ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޑިމޮކުރަސީން ކަށަވަރުކޮށްދޭ ބައެއް ހައްގުތައް އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްއެޅިފައި ވީ ނަމަވެސް، ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބާގައި ފޮނުއްވި ހިތޯބުގައެވެ.

ރައީސް ހިތޯބު، ފަށްޓަވަމުން އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ އިތުރުން ޑިމޮކުރަސީގެ ހަމަތައް ނަގަހައްޓައި ދެމެހެއްޓުމަށް މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނަށާއި، އަމިއްލަ ޖަމުއިއްޔާތަކާއި ޖަމާއަތްތަކަށް ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ގައުމަށް ކުރިމަތިވެފައިވާ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި ހާލަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ކޮންމެ ފަރުދަކަށް ލިބިދީފައިވާ ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ހައްގަށް އުނިކަމެއް އަޔަނުދީ، އެ ހައްގު ރައްކާތެރިކޮށްދެއްވުން ކަމުގައެވެ.

އެ މަނިކުފާނުގެ ހިތޯބުގައި ޑިމޮކުރަސީ ދުވަސް ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރުމުގެ މަޤްޞަދުގެ މައްޗަށް ބައްލަވާލެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދަކީ ދައުލަތް ހިންގުމުގެ ނިޒާމުގައި ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އޮތްކަން ކަށަވަރުކުރުމާއި، އެކަމަށް މަގު ފަހިކޮށްދިނުމާއެކު ދައުލަތް ހިންގުމުގެ ކަންކަން، ނަޒާހަތްތެރިކަމާއެކު ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ޒިންމާދާރުކަމާއެކު ކުރަމުން ގެންދިއުމަށް ބާރުއެޅުމަށް ކަމުގައެވެ.

މި އަހަރުގެ ޑިމޮކުރަސީ ދުވަސް ފާހަގަކުރާ މި ދުވަސްވަރަކީ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ޤައުމުތަކުގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް ހުއްޓިފައިވާ ދުވަސްވަރެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާ މި ދަނޑިވަޅުގައި، ޑިމޮކުރަސީގެ ހަމަތަކާއި އުޞޫލުތަކުގެ ތެރެއިން ދައުލަތުގެ ހުރިހާ ގުނަންތައް އެކުގައި މަސައްކަތްކުރުމަށާއި، ފަރުދީ ފެންވަރުގައާއި ޖަމާޢަތުގެ ފެންވަރުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ ޑިމޮކުރަސީގެ ފުރިހަމަ މަންފާތައް ހޯދުމަށް، ކޯވިޑް-19 ގެ ނުރައްކަލުން ވީ އެންމެ އަވަހަކަށް މިންޖުވުމަށް މަސައްކަތްކުރަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ފަރުދީ ޒިންމާގެ އިސްކޮށް އިޖްތިމާޢީ ގައިދުރުކަމަށް އިސްކަން ދިނުމަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެދިވަޑައިގެންނެވިއެވެ. އަދި، އިޤްތިޞާދަށް ދިރުން ގެނައުމަށް ވެސް، ކޯވިޑް-19 އާއި ދެކޮޅަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެ މަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *