް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާކަން އެ އޮފީހުން ޔަގީންކޮށްދެއެވެ. އޭސީސީއިން އެދިފައިވަނީ ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލައިދިނުމަށެވެ. 

"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރިއަށް މިސްކިތް އިމާރާތް ކުރަން 2018 ވަނަ އަހަރުގެ ތެރޭގައި ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަނާ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ސަރުކާރުން ވެސް ދިނެވެ. 

ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެސްޖޭ ކުންފުނިން މަސައްކަތް ނިންމާފައެއް ނުވެއެވެ. އެހެންވެ މި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލް ވެސް ކޮށްފައެވެ. އެ މައްސަލާގައި ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން ކުންފުނިން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. 

ޒިކުރާ މިސްކިތާއި ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ. މަޖިލީހަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުން އެސްޖޭ ކުންފުންޏާ މަޝްރޫއުގެ ބިން ހަވާލުކުރީ މިސްކިތުގެ ކުރެހުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފާސްކުރުމުގެ ވެސް ކުރިންނެވެ. އެ މިސްކިތް ވަގުފު އިމާރާތެއްގެ ގޮތުގައި އަޅަން ނިންމާފައިވީ ނަމަވެސް ކުންފުންޏާއެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ދައުލަތަށް ލިބެނީ ގެއްލުން ކަމަށް އެ މައްސަލާގައިވެއެވެ. 

އެއްބަސްވުމުގައިވާ ގޮތުން މަސައްކަތް ނިމޭތާ 10 އަހަރު ދުވަހަށް އިމާރާތުގެ ތިން ފްލޯ ފިޔަވައި ހުރިހާ ފްލޯއެއް ލިބޭނީ އެސްޖޭއަށެވެ. ނަމަވެސް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ފޮނުވަން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައިވާ ގޮތުން ފައިދާގެ ގޮތުގައި 10 އަހަރުގެ ކުލިން 24 މިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބުނެފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *