މިއަދު ރައީސް ޔާމީން ވެފައިވަނީ މާޒީއަށެވެ. ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެ، ވެރިކަމުގެ އައްޔާޝީގައި ހިންގެވި ކުށްތަކުގެ އަދަބު ލިބިވަޑައިގަތީއެވެ. ރައީސް ޔާމީނު ވެރިކަމުގެ ތަޚުތުގެ މަތިން ވެއްޓި ވަޑައިގެން، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ތަމްސީލުވެދިޔަ އިބްރަތްތެރި ފިލާވަޅުތައް އާ ވާހަކަތަކަކަށް ނުވާނެއެވެ.

ރައީސް ޔާމީން ޖަލާއި ހަމައަށް ވަޑައިގަންނަވަން ޖެހުނުއިރު، ޕާޓީ ތެރޭގައި އެމަނިކުފާނު ގަބޫލުކުރައްވާ ހަމަތަކާއި ވަކާލާތު ކުރެއްވި ކަންކަން ކުރިއަށް ނެރެ ރައްޔިތުންނާ ހަމައަށް ގެންގޮސްދެވޭނެ ވަރުގެ ބައެއް ނެތްކަން އެއީ ހަގީގަތެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން "ދެން ލަލަލާއޭ" ކިޔައި ޕާޓީ ޖަހައިގަތް އިރު ކަންހިނގި ގޮތުން މިހާރު އެ ތިއްބެވި ބޭފުޅުންގެ ވަފާތެރިކަން އޮތީ ހާމައަށް ފެންނާށެވެ. މި ދެކެވެނީ "ރައީސް މައުމޫން ލެޑި ނުގަންނައްޗޭ" ކިޔައި، ރައީސް މައުމޫންގެ ފޮޓޯ މޭމަތީގައި ޖަހައިގެން ކެމްޕެއިންކޮށް އުޅުނު ބައެއްގެ ވާހަކައެވެ. މިއަދު ރައީސް ޔާމީނާ މެދު ވެސް ކަން މިކުރަނީ ރައީސް މައުމޫނާ މެދު އަމަލު ކުރި ގޮތަށެވެ. ރަނގަޅު ގެރި ބަކަރިވެސް އެއަށް ކާންދީ ހަދާ ސާހިބަށް ވަފާތެރިއެވެ. އެހެންނަމަވެސް، މިބައެއްގެ އެއްވެސް ވަފާތެރިކަމެއް ނެތްކަމީ ފެންނާން އޮތް ހަގީގަތެވެ.

ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި އެ ހިންގާ ހަރަކާތްތަކަކީ މީގެ ލާމަސީލު މިސާލެކެވެ. ރައީސް ޔާމީންގެ ދިފާއުގައި މަސައްކަތްކޮށް، އެމަނިކުފާނުގެ ވާހަކަ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ބަދަލުގައި ފެންނަނީ ރޭވުންތެރިކަމެއް ނެތް ސިޔާސީ ހަރަކާތްތަކެކެވެ. ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު، އެމަނިކުފާނު އިތުރަށް ބަދުނާމުކޮށް، އޮތް ކުޑަ ނަމަވެސް ތާއީދު ގެއްލުވާލާއި ރައްޔިތުންނާއި މުޅި ދުނިޔެ ކުރިމަތީގައި ފަޟީހަތް ކުރަން ހިފާފައި ތިބި ކަން ދައްކުވައިދޭ ހަރަކާތްތަކެކެވެ. ގޮވަމުން ދަނީ ރައީސް ޔާމީން ދެއްކެވި ވާހަކަތަކާއި ދިމާ އިދިކޮޅު ވާހަކަތަކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކުރެއްވި ކަންކަމާއި ރޭއްވެވި ކަންކަމަށް ފާޑުކިޔައި، ހަޖޫވެސް ޖަހަނީއެވެ. އޭގެ ތެރެއިން ހަމަ އެންމެ ކަމެއް ފާހަގަކޮށްލާނަމެވެ.

"ރާއްޖޭގެ ސަލާމަތް އޮތީ އިންޑިއާއާއެކުއެވެ. އިންޑިއާއަކީ ރާއްޖޭގެ އެންމެ މުހިންމު ބައިވެރިޔާއެވެ. ރާއްޖެ ހިމާޔަތްކޮށް، ގެއްލުމެއް ލިބޭ ކޮންމެ ފަހަރަކު އެހީތެރިވަނީ އިންޑިއާއިންނެވެ. އިންޑިއާ އަބަދުވެސް އޮންނަނީ ދިވެހިންގެ ދިފާއުގައި، ރާއްޖޭގެ ހައްގުގައެވެ. އިންޑިއާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން އަބަދުވެސް އިހުތިރާމް ކުރާނެއެވެ. އިންޑިއާއާ ރާއްޖޭގެ ގުޅުމަށް ބުރޫއަރާފަދަ ކަމެއް ރާއްޖެއިން ކޮށްގެން ނުވާނެއެވެ."

މިއީ އޭޕްރީލް 11، 2016 ގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެއިރު ހުންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު، އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ދެއްވި ޖޮއިންޓް ސްޓޭޓްމެންޓްގެ ދެއްކެވި ވާހަކަފުޅެވެ. މިއީ ރައީސް ޔާމީން އަމިއްލައަށް ދެއްކެވި ވާހަކަތަކެވެ. ވީޑިއޯއާއި އޯޑިއޯވެސް އެހުރީއެވެ.

އިންޑިއާއިން ޑޯނިއާ މަތިންދާ ބޯޓެއް ހޯދަން މަސައްކަތް ފެއްޓެވީވެސް ރައީސް ޔާމީނުގެ ވެރިކަމުގައެވެ. ހެލިކަޕްޓަރެއް އަނބުރާ ފޮނުވާލާފައި މަތިންދާބޯޓު ހޯދާށެވެ. އެމަނިކުފާނުގެ ޑިފެންސް މިނިސްޓަރު އިންޑިއާއަށް ފޮނުއްވައިގެން އެކަމުގެ ވާހަކަތައް މަތީ ފަންތީގައި އިންޑިއާއާއެކު ފެށިއެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަލާމަތާއި، ކަނޑު ފޭރޭ މީހުންގެ ނުރައްކަލާއި އަދި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ހުއްޓުވަން މުހިންމު ކަމެއް ކަމަށް ރައީސް ޔާމީނަށް ގަބޫލުފުޅު ކުރެއްވެވޭތީ ކަމަށް ވެދާނެއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަވަނިކޮށް، އިންޑިއާ އައުޓްގެ ނަމުގައި ޕީޕީއެމް ޕީއެންސީއިން ހަރަކާތްތަކެއް ހިންގަނީ ސީދާ ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ފުނޑާލާން ކަމަށް ބުނުމުގެ ފުރުސަތު އެހެންވީމާ ނޯންނާނެ ހެއްޔެވެ؟ ރިޔާސީ ރޭހަށް ނިކުމެވެން އޮތް މަގަކީ ރައީސް ޔާމީން ބަދުނާމުކޮށް، އޮތް ތާއީދު ގެއްލުވާލުން ކަމަށް ޕީޕީއެމް ޕީއެންސީގައި މިހާރު ތިއްބެވި ބޭފުޅުން ގަބޫލުކުރަނީއޭ ބުނުން ގޯހަކަށް ވާނެބާވައެވެ؟ މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނާއި ރައީސް ޔާމީނާއި ޖެއްސުމަށްފަހު އެންމެ ފަހުން އެންމެ ގާތުގައި އޮތް ގައުމާއި ރައީސް ޔާމީނާ ޖެއްސުމަށް ނޫންތޯއެވެ؟

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.