އެމްޑީޕީ ބައިބައިކުރަން ބަޔަކު ކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. 

ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ބައިބައި ނުވާނެ ކަމަށާއި ނުވެސް ކުރެވޭނެ ކަމަށެވެ. ޕާޓީގެ މެންބަރުން އެކަން އެހެން ވިޔަކަ ނުވެސް ދޭނެ ކަމަށެވެ. 

"ބައިބައި ކުރެވިދާނެ ކަމަށް ހީކޮށްގެން އެ މަސައްކަތް ކުރާ މީހުން އެ ކުރަނީ ވަރަށް ބޭކާރު މަސައްކަތެއް،" ހަސަން ވިދާޅުވިއެވެ. 

ހަސަން ލަތީފް މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެފަދައިން ވާހަކަފުޅު ދައްކަވާފައިވާތީއެވެ. އެމްޑީޕީގެ ގުރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ ވިދާޅުވީ "މި ޕާޓީ ބައިބައި ނުވާނެ" ކަމަށެވެ. އެކަމާ ކަންބޮޑުނުވުމަށެވެ. އަދި ވިދާޅުވީ "އަބަދުވެސް ހިޔާލު ތަފާތު ވާނެ" ކަމަށެވެ.

އެމްޑީޕީގެ ތެރެއަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އައި ހިސާބުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑަށް ވަނީ އުފެދިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ފައްޔާޒުގެ ދިފާއުގައި ތިއްބެވި މެންބަރުންނާއި ފައްޔާޒު، މަގާމުން ދުރުކުރަން ރައީސް ނަޝީދާ ބައިއަތު ހިއްޕަވައިގެން ތިއްބެވި މެންބަރުންނެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތަކީ ރައީސް ނަޝީދު އިސްވެ ހުންނަވާ ކުރައްވާ ކަމެކެވެ. އެއީ ޕާޓީ، ހިޔާނާތުގެ ހަޑިން ސަލާމަތް ކުރުމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ނަމަވެސް ރައީސް ސޯލިހު ވަނީ މިކަމުގައި ދުވަސްވީ އެކުވެރިޔާއާ ހިޔާލު ތަފާތުވެފައެވެ. ރައީސް ގަބޫލު ކުރައްވާ ގޮތުގައި ފައްޔާޒު މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތެވެ. އަދި ފައްޔާޒު ސަލާމަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިއާއެކު، ފައްޔާޒު މަގާމުން ދުރުކުރުން ދެ ރައީސުންގެ ރޭހަކަށް ވަނީ ވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.