ހައްވާ ލަހްފާ، އާންމު ނަމުންނަމަ ލަހޫ، އަކީ ރާއްޖޭގައި މިވަގުތު ތިބި ކްރިއޭޓިވް ޑިޒައިނަރުންގެ ތެރެއިން އާންމުކޮށް ފެންނަ، މީހުންނަށް ފަރިތަ މޫނެކެވެ. ކްރިއޭޓިވް ދާއިރާއިން ތަފާތު ހަރުފަތްތައް ގިރާކުރަމުންގޮސް މިހާރު މި ހުނަރުވެރި ޑިޒައިނަރ މަސައްކަތް ކުރަމުންދަނީ މެލޭޝިއާގެ ނަންހިނގާ ފަރމެއްގައެވެ.
ލަހޫ ބުނާގޮތުން ވިއްޔާ އުމުރުން ހަ އަހަރުން ފެށިގެން އޭނާ ކުރަހަން ފަށައިފިއެވެ. ސެކަންޑަރީ ސްކޫލުގައި ވެސް އޮޕްޝަނަލް މާއްދާ އެއްގެ ގޮތުގައި ލަހޫ ކިޔެވީ އާރޓްސް އެވެ. ކުރެހުމާއި ކްރިއޭޓިވް މަސައްކަތަށް އޭރުއްސުރެ ވަރަށް ބޮޑަށް ހިތްޖެހިފައި ވިޔަސް ލަހޫ ކުރިޔަށްދާނީ ގްރެފިކް ޑިޒައިންގެ ދާއިރާއިން ކަމެއް އޭރު އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގެއެވެ.

ލަހޫގެ ދިވެހިވަންތަ އިލަސްޓްރޭޝަނެއް
އޭލެވެލް ނިންމުމަށްފަހު ލަހޫ ވަޒީފާ އަދާކުރަންފެށީ މީޑިޔާނެޓުގައެވެ. ސޭލްސް އެސިސްޓެންޓެއްގެ މަގާމުގައި މަސައްކަތް ކުރަމުން ދިޔައިރު އެއީ އަދި އޭނާ އެންމެ ކުރިޔަށްދާން ބޭނުންވާ ދާއިރާ ނޫންކަން ލަހޫ އަށް ޔަގީންވިއެވެ.
“[މީޑިއާ ނެޓުގައި އުޅުނު އިރު] އަބަދުވެސް ގޮސް މާކެޓިންގ ޑިޕާޓްމަންޓަށް ބޯކޮއްޕަން. ދެން އެހެން އުޅުމުގެ ތެރޭގަ ލަހޫ ފޭސްބުކަށް ކުރަހާފަ ލާ އެއްޗިހި ފެނިގެން އޮފީހުގެ ފަރާތުން ލަހޫ މާކެޓިންގ ޑިޕާޓްމަންޓަށް މާކެޓިންގ އެސިސްޓެންޓެއްގެ ގޮތުގަ ބަދަލުކުރީ.”
އެބަދަލާއެކު ލަހޫ އަށް އެންމެ ފުރަތަމަ ހަވާލުކުރެވުނު މަސައްކަތަކީ މީޑިޔާނެޓްގެ އެންޓަރޓެއިންމެންޓް ގައިޑް ތައްޔާރުކުރުމެވެ. “އޭރު ފޮޓޯޝޮޕް އާއި އިލަސްޓްރޭޓާރ ބޭނުން ކުރާކަށް ނޭނގޭ އެއްގޮތަކަށްވެސް. ދެން ކޮރަލްޑްރޯ އިން ބޮޑު މެގަޒިންއެއް ހަދާ ނިންމީ.”

ކަލަންޑަރަކަށް ލަހޫ ހަދައިދީފައިވާ އިލަސްޓްރޭޝަންތަކެއް
އެހިސާބުން މިދާއިރާއިން އިތުރަށް ކިޔެވުމުގެ ފުރުސަތު ލަހޫގެ މައިންބަފައިން ފަހިކޮށް ދިނުމާއެކު ޑިޒައިނިންގއިން ޑިގްރީ ހަދަން މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވަރސިޓީއިން ލަހޫ ޕްލޭސްމެންޓް ހޯދިއެވެ.
ގިނަކުދިން ޑިޒައިންގެ ދާއިރާއިން ކުރިޔަށްދަނީ ފައުންޑޭޝަން ހަދައިގެން ކަމަށްވާތީއާއި، އާންމުކޮށް ބޭނުންކުރާ ސޮފްޓްވެއަރތައް ބޭނުންކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތުމުން ޑިގްރީ ފަށައިގެން ފުރަތަމަ ދުވަސްކޮޅު ލަހޫއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވިއެވެ.
“އިލަސްޓްރޭޓާރ ކްލާހުގަ ލެކްޗަރާ ވަރަށް އެއްޗެހި ވެސް ކީ، މިހިސާބަށް އަންނައިރު އެއްޗިހި އެނގިފައެއް ނޫންހޭ ހުންނަން ޖެހޭނީ ކިޔާފަ. އެކަމާ ވަރަށް ދެރަވި، އެކަމަކު ހިތަށްއެރީ މީ އަދި ރަނގަޅުގޮތެއް ނޫނޭ. ދެން ޔޫޓިއުބުން ޓިއުޓޯރިއަލްސް ބަލައިގެން އަމިއްލައަށް ދަސްކުރީ، ކްލާސްމޭޓުންގެ އެހީއާއެކު.”
ފުރަތަމަ ކޮޅު ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، ލަހޫގެ ފައިނަލް ތީސީސް އަށް ދިވެހިރާއްޖޭގެ ތާރީހުން ފެންނަ ހުރި ފަރުމާތަކަށް ބިނާކޮށް ހެދި “ނަލަ” ބްރޭންޑް ކިޔާ ކޮސްމެޓިކް ލައިންއިން އޭނާއަށް އޭ އެއް ލިބުނެވެ.
ސްކޫލް ދައުރުގައި ކިޔެވުމުގެ ރޮނގުން މާގިނަ ކާމިޔާބީތަކެއް ލިބިފައިނުވާތީ ދުވަހަކުވެސް އެއްވެސް ކަމަކުން “އެކްސެލް” ނުވާނެ ކަމުގެ އިހުސާސް އަބަދުވެސް ކުރެވިފައިވާ ލަހޫ އަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ އޭނާއަކީވެސް ކޮންމެވެސް ރޮނގަކުން ކުރިއަރާ، ކާމިޔާބު ހޯދިދާނެ މީހެއްކަން އަމިއްލަ މަސައްކަތުން ސާބިތުކޮށް ދެވުމުންނެވެ. ޑިޒައިންގެ ދާއިރާއިން ލަހޫ ހޯދި ކުރިއެރުންތަކާއިމެދު އޭނާގެ އާއިލާއިން ފަހުރުވެރިވުން ވެގެން ދިޔައީ ލަހޫ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ.
ކޮލެޖުގައި އުޅުނު އިރު ދަސްވި އައު ކަންތައްތަކާއެކު ލަހޫ އެންމެ ބޮޑަށް ލޯބިޖެހުނީ އިލަސްޓްރޭޓް ކުރުމަށާއި ބްރޭންޑިންގ މަސައްކަތް ކުރުމަށެވެ. 2015 ގައި ގްރެޖުއޭޓް ވުމަށްފަހު ލަހޫ ގްރެފިކް ޑިޒައިނަރެއްގެ ގޮތުގައި ފުރަތަމަ މަސައްކަތްކުރީ މެލޭޝިޔާގެ ޑިޒައިން އޭޖެންސީއެއްގައެވެ. އޭގެފަހުން 2016 ގައި މާލެ ބަދަލުވުމަށްފަހު ޕަބްލިސިޓީ ބިއުރޯ އާއި ތިންކް އެޑްވަރޓައިޒިންގ ގައި ލަހޫ މަސައްކަތްކޮށްފައި ވެއެވެ. ކޮންމެ ތަނެއްގައި ވަޒީފާ އަދާ ކުރިޔަސް އޭނާ ދިޔައީ އާ ކަންތައްތައް ދަސްކުރަމުން، އަމިއްލަ ކުރިއެރުމަށް މަސައްކަތްކުރަމުންނެވެ.
“އޭޒް އަ ޕަރސަން، އޭޒް އަ ޑިޒައިނަރ، މިޔަކަށް ނީންނާނެދޯ ހުއްޓުމެއް. އަބަދުވެސް އިމްޕްރޫވް ވަމުންދޯ ދާނީ. ލަހޫ އެކިއެކި ސްޓައިލްތަކާ ޓެކްނީކްތައް ޓްރައި ކުރަމުން އެކިކަހަލަ އެއްޗިހި ދަސްކުރަމުން ހަމަ ކުރިޔަށް ދިޔައީ. ވަރަށް ސަޅި ތަޖުރިބާއެއް [މަސައްކަތުގެ މާހައުލުން] ކުރެވުނީ.”

ލަހޫ ޑިޒައިންކޮށްފައިވާ ސްޓިކާ ޕެކެއް
ސޯޝަލް މީޑިއާގައި ލަހޫގެ މަސައްކަތްތައް ބޮޑަށް މަޝްހޫރުވެގެން ދިޔައީ ރަހުމަތްތެރިންގެ ހިތްވަރުދިނުމާއެކު ކޮންމެ އަހަރަކު ކުރެހުންތެރިންގެ ތެރޭގައި ބޭއްވޭ “އިންކްޓޯބާރ” ޗެލެންޖުގައި ލަހޫ ބައިވެރިވި ހިސާބުންނެވެ.
“ލަހޫ އެއިރެއްގައި އަޑުއަހާ ލަވައެއް ނޫނީ ފީލްވާ އެއްޗެއް ކުރެހުމުން އެކްސްޕްރެސް ކުރެވޭތޯ މަސައްކަތް ކުރީ. އަސްލު މައިންޑް ހުސްކުރަން ކުރާ ކަމެއް އެއީ. އެގޮތަށް އިންކްޓޯބަރ ޗެލެންޖްގަ ބައިވެރިވީ.”

ލަހޫ ޑިޒައިންކޮށް އިލަސްޓްރޭޓް ކޮށްފައިވާ ވެޑިންގ ކާޑެއް
2017 ގައި ލަހޫގެ އިންކްޓޯބަރ އެންޓްރީތައް މީހުންނަށް ވަރަށް ކަމުގޮސްގެން އުޅުނެވެ. ނަމަވެސް އޭރުވެސް އޭނާގެ އިލަސްޓްރޭޝަން ތަކަށް ހާއްސަކޮށްގެން ޕޭޖެއް ހެދިފައެއް ނުވެއެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓް ލަހުސްޓްރޭޝަންސް (@lahustrations) ވުޖޫދަށް އައީ އެހެން އުޅުމުގެ ތެރޭގައި ރަހުމަތްތެރިޔެއްގެ ވެޑިންގ ކާޑު ޑިޒައިން ކޮށް އިލަސްޓްރޭޓް ކުރުމާއެކު އެެއަށް ލިބުނު ތަރުހީބުން ލަހޫއަށް ހިތްވަރު ލިބިގެންނެވެ.
"ޕޭޖް ހަދައިގެން، ކަޕްލް ޕޯޓްރެއިޓްސް ކަހަލަ އެއްޗިހި މީހުންނަށް ކަމުދާތީވެ އަދިވެސް ހަމަ އެކަންތައް ކުރަން."

ލަހޫ ކުރަހާފައިވާ ކަޕްލް ޕޯޓްރެއިޓެއް
ތިންކް އެޑްވަރޓައިޒިންގ ގައި މަސައްކަތް ކުރަމުން ފްރީލާންސް މަސައްކަތުގެ ގޮތުގައި އެފަދަ އިލަސްޓްރޭޝަންސް ހެދުމަކީ ލަހޫގެ އާދައެކެވެ. ތިންކް އެޑްވަރޓައިޒިންގައި ދާދި ފަހަކާ ޖެހެންދެން ލަހޫ މަސައްކަތްކުރުމަށްފަހު އެތަނުން ރިޒައިން ކުރީ މިހާރު އޭނާ މަސައްކަތްކުރަމުންދާ މެލޭޝިއާގެ ޑިޒައިން ފަރމް އިން ވަޒީފާގެ ފުރުސަތު ލިބިގެންނެވެ.
އެވަޒީފާއާއެކު ދިވެހިރާއްޖޭގައި ހުރެގެން ރިމޯޓްކޮށް މަސައްކަތް ކުރަން ލިބުމަކީ ވަރަށް ތަފާތު ތަޖުރިބާ އެއްކަމަށް ލަހޫ ބުންޏެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ވަގުތަށް މަސައްކަތް ނިންމޭ ނަމަ ޑިޒައިނަރުން ކޮންމެހެން އޮފީހުގައި ތިބުމަކީ ކޮންމެހެން މުހިއްމު ކަމެއް ނޫނެވެ.
މިހާރު ޑިޒައިންގެ ދާއިރާގައި ލަހޫއަށް 5 އަހަރު ވޭތުކުރެވިފައިވާއިރު އެންމެ އުނދަގޫ ކަމަކަށް ލަހޫ ފާހަގަ ކުރީ ބައެއްފަހަރު “އަންރީޒަނަބަލް” ޑެޑްލައިންތަކަށް މަސައްކަތް ނިންމަން ޖެހޭކަމެވެ. އެއް ޑެޑްލައިން އަކަށް ބައިވަރު މަސައްކަތް ހަވާލުކުރުމުން ކިތަންމެ ބިޒީކޮށް މަސައްކަތް ކުރަން ފަރިތަވެފަ ހުންނަ މީހަކަށްވެސް އުނދަގޫވާނެކަމަށް ލަހޫ ބުންޏެވެ.
އެކަހަލަ ވަގުތުތަކުގައި ކަންތައްތައް ފުނިޖެހިގެން ދިޔުމުން “އޯވަރވެލްމް” ވެގެން ބައެއްފަހަރަށް ރޮވުނަސް ފިރިމީހާގެ ފަރާތުން ލިބޭ ސަޕޯޓާއި ހިތްވަރުދިނުން ލަހޫ ފާހަގަ ކުރިއެވެ.
"އެކަހަލަ ފަހަރު ފަހަރު ހަމަ ރޯލާފަ ފަށަނީ އަނެއްކާވެސް [މަސައްކަތް ކުރަން]... އެކަމަކު ކޮންމެގޮތެއް ހަދައިގެންވެސް ޑެޑްލައިން އަށް ނިންމަން އަބަދުވެސް."

ލަހޫގެ އިލަސްޓްރޭޝަނެއް
ލަހޫ ކިޔައިދިން ގޮތުގައި ލޯގޯ އެއް ޑިޒައިން ކުރާއިރު، ހިތްހަމަޖެހޭ ފެންވަރަށް ނިންމަން ގާތްގަނޑަކަށް ހަފްތާއެއް ހޭދަވެއެވެ. "ފުރަތަމަ ބްރެއިންސްޓޯމް ކޮށްފަ އޭގެ މައިންޑް މެޕް ހަދާފަ، ރީސާރޗް ހަދާފަ، އެހުރިހާ އެއްޗެއް ކުދިކޮށްފަ، އެއްކޮށްފަ، ދެން އަދި ލޯގޯ މި އަންނަނީ. ދެން އެއަށް ރަނގަޅު ކުލަތަށް ޑިސައިޑްކޮށް، އެ ކުލައިގެ މާނައާ އެއްޗިހި ހޯދާ. ވަރަށް ބޮޑު ޕްރޮސެސް އެެއް އެއީ އަސްލު."
އެއާއެކު ކެމްޕެއިނެއްގެ ބްރޭންޑިންގ ހަދާނަމަ އިތުރު މަސައްކަތްތައް ކުރަންވެސް އެތައް ވަގުތެއް ހޭދަ ކުރަންޖެހޭނެ ކަމަށް ލަހޫ ބުންޏެވެ. ނަމަވެސް ކޮންމެ އެއްޗެއްގެ ފައިނަލް ޕްރޮޑަކްޓާއި ހިސާބަށް ދާއިރު އެ ލިބޭ "އެޑްރިނަލިން ރަޝް" އަކީ މުޅި ޕްރޮސެސްގެ ތެރެއިން ލަހޫއަށް އެންމެ ކަމުދާ ތަންކޮޅެވެ.

އައިލެންޑް ބްލެންޑްސް ގެ ސައިފަތް ފޮށިތަކަށް ލަހޫ ކޮށްދީފައިވާ ޑިޒައިނެއް
އޭގެ އިތުރުން ގޮންޖެހުމަކަށް ލަހޫ ފާހަގަކުރީ މިދާއިރާގައި މަސައްކަތް ކުރާ އެހެން އަންހެން ޑިޒައިނަރުންގެ ފަރާތުންވެސް އިވޭ ޝަކުވާއެކެވެ. އެއީ އަންހެނަކަށް ވީތީ، ހުނަރާއި ގާބިލިއްޔަތުކަން ފިރިހެނެއްގެ ކިބައިގައި ހުންނަވަރަށް ނުހުރެދާނެކަމަށް ބައެއް މީހުން ގަބޫލުކުރާ ގަބޫލުކުރުމެވެ.
"ލަހޫ ބުނާއެތި ގަބޫލުނުކޮށް، ފިރިހެނުން ބުނާއެތި އެކްސެޕްޓެބަލް ވަނީ އިން ދި އެންޑް. އެކަހަލަ ހާލަތްތަށް އާދޭ."
ލަހޫ ބުނިގޮތުގައި މަސައްކަތުގެ މާހައުލުގައި ކައިރީގައި ސަޕޯޓްދޭނެ އަންހެނެއް އިނުމަކީ އެކަހަލަ ހާލަތްތަކުގައި ވަރަށް ފަސޭހަވާކަމެކެވެ. އެގޮތުން އޭނާ ހާއްސަކޮށް ފާހަގަކުރީ ގްރެފިކް ޑިޒައިނަރ އިންމި ސަލީމްގެ ފަރާތުން ލިބުނު އެހީތެރިކަމެވެ.

ލަހޫގެ ކަލަންޑަރ ޑިޒައިނެއް
ލަހޫ ބުނިގޮތުގައި އެކި ހަރުފަތްތައް ގިރާ ކުރުމަށްފަހު މިހާރު އާދެވިފައި މިވަނީ ލަހޫ އެންމެ ފުރަތަމަ ފަށައިގަތް އިރު އަންނަން ބޭނުންވި ހިސާބަށެވެ.
ބޭރުގެ ކުންފުންޏަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ޔަގީނުންވެސް ކާމިޔާބީތަކުގެ ތެރެއިން ވަރަށް މަތީގައި ގުނާލެވޭނެ ކަމެކެވެ. އެއާއެކު 6 ޖަހާއިރު މަސައްކަތް ފަށަން ފަތިހު ހޭލަންޖެހޭ ކަމަށްވިޔަސް، އަވަހަށް ވޯކް ޑޭ ނިމޭތީ ވަރަށް ފަސޭހަވާކަމަށް އޭނާ ބުންޏެވެ.
“އަސްލު ވަރަށް އުފާވޭ މީހުންނަށް ލަހޫގެ މަސައްކަތް ތަނަކުން ފެނުނީމަ އެއީ ލަހޫގެ މަސައްކަތްކަން އެނގޭތީ، އޭގަ ލަހޫގެ ނަން ޖަހާފަ ނީނަސް. އެއީވެސް ވަރަށް ބޮޑު އެޗީވްމެންޓެއް، މީހުންނަށް ލަހޫގެ މަސައްކަތް ވަކި ކުރެވޭވަރަށް އަމިއްލަ ސްޓައިލްއެއް ހިފެހެއްޓުން.”

މޫދަށް ކުނިއެޅުމުން ކަނޑުގެ ދިރުންތަކާއި ތިމާވެއްޓަށް ލިބޭ ގެއްލުން ދައްކުވައިދޭ އިލަސްޓްރޭޝަނެއް
ލަހޫގެ ވަށައިގެންވާ މާހައުލުން އިންސްޕަޔަރ ވެގެން އޭނާ ކުރާ މަސައްކަތްތައް ވަނީ ފަތްޕިލާވެއްޔާއި މާމެލާމެލީގެ އިތުރުން ދުނިޔެމަތިން ފެންނަ އެތަކެއް ރީތި ކުލައަކުން ޖަރީވެފައެވެ.