ސިޔާސީ ޕާޓީތަކުގެ އިސް ފަރާތް ކަނޑައަޅަނީ އިލެކްޝަން ކޮމިޝަން (އީސީ)އިން ނޫން ކަމަށާއި އެކަން ކަނޑައަޅަނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދުން ކަމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

ޝަރީފް މިހެން ވިދާޅުވީ، ވެރިކަން ކުރާ އެމްޑީޕީގެ އިސް ފަރާތާމެދު ބަހުސެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ. ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީގެ އިސް ފަރާތަކީ ކޮބައިކަން އަންގައިދިނުމަށް އީސީގައި ވެސް އެދިފައެވެ. 

ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އީސީއަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް ފަރާތް ކަނޑައަޅާނެ މުއައްސަސާއެއް ނޫން ކަމަށެވެ. އެކަން އެނގޭނީ އެ ޕާޓީއެއްގެ އަސާސީ ގަވައިދު އޮތް ގޮތަކުން ކަމަށެވެ. 

"އެމްޑީޕީގެ އަސާސީ ގަވައިދުގެ ހަވަނަ ބާބުގެ މާއްދާތަކުން އެކަން އެނގެން އެބަ އޮތް،" ޝަރީފް ވިދާޅުވިއެވެ. 

އެމްޑީޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގައި އޮވެއެވެ؛ "ޕާޓީ ދިވެހިރާއްޖޭގެ ވެރިކަމުގައި އޮންނައިރު އެއިރެއްގައި ހުރި ރައީސުލްޖުމްހޫރިއްޔާއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފާރަތަކީ އޭނާއެވެ. ޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު ޕާޓީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސްއެވެ."

ގަވައިދުގައި މިހެން ލިޔެފައި އޮތްކަން ހަނދާނަށް ގެނެސްދީ މީގެކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ވާހަކަފުޅު ދައްކަވާފައިވެއެވެ.

"އަޅުގަނޑަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އިނގޭތޯ. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެކަން އޮތް ގޮތް. އަޅުގަނޑު ވެރިކަމުގައި ހުއްޓަސް، އަޅުގަނޑު ޖެހޭނެ ޕާޓީއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން،" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް ދުވަސްވަރު ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހުގެ މި ވާހަކަފުޅާއި އަސާސީ ގަވައިދާ ފުށުއަރާ ވާހަކައެއް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ. ގާނޫނީ ވަކީލް ހަސަން ލަތީފް އެ ޕާޓީގެ ފިޔަވަޅު ކޮމިޓީގެ ނައިބު މުގައްރިރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމު ކަމަށާއި އަދި ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރާ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުގައެވެ.

ޕާޓީގެ އިސް ލީޑަރާމެދު މިހާރު އުފެދިފައިވާ ސުވާލު ވެސް މިހެން ފެންމަތިވެފައިމިވާއިރު، އާންމު ގޮތެއްގައި ޕާޓީގެ އެންމެ އިސް ބޭފުޅަކަށް ވާނީ އެ ޕާޓީއެއްގެ ރައީސްއެވެ. ނަމަވެސް ރައީސް ނަޝީދު ވެރިކަން ކުރެއްވިއިރު ވެސް އެމްޑީޕީގެ ރައީސްގެ ގޮތުގައި އެހެން ބޭފުޅުން ތިއްބެވިއެވެ. އޭރު މި ބަހުސް ހޫނެއް ނުވެއެވެ.

ރައީސް ނަޝީދު ވެރިކަން ކުރެއްވިއިރު އެމްޑީޕީގައި ރައީސުން ތިއްބެވި ނަމަވެސް ޕާޓީގެ އެންމެ އިސް ލީޑަރުގެ ގޮތުގައި ބަލަމުން ދިޔައީ ރައީސް ނަޝީދަށެވެ. އެއީ އެމްޑީޕީގެ ގަވައިދުގައި އެގޮތަށް ލިޔެފައި އޮތުމުންނެވެ.

އެނގިފައިވާ ގޮތުގައި އއ. އުކުޅަހުގައި ރައީސް ސޯލިހަށް ރިޔާސީ ކެންޑިޑޭޓް ދިނުމަށްފަހު ގަވައިދުގެ މި ބަޔަށް ބަދަލު ގެންނަން މަސައްކަތް ކުރިއެވެ. އެއީ ރައީސް ނަޝީދު އެގޮތަށް ބޭނުންފުޅުވާތީއެވެ. ނަމަވެސް ގަވައިދަށް އޭރު އެއްވެސް ބަދަލެއް ގެންނަން އެއްބަސްވެވިފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *