ދެކުދިންގެ މަންމައެއް ކަމަށްވާ ލަތީފާ އަދުނާނަކީ އިންސްޓަގްރާމާއި އެހެނިހެން ސޯޝަލް މީޑިޔާ ޕްލެޓްފޯރމް ތަކުގައި ވަރަށް އަޑުހަރުކޮށް އެކިއެކި އިޖުތިމާއީ މައްސަލަތަކާއި ގުޅުންހުރި ވާހަކަ ދައްކާ އެކްޓިވިސްޓެކެވެ. މީހުންގެ ތެރޭގައި އާންމުކޮށް "ނުދައްކާ ވާހަކަ"އަށް ވެފައި ހުންނަ މައުޟޫއު ތަކަކީ ޚާއްސަ ގޮތެއްގައި ލަތީފާ އެންމެ ގިނައިން އަލިއަޅުވާލަން ބޭނުންވާ މައުޟޫއު ތަކެވެ.
އެގޮތުން އަންހެނުންގެ މައްސަރު ކަންތައް، ޖިންސީ އަނިޔާއާއި ފުރައްސާރަ، ސެކްސް އެޑް، ނަފްސާނީ ބަލިތައް، ކޮންސެންޓް، އަނބިފިރި ކަމުގެ ގުޅުންފަދަ މައުޟޫއުތަކާ ބެހޭ ގޮތުން އޭނާ އެކިގޮތްގޮތުން ހޭލުންތެރިކަން ފަތުރަން މަސައްކަތް ކުރެއެވެ. މިފަދަ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކަން ފެތުރުމާ ދޭތެރޭ ލަތީފާ ވިސްނަންފެށީ ލަންކާގައި ސައިކޮލޮޖީ ކިޔަވަން ހުރި ދުުވަސްކޮޅު އެކިއެކި ކަންކަމާ ބެހޭގޮތުން ލިޔެވިފައި ހުންނަ އާޓިކަލް ފެނި އެކްޓިވިޒަމްއާއި ދޭތެރޭ ޝައުގުވެރިކަން އުފެދިގެންނެވެ.
"އޭރު ވިސްނުނީ އަސްލު އެބަހުއްޓޭ ވަރަށް ބައިވަރު ކަންތައްތަކުގެ ވާހަކަ ދައްކަން އެކަމަކު އެއްވެސް ބަޔަކު އެވާހަކައެއް ނުދައްކައޭ. ދެން އަމިއްލަ ދިރިއުޅުމުގަ ދިމާވާ މައްސަލަތަކާ އެހެން މީހުންގެ ދިރިއުޅުމުގަ ދިމާވާ މައްސަލަތައް ފެނިފަ އެނގުނީ އަސްލު [މުޖުތަމައުގެ ތެރޭގަ] ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތް އެބަހުއްޓޭ. އެހިސާބުން އައި ނިއު އިޓް ވޯޒް މައި ކޯލިންގ."

އެންޑޯމެޓްރިއޯސިސްއާއި ބެހޭގޮތުން ބޭއްވުނު ހޭލުންތެރިކުރުވުމުގެ ކެމްޕެއިނެއްތެރެއިން
މީގެ ހަތް އަހަރު ކުރިން ލަތީފާ އެކްޓިވިޒަމް އަށް ހިތްޖެހުނު އިރު މިހާރު ދެކެވޭ ވަރަށްވެސް އެފަދަ އިޖުތިމާއީ މައްސަލަތަކާ ބެހޭގޮތުން ވާހަކައެއް ނުދެކެވެއެވެ. އެހެންކަމުން ޑިގްރީ ނިންމި ގޮތަށް އެފަދަ މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކަން ފެތުރުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ. އެދުވަސްކޮޅު އޭނާގެ ދިރިއުޅުމުގައި ދިމާވި އެކިއެކި ކަންކަމުގެ ސަބަބުން އެކަމަށް މާގިނަ ވަގުތު ހުސްކުރެވޭނެ ގޮތެއް ނުވިޔަސް އޭރުވެސް އޭނާ ފޭސްބުކްގައި ދޭތެރެ ދޭތެރެއިން އިޖުތިމާއީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަތައް ދައްކާ، އެފަދަ ސްޓޭޓަސްތައް ޖަހާ ހަދައެވެ.
"އޭރުގަވެސް ވަރަށް ފާހަގަ ކުރެވޭ، ބައެއް މީހުން ޕްރައިވެޓްކޮށް މެސެޖުކޮށްފަ ބުނާނެ ވަރަށް ސަޅިޔޭ ތި އަލިއަޅުވާލާ ކަންތައްތައް، އެކަމަކު ނުކެރޭނެ ލައިކެއް ދޭކަށްވެސް އެހެން މީހަކަށް އެކަހަލަ ޕޯސްޓެއް ލައިކް ކޮށްފަ އިންނަތަން ފެނިދާނެތީ. އެހާވެސް ޓެބޫ [އެކަހަލަ ވާހަކަތައް ދެއްކުން]."
މީހުންގެ ފަރާތުން އެފަދަ ރެސްޕޮންސެއް ލިބިގެން ދިޔުންވީ އޭރު ލަތީފާ ވަރަށް ބޮޑަށް ހައިރާންވި ކަމަކަށެވެ. ނަމަވެސް އެކި މީހުންނާ މުއާމަލާތު ކުރެވުމާއެކު މީހުން އެފަދަ ވާހަކަތައް ދެއްކުމަށް އެވަރަށް ޖެހިލުންވާ ސަބަބުތައް މިހާރު ކޮންމެވެސް ވަރަކަށް ލަތީފާއަށް ގަބޫލުކުރެވެއެވެ.
"އޭރު ގިނަ މީހުންނަކަށް ނުވިސްނޭ ކަންނޭނގެ އެކަހަލަ ވާހަކަ ދެއްކުމުގެ މުހިންމު ކަމެއް. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައާ، އަދި އޭގެ އިތުރުން ބައިވަރު ސެކްޝުއަލް މައްސަލަތަކާ ހިއުމަން ރައިޓްސް މައްސަލަތަކާ، އަސްލު ދަ ގްރެވިޓީ އޮފް ދަ ސިޗުއޭޝަން އަންޑަސްޓޭންޑް ވާ ހެންނެއް ހިޔެއްނުވޭ."

ވާރޖިނިޓީ، ނުވަތަ ބިކުރުވެރިކަމާ ގުޅޭގޮތުން ލަތީފާ ލިޔެފައިވާ އާޓިކަލްއެއްގެ ތަންކޮޅެއް
ލަތީފާގެ ދިރިއުޅުމުގައި ދެވަނަ ކައިވެންޏެއް ކުރެވި ދެވަނަ ދަރިޔެއް ލިބިގެން ދިޔައިރުވެސް އޭނާގެ ހުވަފެނެއް އޮވެ، ހުވަފެނާ އެއްގޮތަށް އެކްޓިވިޒަމްގެ ކަންތައް ކުރިޔަށް ނުގެންދެވޭތީ އޭނާ ދިޔައީ އެކަމާމެދު އިތުރަށް ދެރަވަމުންނެވެ. ދައްކަން ބޭނުންވެފައި ހުރި ވާހަކަތައް އާންމުންނާ ހިސާބަށް ފޯރުކޮށްދޭނެ ފިޒިކަލް ޕްލެޓްފޯމެއް ލިބޭތޯ ލަތީފާ ކުރި މަސައްކަތްވެސް ދިޔައީ ނާކާމިޔާބުވެގެންނެވެ. އެންމެފަހުން އޭނާ ނިންމީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ރީބްރޭންޑް ކުރުމަށްފަހު އެ އެކައުންޓް މެދުވެރިކޮށް ތަފާތު ވާހަކަތައް މީހުންނާ ހިއްސާކުރާށެވެ.
