ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ޔަގީންވާން އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ރައީސް ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއިދު ކުރައްވައި ރާއްޖޭގައި އެ ނިޒާމް އޮންނަން ބޭނުންފުޅުވާ ބޭފުޅެކެވެ. ގާނޫނު އަސާސީގައި ރާއްޖޭގައި އޮންނާނެ ނިޒާމެއް ކަނޑައެޅުމަށް ރައްޔިތުންގެ ވޯޓަކަށް ދިޔައިރު ވެސް އެމްޑީޕީއިން ތާއިދުކުރީ ބަރުލަމާނީ ނިޒާމަށެވެ. 

ރައީސް ނަޝީދު މިފަހުން ވެސް ވަނީ އެ ވޯޓު، ރައީސް މައުމޫން އޮޅުވާލައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ރައީސް މައުމޫންއާ ދެ ބޭފުޅުން ބަހުގެ ހަމަލާތަކެއް ވެސް ރައްދު ކުރެއްވިއެވެ. ރައީސް މައުމޫންއަކީ ރިޔާސީ ނިޒާމަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ރައީސް ނަޝީދު ބަރުލަމާނީ ނިޒާމް ގެންނަން ބޭނުންފުޅުވީ ނަމަވެސް އެންމެ ފަހުން ވެސް ރައީސް ސޯލިހު ވެސް ވަނީ އެކަމަށް ވިސްނުންފުޅު ނެތްކަން ހާމަ ކުރައްވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރުމަށް އެމަނިކުފާނަށް ވަގުތު ނެތް ކަމަށެވެ. އެއަށްވުރެ މުހިންމު މަސައްކަތްތައް އެބަހުރި ކަމަށެވެ. 

މަޖިލީހުގައި މިހާރު ވެސް އޮތީ އެމްޑީޕީގެ ސުޕަމެޖޯރިޓީއެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރާނަމަ، ދާން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށެވެ. 

އެމްޑީޕީއިން ނެރޭ "ހަބަރު ސިޓީ"ގެ ހަތަރުވަނަ އަދަދުގައި ރައީސް ނަޝީދު ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ. އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށާއި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތް ކޮށް ދެވެން އޮތް ނިޒާމަކީ ވެސް އެއީ ކަމަށެވެ.

"ރައީސް ސޯލިހަށް ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ. އެހެންނަމަވެސް މިއީ އަދި ފަހުގެ ވާހަކައެކެވެ. މިއަދު އަޅުގަނޑު މި ފާހަގަކުރާ ކޮރަޕްޝަންގެ ވާހަކައަކީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅުން ހުރި ވާހަކައެއް ނޫނެވެ. އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެ ވާހަކަ އަޅުގަނޑު ދަންނަވާނަމެވެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ލިޔުމުގައި ލިޔުއްވާފައިވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށެވެ. ރައީސް ސޯލިހުގެ ސަރުކާރަށް ކުޑަ ވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަން ރައީސްއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭ ގޮތުން ނުރުހުން ފާޅުކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުއްމީދަކާއި އެކުއެއް ނޫނެވެ. އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސް ކަމެއް ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީއިން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށް ދިނުމެވެ." ރައީސް ނަޝީދު ލިޔުއްވިއެވެ. 

އެމްޑީޕީގެ ތެރެއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އައި ހިސާބުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑަށް ވަނީ އުފެދިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ފައްޔާޒުގެ ދިފާއުގައި ތިއްބެވި މެންބަރުންނާއި ފައްޔާޒު، މަގާމުން ދުރުކުރަން ރައީސް ނަޝީދާ ބައިއަތު ހިއްޕަވައިގެން ތިއްބެވި މެންބަރުންނެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތަކީ ރައީސް ނަޝީދު އިސްވެ ހުންނަވާ ކުރައްވާ ކަމެކެވެ. އެއީ ޕާޓީ، ހިޔާނާތުގެ ހަޑިން ސަލާމަތް ކުރުމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ މިކަމުގައި ދުވަސްވީ އެކުވެރިޔާއާ ހިޔާލު ތަފާތުވެފައެވެ. ރައީސް ގަބޫލު ކުރައްވާ ގޮތުގައި ފައްޔާޒު މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތެވެ. އަދި ފައްޔާޒު ސަލާމަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު އަމިއްލައަށް މަގާމުން އެކަހެރިވެވަޑައިގަތުމަށް ވެސް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް ސޯލިހު އެފަދަ އިޝާރާތެއް ނުކުރައްވާ ކަމަށް ވިދާޅުވެ، ފައްޔާޒު ވަނީ އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާފައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *