ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ޓާމިނަލް އިން ފަތުރުވެރިންތަކެއް ނިކުންނަނީ - ފޮޓޯ: މިހާރު

އިގްތިސާދީ ދުވެލި އެންމެ ބާރު ގައުމުތަކުގެ ލިސްޓުގެ ތިން ވަނައިގައި ރާއްޖެ ހިިމެނިއްޖެ އެވެ

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި އަހަރުގެ އެޕްރިލް މަހު ނެރެފައިވާ ތަފާސް ހިސާބްތައް ދައްކާގޮތުން އިގްތިސާދީ ދުވެލީގައި 2020 ވަނަ އަހަރު އޮތް 32.24 އިންސައްތައިން މި އަހަރު ރާއްޖެ ވަނީ 18.87 އިންސައްތައަށް ވެއްޓިފައެވެ. އަދި 2022 ވަނަ އަހަރު އިގްތިސާދީ ދުވެލީގައި 13.38 އިންސައްތައިގެ ވެއްޓުމެއް ރާއްޖެއަށް އަންނާނެ ލަފާކޮށްފައިވާއިރު، 2023 ވަނަ އަހަރު 12.63 އިންސައްތައިގެ ވެއްޓުމެއް ރާއްޖެއަށް އަންނާނެ ކަމަށްވެސް އައިއެމްއެފްއިން ވަނީ ލަފާކޮށްފައެވެ.

ތަރައްގީވަމުން އަންނަ މެދުފަންތީގެ ގައުމެއްގެ ގޮތުގައި ވޯލްޑް ބެންކުން ރާއްޖެ ގިންތިކޮށްފައިވާއިރު، އިގްތިސާދީ ދުވެލީގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިގެންދިަޔައީ ފަތުރުވެރިކަމުގެ ދާއިރާގެ އެހީތެރިކަމާއެކުގައެވެ. އަދި މަސްވެރިކަމާއި، ކޮމާޝަލް އެކްޓިވިޓީސުންވެސް ވަނީ ދުވެލި ބާރު ކުރުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

ރާއްޖޭގެ ބޯޑަރުތައް މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަންދުކުރުމާއެކު، ފަތުރުވެރިންނަށް ރާއްޖެ ނާދެވި ގައުމުގެ ތާރީހުގައިވެސް އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ރާއްޖެއަށް 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، 2020 ވަނަ އަހަރު ވަނީ މި އަދަދު 67.4 އިންސައްތައިގެ ވެއްޓުމަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާ އިއާދަކުރެވުމާއެކު، އައިއެމްއެފްއިން އަންދާޒާ ކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު ފުޅާވެ، 4.5 ބިލިއަން ޑޮލަރަށް އަރާނެއެވެ. އެއީ ނިސްބަތުން ބަލާނަމަ، 18.87 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ރާއްޖެގޭގެ އިގްތިސާދު 2025 ވަނަ އަހަރު ހަތް ބިލިއަން ޑޮލަރު ފަހަނައަޅައިދާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންދާޒާ ކޮށްފައެވެ.

ރާއްޖޭގެ ޖީޑީޕީ 2019 ވަނަ އަހަރު 5.63 ބިލިއަން ޑޮލަރުގައި ހުރިއިރު، މި އަދަދު މިދިޔަ އަހަރު ވަނީ ތިން ބައި ކުޅަ އެއްބައި ދަށަށް ގޮސްފައެވެ. އެއީ 3.75 ބިލިއަން ޑޯލަރުގެ ވެއްޓުމެކެވެ. އެގޮތުން ވޯލްޑް ބޭންކުގެ ތަފާސް ހިސާބްތައް ދައްކާ ގޮތުގައި ރާއްޖޭގެ ޕޮވަރޓީ ރޭޓް ވަނީ 2019 ވަނަ އަހަރު 2.1 އިންސައްތައިގައި ހުރުމަށްފަހު 2020 ވަނަ އަހަރު 7.2 އިންސައްތަ މައްޗަށް ޖެހިލާފައެވެ. އެއީ އަދަދުގެ ގޮތުން ބަލާނަމަ 3.75 ބިލިއަން ޑޮލަރަށް ދަށްވުމެވެ. އަދި ގޭބިސީތަކުގެ ސާރވޭއިން އެއްކުރެވުނު މައުލޫމާތުގެ މައްޗަށް ބުރަވެ، ވޯލްޑް ބޭންކް އިން މިހާރު އަންދާޒާ ކުރާ ގޮތުގައި، ކުރިން 2019 ވަނަ އަހަރު އަންދާޒާ ކުރެވުނު 2020 ވަނަ އަހަރުގެ ފަގީރުންގެ ނިސްބަތް 2.1 އިންސައްތައިން 7.2 އިންސައްތައަށް އިތުރުވާނެ ކަމަށެވެ.

 

2021 ވަނަ އަހަރުގެ އިގްތިސާދީ ދުވެލި އެންމެ ބާރު ފަސް ގައުމަކީ:

  1. ލީބިއާ
  2. މަކާއޯ
  3. ރާއްޖެ
  4. ގުއަނާ
  5. އިންޑިއާ
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.