"އޭރު ހަމަ ނިންމީ ސީރިޔަސް ކޮށް މިކަން ކުރަން ފަށާނަމޭ. ދެޓް ވޯޒް ދަ ސްޓާރޓް އަސްލު." ކުޅަދާނަ ލިޔުންތެރިޔެއްކަމުން، ޕޯސްޓް ތަކުގެ އިތުރުން އަޑު އަޅާފައިވާ ކުރު އާޅެންތަކުގެ ސިފައިގައިވެސް ލަތީފާ ވަނީ އެކި ކަންކަމާ ބެހޭ ވާހަކަތައް ތަފާތު މީހުންގެ ނަޒަރުން ގެނެސްދީފައެވެ. ލަތީފާގެ އެކްޓިވިޒަމްގައި ފާހަގަކޮށްލެވޭ އެންމެ ހާއްސަ އެއް ކަމަކީ، އޭނާ ހުރިހާ ވާހަކައެއް ދައްކާ އިރުވެސް އިސްލާމްދީނުގައި ކަން އޮންނަގޮތް ވަރަށް ރަނގަޅަށް ސާފުކޮށްދޭކަމެވެ.

“އެސެންޝަލް ޓޯކްސް”ގެ ނަމުގައޖ ލަތީފާ ބައިވެރިވެފައިވާ ޕޮޑްކާސްޓެއް
ކުރިޔާ އަޅާބަލާއިރު އިޖުތިމާއީ މައްސަލަތަކާ ބެހޭގޮތުން މީހުން ހޭލުންތެރިވެފައިވާ މިންވަރު މިހާރު ވަރަށް ބޮޑުތަން އިތުރުވެފައި ވިޔަސް، ލަތީފާ ބުނިގޮތުގައި ކްރޯނިކް އިލްނަސް ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާ ބަލިތަކާއި ނަފްސާނީ ބަލި ނޫނަސް ހަށިގަނޑުން އޭގެ ނިޝާނެއް ފެންނަން ނުހުންނަފަދަ “އިންވިޒިބަލް” ބަލިތަކާއި ބެހޭގޮތުން އަދިވެސް މީހުންގެ ތެރޭގައި އެކަށީގެންވާ ވަރަށް ވާހަކައެއް ނުދެކެވެއެވެ. އޭގެ އިތުރުން މީހުން ވާހަކަ ދައްކަން އެންމެ ބޮޑަށް ޖެހިލުންވާ އެއް މައުޟޫއުގެ ތެރޭގައި ލަތީފާ ހާއްސަކޮށް ފާހަގަ ކުރީ “މެރިޓަލް ސެކްސްގެ” މައުޞޫއެވެ.
“އެކަހަލަ ޕޯސްޓެއް ޖެހީމަ ވަރަށް ގިނަ މީހުން ޑީއެމް ކުރާނެ އެމީހުންގެ އެކްސްޕީރިއަންސް ކިޔައިދީފަ. އެހީއަށް އެދިގެންވެސް ވަރަށް ގިނަ މީހުން މެސެޖު ކުރާނެ. ވަރަށް ދެރަވޭ ރާއްޖޭގަ އެހީ ފޯރުކޮށްދޭން އެކަމަށް ޚާއްސަ ސްޕެސިފިކް ތަނެއް ނުހުންނާތީ އެމީހުން ރިފަރ ކޮށްދޭން.”
އެހެންނަމަވެސް ލަތީފާއަށް ވީވަރަކުން އެހީއަށް އެދޭ މީހުންނަށް އެހީ ހޯދައިދޭން އޭނާ މަސައްކަތް ކުރެއެވެ. މެޑިކަލް އެހީއަށް ބޭނުންވާ މީހުންނަށް ރަނގަޅު ޑޮކްޓަރެއް ހޯދައިދީ، މީހުން ކުރާ ސުވާލުތަކަށް ބިނާކޮށް ސައްހަ މައުލޫމާތު ފޯރުކޮށްދީ ހަދައެވެ.
މީގެ އިތުރުން ކުޑަދުވަސްކޮޅެއް ކުރިން ލަތީފާ ވަނީ މައްސަރުކަންތަކާއި ބެހޭގޮތުން އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށް އެކިކަހަލަ ވާހަކަތައް ދައްކާފައެވެ. ފޮލޯވަރުންގެ ތަޖުރިބާތައް ހިއްސާކުރުމުގެ އިތުރުން، މީހުން ކުރާ ސުވާލުތަކަށް އެންމެނަށް ފެންނާނެހެން ޖަވާބުދީ ހަދާފައިވެއެވެ. ޕީރިއަޑް ވުމަކީ ކޮންމެ މަހަކު އަންހެނުން އުފުލަންޖެހޭ ތަކުލީފަކަށް ވިޔަސް ގިނަމީހުންނަށް އެއީ ދައްކަން ނުކެރޭ “ހަޑި” ވާހަކައެކެވެ. ނަމަވެސް ފަހަކަށްއައިސް އެ ވިސްނުން މަޑުމަޑުން ބަދަލުވަމުން ދާކަމަށް ލަތީފާ ގަބޫލުކުރެއެވެ.
