ފައިސާގެ ބޭނުމުގައި އެއްވަގުތެއްގައި 35 އަންހެނުންނާއި ލޯބީގެ ގޮތުން ގުޅުން ބޭއްވި ޖަޕާނުގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

39 އަހަރުގެ ތަކާޝީ މިޔަގަވާ ވަނީ އެއްވަގުތެއްގައި 35 އަންހެނުންނާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އުފަން ދުވަހުގައި އަގުބޮޑު ހަދިޔާ ހޯދުމުގެ ބޭނުމުގަ އެވެ. އެގޮތުން ތަކާޝީގެ އަސްލު އުފަން ދުވަހަކީ ނޮވެމްބަރު 14 ކަމުގައި ވިޔަސް އެކި އަންހެނުން ކައިރީ ތަފާތު ތާރީހުތަކެއް ބުނެގެން ވަނީ އަހަރުގެ އެކި ދުވަސްތަކުގައި އަގުބޮޑު ހަދިޔާ ހޯދާފައެވެ.

ތަކާޝީ ވަނީ 100,000 ޔެން (925 ޑޮލަރު) އަށް ވުރެ ގިނައިން އަގުކުރެވޭ ހަދިޔާ އެ އަންހެން މީހުންގެ ފަރާތުން ހޯދާފައެވެ.

ދެކުނު ޖަޕާނުގެ ފެންމާގަނޑު ވިއްކުމަށް ހާއްސަކޮށްފައިވާ ކޮމްޕެނީ ޝޯރޫމްއެއްގައި ވަޒީފާ އަދާކުރަމުންދިޔަ ތަކާޝީ ފިހާރައަށް ވިޔަފާރިކުރަން އަންނަ އަންހެނުންގެ ތެރެއިން އުމުރުން ދޮށީ އަދި ހުސްކޮށް ތިބި ބައެއް އަންހެނުންނާ ބައްދަލުކޮށް ލޯބީގެ ގޮތުން ގުޅުން ބާއްވައެވެ. އެ އަންހެނުންގެ ފަރާތުން އުފަން ދުވަހުގައި އަގުބޮޑު ހަދިޔާ ހޯދުމުގެ އިތުރުން ތަކާޝީ ވަނީ ފެންމާގަނޑު އެމީހުންނަށް ވިއްކިއިރު އަމިއްލަ ފައިދާއެއް ހިމަނައިގެން ވިއްކާފައެވެ.

ޓަކާޝީ އާ ލޯބީގެ ގޮތުން ގުޅުނު ބައެއް އަންހެނުން މިކަމުގެ ވާނުވާ އެނގުމުން މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަވެއެވެ. މިހާތަނަށް 35 އަންހެނުންނުންގެ މައްސަލަ ފެންމަތިވިޔަސް ލަފާކުރެވޭގޮތުގައި މީގެ އިތުރަށްވެސް ތަކާޝީ ހިޔާނާތްތެރިވެފައިވާ އަންހެނުން ތިބުން އެކަށީގެންވެއެވެ.

ތަކާޝީ ހައްޔަރުކުރުމާ ގުޅިގެން މީސްމީޑިއާގައި ވަނީ އެކި މީހުންގެ ފަރާތުން މި ހަބަރު ތަފާތު ގޮތަށް ދެކެވިފައެވެ. މިއީ ހުތުރު އަމަލެއް ކަމަށް ދެކި އެއްބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު އަނެއްބަޔަކު ދަނީ އެއްވަގުތެއްގައި އެހާ ގިނާ އަންހެނުންނާއެކު ލޯބީގެ ގޮތުން ގުޅި އެމީހުންނަށް ވަގުތު ހުސްކުރި ގޮތާމެދު ސުވާލު އުފައްދާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.