ކޮވިޑް 19 ގެ ސަބަބުން މިއަހަރު ފުޓްބޯޅައިން ލިބެން ޖެހޭ އާމްދަނީގެ ތެރެއިން 14 ބިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ބުނެފިއެވެ. 

މިއަހަރު ފުޓްބޯޅައިން 46 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ފީފާއިން އަންދާޒާކޮށްފައިވެއެވެ. އެހެން ނަމަވެސް ކޮވިޑާއި ގުޅިގެން މީގެތެރެއިން ތިން ބައި ކުޅަ އެއްބައި ވަނީ ގެއްލިގެން ގޮސްފައެވެ. ފީފާއިން ވަނީ މިހާރު ވެސް 1.5 ބިލިއަން ޑޮލަރުގެ ފަންޑެއް އެހީ ދިނުމުގެ ގޮތުން ގާއިމްކޮށްފައެވެ. މި ފަންޑުން އެހީ ހޯދުމަށް  މިހާރު ވެސް 150 އަށްވުރެ ގިނަ ފުޓްބޯޅަ އެސޯސިއޭޝަނަކުން ވަނީ އެދިފައެވެ. 

ކޮވިޑް 19 އާ ގުޅިގެން ފީފާއިން އެކުލަވާލި ކޮމިޓީގެ ޗެއަރމަން ވިދާޅުވީ މި ވައިރަސްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި ޔޫތު އެކަޑަމީތައް ވެސް ހުއްޓާލަން ބައެއް ފަރާތްތަކަށް ޖެހިފައިވާ ކަމަށެވެ. ހަމައެހެންމެ މީގެ އަސަރުތައް އަންނަ އަހަރަށް ވެސް ކުރާނެ ކަމަށެވެ. ކޮވިޑްގެ ސަބަބުން އެންމެ ބޮޑު މާލީ ގެއްލުމެއް ލިބުނީ ޔޫރަޕުގެ ފުޓްބޯޅައަށް ކަމަށްވީ ނަމަވެސް އެހެން ބައްރުތަކުގެ އެސޯސިއޭޝަންތަކަށް ލިބިފައިވާ މާލީ ގެއްލުން ޔޫރަޕަށް ނިސްބަތްވާ ގައުމުތަކުގެ އެސޯސިއޭޝަންތަކަށް ލިބުނު ގެއްލުމަށްވުރެ ބޮޑެވެ. 

ކޮންމެ އެސޯސިއޭޝަނަކުން ވެސް ފީފާއަށް 1 މިލިއަން ޑޮލަރުގެ އެހީއެއް ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު އެ އިދާރާއިން ވަނީ ހުޅުވާލާފައެވެ. އަދި އަންހެން ފުޓްބޯޅައަށް ހާއްސަކޮށް 5 ލައްކަ ޑޮލަރުގެ އެހީއެއް ކޮންމެ މެމްބަރު އެސޯސިއޭޝަނަކަށް ދިނުމަށް ފީފާއިން ވަނީ ނިންމާފައެވެ. އަދި 5 މިލިއަން ޑޮލަރާ ހަމަޔަށް އެސޯސިއޭޝަންތަކަށް ލޯނު ދޫކުރުމަށް ފީފާއިން ވަނީ ނިންމާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *