އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ ބެލުމަށް މި ސަރުކާރުގެ އިހްލާސްތެރިކަން އެބަ އޮތް ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ. 

އަދީބު މިހެން ވިދާޅުވީ މިއަދު ހައިކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައެވެ. އަދީބުގެ މައްޗަށް މިފަހުން އުފުލި ހިޔާނާތުގެ ހަތް ދައުވާއެއް ވަނީ ކުރިމިނަލް ކޯޓުން ޝަރީއަތް ހިންގެވުމަކާ ނުލައި ބޭރުކޮށްލާފައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުން އިސްތިއުފާނުކުރިއެވެ.

ދައުލަތުން މިއަދު ވަނީ ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ނިންމުން އިސްތިއުނާފު ކުރާ ސަބަބުތައް ތަފްސީލްކޮށް ކިޔައިދެއްވާފައެވެ. ގާޒީ އިސްމާއިލް ރަޝީދު މިވަގުތު ހުންނެވީ ސަސްޕެންޝަންގައެވެ.

ދައުލަތުން ފާހަގަ ކުރެއްވި ނުކުތާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. ވަކީލަކާއެކު ނުލާ އަދީބު ޝަރީއަތް ކުރިއަށް ގެންދަވަމުން ވިދާޅުވީ ދައުވާތަކަކީ މައުޟުއީ ގޮތުން ކުރިއަށް ގެންދަން ޖެހޭ ޝަރީއަތެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ މައްސަލަ އެގޮތަށް ނިންމަވައި ދެއްވުމަށް އަދީބު އެދިވަޑައިގެންނެވިއެވެ.

އަދީބު ވިދާޅުވީ ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ޝަރީއަތް ކުރިއަށް ދިޔައިރު ދައުލަތުގެ ނިޔަތާމެދު އޭނާއަށް އޮޅުން އެރި ކަމަށެވެ. އަޑު ކެނޑިކެނޑިގެން އައުމުން ދައުލަތުން އަދީބު އެއްބާރުލުން ނުދެއްވާ ކަމަށް ދޭހަވާ މޭރަމަކުން ވާހަކަ ދެއްކެވި ކަމަށް ގަބޫލު ކުރެވި، ދައުލަތާއެކު އެ ދުވަހު ޒުވާބަކަށް ދިޔައީ ކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި ވަނީ މާފަށް އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ ކުރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވާ ގިނަ ކަންތައްތަކަކީ އޭނާ ދެއްކެވި ވާހަކަތަކެއްގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނޫން ކަމަށެވެ. އެގޮތުން ކުރީގެ ޕީޖީ ބިޝާމް އަދި އެސިސްޓެންޓް ސީޕީ ރިޔާޒު އޭނާއަށް ޓޯޗާ ކުރެއްވި ކަމަށް ނިންމުމުގައި ބުނެފައިވީ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވިއެވެ. ވިދާޅުވީ އޭނާއަށް ޓޯޗާއެއް ކޮށްފައިނުވާ ކަމަށާއި އެމްއެމްޕީއާރްސީގެ މައްސަލާގައި ދައުލަތަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އަދީބު ވިދާޅުވީ މި ސަރުކާރުން އެމްއެމްޕީއާރްސީ މައްސަލަ ބެލުމުގެ ހެޔޮ ނިޔަތް އެބަ އޮތް ކަމަށާއި ކޮރަޕްޝަނުން ވަރަށް ގިނަ ބަޔަކަށް މަންފާ ލިބިފައިވާތީ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް ސޯލިހުގެ މި ސަރުކާރުގެ އެބައޮތް އެ އިހްލާސްތެރިކަމާއި ގާބިލްކަން އެމްއެމްޕީއާރްސީ މައްސަލަ ބެލުމުގެ، މި މައްސަލަ އިހްލާސްތެރިކަމާއެކު ބަލައި ނިންމުމުގެ، އެހެންވެ އަޅުގަނޑު އެއްބާރުލުން ދެމުން މިދަނީ، މި ފައިސާ ރައްޔިތުންނަށް އަނބުރާ ހޯދޭނެ އަދި ހޯދަން ޖެހޭނެ، އަދި ހަމައެހެންވެ އިންސާފު ގާއިމްވާން ޖެހޭ، މީގައި މަންފާވި އެތައް ބަޔަކު އެބަތިބި، އަޅުގަނޑު މި ދަނީ ދެވުނު އެއްބާރުލުމެއް ދެމުން،" އަދީބު ވިދާޅުވިއެވެ. 

މިއަދު ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައެވެ. އަދީބާއި ދައުލަތުން ވެސް އެދިފައިވަނީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށް އަމުރުކޮށް ދިނުމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *