އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ހުރިހާ ގޮތަކުން ވެސް ތާރީހީ ދަތުރުފުޅެކެވެ. ދެ ގައުމުގެ މެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެންދިޔަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމަކީ އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުށި އަދި މާލެއަށް ފަސިންޖަރުންނާއި މުދާ ހިފައިގެން ދަތުރުކުރާ ފެރީ ދަތުރުތައް ބޭއްވުމާބެހޭ އެއްބަސްވުމެވެ.

މިހާރު ވެސް މާލެއަށް އިންޑިއާއިން ކާގޯ ބޯޓުތައް ބަނދަރުކުރަމުން ދިޔަ ނަމަވެސް ހދ. ކުޅުދުއްފުއްޓަށް މި އެއްބަސްވުމާއެކު ލިބިގެންދިޔައީ އާ އުއްމީދުތަކެކެވެ. ބައިނަލްއަގްވާމީ ކަނޑުގެ ބަނދަރެއް އެރަށުގައި އޮތް ނަމަވެސް އެ ބަނދަރުގެ ބޭނުން ރަނގަޅު ގޮތެއްގައި މީގެކުރިން ހިފިފައެއް ނުވެއެވެ. އެ ބަނދަރުން ކުޅުދުއްފުށީގެ ރައްޔިތުންގެ ޖީބުތަކަށް ލިބެންޖެހޭ ލުއިތަކެއް އެންމެ އެދެވޭ ގޮތެއްގައި ލިބިގެން ގޮސްފައެއް ނުވެއެވެ. އެހެން ނަމަވެސް މި އެއްބަސްވުމާއެކު މި އުއްމީދުތައް އާވެގެންދިޔައީއެވެ.  

ކުޅުދުއްފުއްޓަށް ކުރާ މި ފެރީ ދަތުރުތަކުން ލިބިގެންދާނެ ފައިދާތަކަށް ބަލާލުމުގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް އެތެރެކުރި މުދަލުގެ ތަފާސް ހިސާބުތަކަށް ބަލާލާނަމެވެ. މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާއިން 4.47 ބިލިއަން ރުފިޔާގެ މުދާ އިންޑިއާއިން ރާއްޖެއަށް އިމްޕޯޓްކޮށްފައިވެއެވެ. އޭގެ ތެރޭގައި ބޭހާއި، ކޮންސްޓްރަކްޝަން ސާމާނާއި، ކާބޯތަކެއްޗާއި، އަންނައުނާއި، ދަގަނޑު އަދި އެހެނިހެން ބާވަތްތައް ވެސް ހިމެނެއެވެ. މި ހުރިހާ މުދަލެއް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް، އުތުރުގެ އަތޮޅުތައް ހިމެނޭހެން ފޯރުކޮށްދެވިފައިވަނީ މާލޭގެ ބަނދަރަށް މުދާތައް ބާލައިގެންނެވެ. 

އިންޑިއާއިން ގެންނަ މުދާ މާލެ ނުގެނެސް ސީދާ އުތުރަށް ބޭލުން ވެގެންދާނީ އިންތިހާއަށް ހަރަދު ކުޑަވެގެންދާނެ ކަމަކަށެވެ. ހަމައެހެންމެ މުދާ ލިބުމަށް ރައްޔިތުން ކުރަން ޖެހޭ އިންތިޒާރު ކުޑަވެގެންދާނެއެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ހާއްސަ އަހަންމިއްޔަތު ކަމެއް ދޭއިރު މި ފެެރީ ވެގެންދާނީ އަގުބޮޑުކޮށް ކޮންޓެއިނަރު ގަނެގެން ނުވަތަ ބަޔެއްގެ ޝިޕިން ލައިނަކަށް ބޮޑު ފީދައްކައިގެން މުދާ ގެނައުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރާ މަސައްކަތްތައް ނިމިގެންދާނެ ކަމަކަށެވެ. އުތުރުގެ ރަށްތަކަށް ނިސްބަތްވާ ވިޔަފާރިވެރިންނަށް މުދާ ގެނައުން ފަސޭހަވުން ވެގެންދާނީ މުދަލުގެ އަގުހެޔޮ ވެގެންދާނެ ކަމަކަށެވެ. އާހިރުގައި ލުއިވެގެންދަނީ ރައްޔިތު މީހާގެ ޖީބަށެވެ. 

ރާއްޖެއަކީ އުފެއްދުންތެރިކަން ކުޑަ ގައުމެއް ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ވަނީ އިންޑިއާއަށް އަށް މިލިއަން ރުފިޔާގެ ތަކެތި އެކްސްޕޯޓްކޮށްފައެވެ. މީގެ ތެރެއިން 7.6 މިލިއަން ރުފިޔާގެ ތަކެއްޗަކީ ބާދަގަނޑު ކަމަށްވީ ނަމަވެސް މި ފެށިގެންދާ ފެރީ ދަތުރުތަކާއެކު ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް ފޯރުކޮށްދިނުމުގެ ދޮރު ވަނީ ހުޅުވިގެން ގޮސްފައެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވެސް އިންޑިއާއަށް ރާއްޖޭގެ މުދާ އެކްސްޕޯޓް ކުރި ގޮތަށް އަނެއްކާ ވެސް ދިވެހިންގެ ދިވެހި އުފެއްދުންތައް އިންޑިއާގެ މާކެޓްތަކުން ފެނިގެންދާނެއެވެ. 

އިންޑިއާއިން ރާއްޖެއަށް އާއްމު ގޮތެއްގައި އެންމެ ގިނައިން އެތެރެކުރަނީ ކާބޯތަކެތި ކަމަށްވާއިރު މާލެއަށްވުރެ އުތުރުގެ ރަށްތަކުގައި މި އެއްޗެހީގެ އަގުބޮޑެވެ. އެހެން ދިމާވާން މެދުވެރި ވަނީ ވެސް މި އެއްޗެހި އެންމެ ފުރަތަމަ އަންނަ ތަނަކީ މާލެ ކަމަށްވުމާއެކު ދައްކަން ޖެހޭ ޑިއުޓީ އާއި ޓެކްސްގެ ރޭޓް އިތުރުވާތީއެވެ. އަދި ރަށަށް ގެންދިޔުމަށް އިތުރު ހަރަދުތަކެއް ކުރާތީއެވެ. އެހެން ނަމަވެސް މި ފެރީގެ ހިދުމަތްތަކާއެކު އުތުރުގެ ރަށްތަކަށް މިފަދަ ތަކެތި ސަޕްލައި ކޮށްދޭ ރާއްޖޭގެ ކުންފުނިތަކުން މާލެއަށް މުދާ ގެނައުމުގެ ބަދަލުގައި އުތުރަށް ބޭނުންވާ މުދާތައް ކުޅުދުއްފުށީ ބަނދަރަށް ބޭލުމުގެ މަގުފަހި ވެގެންދާނެއެވެ. ޑިއުޓީ މާފްކުރެވި ޓެކްސް ދައްކަން ނުޖެހި މުދާ ބޭރުކުރުން ވެގެންދާނީ އުތުރުގެ ރަށްތަކުގައި މިފަދަ މުދަލުގެ އަގު އިންތިހާއަށް ތިރިވެގެންދާނެ ކަމަކަަށެވެ. މިއާއެކު އާއްމު ރައްޔިތު މީހާގެ ޖީބަށް ލުއިވެގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. 

ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށްވާއިރު މި ފެށިގެންދާ ފެރީ ދަތުރުތަކާއެކު އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ. މިހާރު ވެސް ރާއްޖެ އަންނަ ކްރޫޒް ލައިނާ ތަކުން އިންޑިއާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ފަތުރުވެރިން އާދެއެވެ. އަދި އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓްގެ ކުރީގައި އުޅޭ ގައުމެކެވެ. އެހެންކަމުން އުތުރުގައި ހިންގާ ގެސްޓް ހައުސްތަކާއި ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓްތައް މި ފެރީ ދަތުރުތަކާއެކު އިތުރުވެގެންދާނެއެވެ. ސީދާ ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވަންނަ މަގު ފަހިވެގެންދާނެއެވެ. 

މާލޭގެ ވިޔަފާރި ބަނދަރަށް ނުކަތާ ވަރަށް މިހާރު ވެސް މުދާ ރާއްޖެ ގެންނައިރު ކުޅުދުއްފުއްށީ ބަނދަރަށް އިންޑިއާއިން މުދާ ގެންނަން ފެށުން ވެގެންދާނީ އެތައް ވަޒީފާއެއް އެކަމުގެ ސަބަބުން އުފެދިގެންދާނެ ކަމަކަށެވެ. މާލޭގައި ބޮޑު ކުއްޔަށް އާއިލާ ދޫކޮށްލުމަށްފަހު އައިސް ވަޒީފާ އަދާކުރަމުންދާ އުތުރުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އާމްދަނީ ހޯދޭނެ އެތައް ދޮރެއް މިކަމުގެ ސަބަބުން ހުޅުވިގެންދާނެއެވެ. މި ފެރީ ވެގެންދާނީ އުތުރުގެ ރަށްތަކަށް ފައިސާ ވަންނަ މަގުތައް އިތުރުވެގެންދާނެ ކަމަކަށެވެ. އުތުރުގެ އިގްތިސާދު ހަލުވިކަމާއެކު ކުރިއަރައިގެންދާނެ ކަމަކަށެވެ. އުތުރުގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެމީހުންގެ ވިޔަފާރިތައް ފުޅާކުރުމަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. 

މި ފެރީގެ ސަަބަބުން ރާއްޖޭގެ އިގްތިސާދު ހަލާކުވެގެންދާނެ ކަމަށް ބަޔަކު ބުނި ކަމުގައި ވިޔަަސް ހަމަ ބުއްދިން ވިސްނާ ކޮންމެ މީހަކަށް ވެސް މިއީ އުތުރުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ބާރުވެރިކަން ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭނެއެވެ. ހަމަ ގައިމުވެސް ކުރިން މަނާކޮށްފައި ވާ އެއްވެސް އެއްޗެއް ހުއްދަ އެއްޗެއްގެ ގޮތުގައި ކުޅުދުއްފުށީ ބަނދަރަށް ނުބޭލޭނެއެވެ. އެއީ އެތަނުގައި ވެސް ހިނގާނީ މާލޭގައި ހިނގާ ގާނޫނާއި ގަވާއިދުތައް ކަމަށްވާތީއެވެ. ކޮންމެއަކަސް ރާއްޖެއިން ރަސްމީކޮށް ފުރަތަމަ ފަހަރަށް ކަނޑުގެ މަގުން ގައުމަކާއި ދެމެދު މިފަށާ ފެރީގެ ހިދުމަތަށް އުތުރުގެ ރައްޔިތުން ތިބީ ކެތްމަދުވެ، އުއްމީދުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.