އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އެޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އާކޮށްފިއެވެ. 

އުމުރުން 31 އަހަރުގެ އޮބާމަޔަން އާސެނަލްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އޭނާ ކުޅުނު ފުރަތަމަ ފުލް ސީޒަނުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ ރަން ބޫޓު ހޯދިއެވެ. 

އޭނާގެ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް އޮތީ ހަމަވާ ގޮތަށެވެ. އެހެންކަމުން އޭނާއަށް ޖެނުއަރީ ޓްރާންސްފަރ މާކެޓުގައި ހިލޭ އެހެން ކްލަބަކަށް ބަދަލުވާން އެއްބަސްވެވެން އޮތް ނަމަވެސް އައު ކޮންޓްރެކްޓާއެކު އޭނާ އާސެނަލްގައި މަޑުކުރާނެކަން މިހާރު ވަނީ ކަށަވަރުކޮށްފައެވެ. 

އާސެނަލްއިން މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ލަނޑު ޖެހިއެވެ. އަދި ޖުލައި މަހު ޗެލްސީއާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕް ފައިނަލްގައި ވެސް އޭނާ ލަނޑު ޖެހިއެވެ. 

އައު ކޮންޓްރެކްޓްގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން އޮބާމަޔަން ބުނީ އެއްވެސް އިރެއްގައި ކޮންޓްރެކްޓް އައު ނުކުރުމާ މެދު ނުވިސްނާ ކަމަށާއި މިހާރު އޮތް ސްކޮޑާއެކު ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. 

އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އޮބާމަޔަން ޓީމުގައި މަޑުކުރުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި ޓީމު އަލުން ގަދަ ބާރަކަށް ހެދުމަށް ކުރަމުންދާ މަސައްތަކުގައި އޭނާއަކީ މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. 

އޮބާމަޔަންއަކީ އާސެނަލްގެ ތާރީހުގައި ވެސް އެންމެ އަގުބޮޑުކޮށް އެޓީމުން ގަތް ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ހޯދުމަށް އެޓީމުން ވަނީ 56 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއެއް ބޮރޫޝިއާ ޑޯޓްމަންޑަށް ދައްކާފައެވެ. އޭނާ ވަނީ އާސެނަލްއަށް ކުޅުނު 111 މެޗުގައި 72 ލަނޑު ޖަހައިދީފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *