ކޮވިޑް-19 ބަލިމަޑުކަމާއެކު މުޅި މާލޭގައި މިވަނީ މާސްކު އަޅުވާފައެވެ. ރާއްޖެއިން ކޮވިޑް ފެނުމާއެކު މާލޭގައި މީހުން މާސްކު އަޅަން ފެށިއެވެ. ފޮތި މާސްކު ފަހައި ވިއްކާ މީހުން ވެސް އިތުރުވިއެވެ. ދެން މާލެއިން ކޮވިޑް ފެނުމާއެކު މާސްކަކީ އެންމެންނަށް ވެސް މުހިންމު އެއްޗަކަށްވިއެވެ. 

މާލޭގެ ލޮކްޑައުންއަށް ލުއި ދިނުމަށްފަހު މާސްކު އެޅުން މަޖުބޫރުކުރިއެވެ. މާސްކު މަޖުބޫރު ކުރިއިރު ވެސް ގިނަ މީހުން ދިޔައީ މާސްކު އަޅަމުންނެވެ. މިހާރު މާލޭގެ މަގުމަތިން މާސްކު ނާޅާ މީހަކު ނުފެނެއެވެ. އެއާ ހިލާފުވާ ބައެއް މީހުން ޖޫރިމަނާ ވެސް ކުރިއެވެ. 

މާސްކަކީ މިހާރު މާލޭގައި ދިރިއުޅޭ މީހުންގެ އަންނައުނުގެ އެއް ބަޔަށް ވަނީ ވެފައެވެ. ކޮންމެހެން ވެސް މުހިންމު އެއްޗަކަށް ވަނީ ވެފައެވެ. މާސްކު ނާޅާ ބޭރަށް ނުކުންނަން މިހާރު ހަނދާނެއް ވެސް ނުނެތެއެވެ. ފޯނާއި ވޮލެޓް ފަދައިން މާސްކު ވެސް އެއީ މިހާރު އަތުގައި ބޭރަށް ދާނަމަ އޮންނަން ޖެހޭ އެއްޗެކެވެ. 

މިއީ ކޮވިޑާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެއި ބޮޑު ބަދަލެކެވެ. ކޮވިޑާއެކު މާލޭގައި މީހުން ދިރިއުޅޭތާ މިހާރު ހަ މަސް ވަނީއެވެ. އެއާއެކު ކޮވިޑްގެ ބަލިމަޑުކަން ރަށްރަށް މިހާރު ވަނީ ކޮންމެ ވެސް ވަރަކަށް ގޮސްފައެވެ. މާލޭގައި ތިބުމަށްފަހު ރަށަށް ބަދަލުވެ ހޯމް ކަރަންޓީނުވި ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މާލެ ދަތުރުކުރާ ދޯނިތަކުން މީހުން ޕޮޒިޓިވްވެފައިވެއެވެ. އޭގެ އިތުރުން ގދ. ހޯނޑެއްދޫއިން ވަނީ 38 ޕޮޒިޓިވް ކޭސް ވެސް ފެނިފައެވެ. 

ދަތުރުފަތުރުކުރާއިރު އާއި އެކްޓިވް ކޭސްއެއް ހުރި ކޮންމެ ރަށެއްގައި ވެސް މާސްކު އެޅުމަކީ މިހާރު މަޖުބޫރު ކަމެކެވެ. އަދި ރަށްރަށުގެ ސްކޫލްތަކުގައި މިހާރު ވެސް މާސްކު އެޅުން ދަރިވަރުންނަށް މަޖުބޫރެވެ. ސްކޫލަށް ވަންނަ ނަމަ ބެލެނިވެރިން ވެސް މާސްކު އަޅަން ޖެހެއެވެ. ނަމަވެސް އެހެން އާންމު ތަންތަނަށް ދާއިރު މާސްކެއް ނާޅައެވެ. ސްކޫލް ހަމަ ބޭރުވާއިރަށް މާސްކު ނަގައެވެ. ރަށުގައި ބަލި ނެތުމުން ކަންބޮޑުވުމެއް ނެތީއެވެ. ނަމަވެސް މިހާރު މިއީ ހުރިހާ ރަށެއްގައި ވެސް މާސްކު އަޅަންވީ ވަގުތުކަން މި ވަނީ ހާމަކޮށްފައެވެ. 

ރޭ އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ފާހަގަ ކުރެއްވި އެއް ކަމަކީ މިއީއެވެ. ނަޒްލާ ވިދާޅުވީ އެދެނީ ހުރިހާ ރަށެއްގައި ވެސް ހުރިހާ މީހުން ވެސް މާސްކު އެޅުމަށް ކަމަށެވެ. ބަލި ނޫޅޭ ރަށްރަށުގައި ވެސް ސްކޫލް ނޫން އެހެން އާންމު ތަންތަނަށް ނުކުންނައިރު ވެސް މާސްކު އަޅަންވީ ކަމަށް ނަޒްލާ ވިދާޅުވިއެވެ. 

"އާންމު ސިއްހަތުގައި މި އަޅާ ފިޔަވަޅުތަކަކީ ބަލި ފެނުނީމަ ނުވަތަ ބަލި ޖެހުނީމަ ކުރަން ހުރި ކަންތައްތަކެއް ނޫން، ބަލި އަންނާނެކަން އެބަ އެނގޭ، އެ ފުރުސަތު އޮތްކަން އެބަ އެނގޭ، އެހެންވީމަ އެ ކުރިއަށް ފިޔަވަޅު އަޅަންވީ، މާސްކު އަޅައިގެން އުޅޭނަމަ އެންމެ މީހެއްގެ ފަރާތުން ވެސް ބަލި ފެތުރުމަށް، މިސާލަކަށް ކަރަންޓީނުގައި ހުންނަ މީހެއް ބޭރަށް ނުކުތަސް އޭނާއާ ބައްދަލުވާ މީހުން މާސްކު އަޅައިގެން ތިބި ކަމަށްވާނަމަ އޭނާގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަވެގެން ދާނެ، އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ހުރިހާ ރަށެއްގައި ވެސް އާންމުކޮށް މާލޭގައި ވެސް މި އަޅާ ފޮތި މާސްކު އެޅުން، އަދި ބަލީގެ އަލާމާތެއް ހުންނަ މީހެއްނަމަ ސާޖިކަލް މާސްކު އެޅުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ. 

ދެން އޮތީ ރަށްރަށަށް ހޯމް ކަރަންޓީނަށް ދާ މީހުންގެ ވާހަކައެކެވެ. އެމީހުންނަށް ހާއްސަ ޒިންމާއެއް އެބަ އޮތެވެ. އެތައް ރައްޔިތުންނެއް އުޅޭ ރަށަކަށް ދަނީ ބަލި ހިފައިގެން ކަމަށް ވެސް ވެދާނެއެވެ. އެހެންކަމުން ރަށްރަށަށް ބަލި ފެތުރުން ހުއްޓުވުމަށް އަޅާފައިވާ އެންމެ މުހިންމު ފިޔަވަޅު ކަމަށްވާ ހޯމް ކަރަންޓީނު އުސޫލަށް ރަނގަޅަށް ތަބާވާންޖެހެއެވެ. 

ނަޒްލާ ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ ބައެއް މީހުން ގޭގެ އެހެން މީހުންނާ ކޮންޓެކްޓް ވެފައި ހުންނަކަން ފާހަގަކުރެވެއެވެ. ކާން ގެންނަ މީހާއާ މާސްކު ނާޅާ ދިމާވެފައި އެބަހުރި ކަމަށެވެ. އަދި ކަރަންޓީނުގެ މުއްދަތު ނިމި ސާމްޕަލް ނެގުމުން ބޭރު ތެރެއަށް ނުކުންނަ ކަމަށާއި ނަމަވެސް ނަތީޖާ ލިބެންދެން ކޮންމެ މީހަކު ވެސް މަޑުކުރަން ޖެހޭނެ ކަމަށެވެ. 

ހޯމް ކަރަންޓީނު ފިޔަވަޅު ނޭޅިނަމަ ރަށްރަށުގައި ބަލި ފެތުރިގެން ދިޔައީސް ކަމަށާއި އެހެންވެ، އެ އުސޫލަށް ރަނގަޅަށް ކަމާހިތުމަކީ ވަރަށް މުހިންމު ކަމެއްކަން ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ އެކަނި އެހެން ތިބުމަކީ އުނދަގޫ ކަމެއްކަން ވެސް އެނގޭ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކުރުން މުހިންމު ކަމަށެވެ. 

މާލެއަށް ބޯޓުފަހަރުގައި އަންނަ މީހުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ނަޒްލާ އެދިވަޑައިގެންނެވިއެވެ. އެގޮތުން މާލެއަށް އެއްގޮތަކަސް ފައިބައިގެން ނުވާނެ ކަމަށާއި ބޯޓަށް މާލެއިން މީހަކު އަރުވައިގެން ނުވާނެ ކަމަށެވެ. ބޯޓަށް މުދާ ގެންނަ ފަރާތްތަކާ ވެސް ދުރުގައި މާސްކު އަޅައިގެން ތިބުމަށް ނަޒްލާ އެދިވަޑައިގެންނެވިއެވެ. އެހެން ނޫންނަމަ އެ ބޯޓެއް ނުވަތަ ދޯންޏެއް ރަށް ދިޔުމުން ކަރަންޓީނު ކުރާނެކަން ނަޒްލާ ފާހަގަކުރެއްވިއެވެ. 

ކޮވިޑްގެ ބަލިމަޑުކަމަކީ އެންމެ މުހިންމު ފިޔަވަޅަކީ ފަރުދީ ޒިންމާއެވެ. އެ ޒިންމާއަކީ ހަމަ ކޮންމެ މީހެއްގެ މައްޗަށް ވެސް އޮތް ކަމެކެވެ. މުޅި މުޖުތަމައުގެ މައްޗަށް އޮތް ވާޖިބެކެވެ. އެހެންކަމުން ފަރުދީ ޒިންމާ އަދާކޮށް ބަލި ފެތުރުން ކުޑަކުރަން އެޅެން ހުރި ކޮންމެ ފިޔަވަޅެއް އަމިއްލައަށް ވެސް އެޅުން ރައްކާތެރިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.