“ބައެއްމީހުން މެސެޖު ކޮށްފަ ބުނޭ، އަހަރެން ކުޑައިރު މިހެން މިހެންނޭ ކަންތައްވީ. މިހާރު އަހަންނަށް އަންހެން ކުއްޖެއް ލިބިއްޖެޔޭ، އިރާދަކުރެއްވިއްޔާ އަހަރެންގެ ދަރިޔަށް އެކަހަލަ ގޮތެއް ނުހަދާނަމޭ. އެހެން ބުނީމަ ވަރަށް އުފާވޭ. އެހިސާބުން އެހުރީ އެގޭގެ ސައިކަލް ބްރޭކްވެފަ ތާ.”
ރޯދަމަސް ފެށުމާއި ގުޅިގެން ލަތީފާ ވަނީ ބައެއް ހާލަތްތަކުގައި ރޯދަމަހު ޕީރިއަޑްވުމުންވެސް ގޭގައި އުޅޭ ފިރިހެނުންނަށް އެކަން ސިއްރުކުރުމަށްޓަކައި ރޯދަހިފާކަމަށް ހެދިގެން އަންހެނުން އުޅެންޖެހޭތީ، އެކަމާ ބެހޭގޮތުން އާޓިކަލްއެއް ލިޔެފައެވެ.

ރޯދަމަހާއި ޕީރިއަޑާއި ބެހޭގޮތުން ލަތީފާ ލިޔުނު އާޓިކަލްގެ ތަންކޮޅެއް
ޕީރިއަޑް ވުމަކީ ލަދުވެތި ކަމެއްކަން އަންހެން ކުދިންނަށް ވިސްނައިދީ، ރޯދަމަހު އެކަން ފޮރުވައިގެން އުޅުމަށް ހިތްވަރުދިނުމުން، ހަށިގަނޑަށް ބޭނުންވާ ވަރަށް ރަނގަޅު ކާނާ ނުލިބުމުގެ އިތުރުން، ރޯދައަށް ހުންނަ ކަމަށް ހެދެންވެގެން ދަންވަރު ތެދުވެ ނިދި ނަގާލާފައި ހާރުކާންޖެހޭ ހާލަތްތައް ވެސް ބައެއް ގޭގޭގައި ދިމާވެއެވެ. މިގޮތަށް ކަންތައް ކުރުމަކީ ސިއްހީ ގޮތުންވެސް އަދި ދީނީ ގޮތުންވެސް ރަނގަޅުކަމެއް ނޫންކަން ފާހަގަކޮށް ޕީރިއަޑް ވުމާ ދޭތެރޭ އެހާ ގޯސް ނަޒަރަކުން ދެކެވެނީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލުކުރުމަށް ލަތީފާ އެދުނެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އަދި ލިޔުންތެރިކަމުގެ ޒަރިއްޔާއިން މީހުން ހޭލުންތެރިކުރުމުގެ އިތުރުން އެން.ޖީ.އޯތަކާއި ގުޅިގެންވެސް ލަތީފާ ބައެއްފަހަރު މަސައްކަތްކުރެއެވެ. އޭނާއާއި އެކު މަސައްކަތް ކުރަން ބޭނުންވާ ޖަމިއްޔާތަކުން ނުވަތަ އެހެނިހެން ފަރާތްތަކުން އިންސްޓަގްރާމް މެދުވެރިކޮށް އޭނާއަށް މެސެޖު ކުރުމަށް ލަތީފާ އެދެއެވެ. އެގޮތުން މިހާރުވެސް އޭނާ ދަނީ ޒީރޯވޭސްޓް އެމް ވީ އާގުޅިގެން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން މިދިޔަ ޑިސެމްބަރ މަހުވެސް ލަތީފާވަނީ މަމްސް އެން.ޖީ.އޯގެ ފަރާތުން ތ. ހިރިލަންދޫގައި ބޭއްވި “ޓީ އެންޑް ޓޯކް” އިވެންޓުގައި ކުޑަކުދިންގެ ގައިގައި ހުއްދަނެތި އަތްލުމުގެ ގެއްލުންތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. ދިވެހިންގެ ތެރޭގައި ކުޑަކުއްޖެއް ފެނުމުން އުރާ ލޯބިކޮށް ބައްދާ ހެދުމަކީ އާންމު ކަމެއްކަމުން، ލަތީފާ ބުނިގޮތުގައި ދަރިން ގައިގައި ހުއްދަނެތި އަތްނުލާން ބުނުމަކީ ބައެއް މީހުން އެކަމާމެދު ހިތްހަމަ ނުޖެހި، ބައެއް ހާލަތްތަކުގައި “އޮފެންޑް”ވެ ރުޅިއަންނަ ހިސާބަށްވެސް ދާކަމެކެވެ. ނަމަވެސް ލަތީފާ ފާހަގަކުރި ގޮތުގައި އެކަމުން ދަރިންނަށް “ބޮޑިލީ އޮޓޯނޮމީ” ދަސްކޮށްދެވޭނެއެވެ.
“ގިނަ ފަހަރަށް ކުޑަކުދިންނަށް ކިޔައިދީފައެއް ނޯވޭ ނޫނެކޭ ބުނުމުގެ ހައްގު އެކުދިންނަށް ލިބިގެންވާކަމެއް. ދެން ކޮންމެ މީހަކު އައިސް [ކުއްޖާގެ] ކޮލުގަ ހިފާލާފަ ދިޔަޔަސް، ކިތަންމެ އުނދަގޫވިޔަސް [ކުއްޖާ] އެއްޗެކޭ ބުނެފިއްޔާ އާންމުކޮށް މަންމަވެސް އަންނާނީ ރުޅި، އެމީހާ ދެރަވެދާނެޔޭ ކިޔާފަ. [އެހެން ކަންތައް ކުރީމަ] ކުއްޖާ ހިތަށް އަރާނީ އެމީހާގެ އިހުސާސް މާ މުހިންމޭ ތިމަންނަގެ އިހުސާސްތަކަށްވުރެ. ދެން އެބިޔުޒާ އައިއްސަ ކުރާނެ ކަމެއް ކޮއްފަ ދިޔައިމަވެސް ކުއްޖާ ހުންނާނީ ހަމަ އެ މެންޓަލް ސްޓޭޓްގަ އެންނު.”
ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ހަށިގަނޑުގެ މައްޗަށް ބާރު ހިންގޭނެކަން ކިޔައިދީފައި އޮތުމުން، ބޮޑުވަމުންދާއިރު އެކުދިން ހިތްހަމަނުޖެހޭ ގޮތަކަށް މީހަކު އަތްލައިފިނަމަ އެކަން ފާހަގަކޮށް އެއީ ކޮށްގެން ނުވާނެ ކަމެއްކަން ކުއްޖާ އަމިއްލައަށް ދެނެގަންނާނެއެވެ. ކުޑައިރުން ފެށިގެން “ކޮންސެންޓް” މިގޮތަށް ދަސްކޮށްދިނުމަކީ ޖިންސީ ގޯނާފަދަ ކަންކަމުން ދަރިން ރައްކާތެރިކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެއްކަމަށް ލަތީފާ ފާހަގަ ކުރިއެވެ.

ހުއްދަ ނެތި ކުޑަކުދިންގެ ގައިގައި އަތްލުމާ ބެހޭގޮތުން ހިރިލަންދޫގައި ބޭއްވުނު “ޓީ އެންޑް ޓޯކް” އިވެންޓުގައި ލަތީފާ ވާހަކަ ދައްކަނީ
ދެކެވޭ ވާހަކައިގެ ބާވަތުން އޭނާ ބައެއްކަހަލަ “ހައި ރިސްކް” ޕޯސްޓްތައް ކުރަނީ އަމާޒުވެދާނެ ފާޑުކިޔުންތަކާމެދު ވަރަށް ބިރުން ހުރެކަމަށް ލަތީފާ ބުންޏެވެ. ނަމަވެސް އަދި މިހާތަނަށް އައިއިރު ނެގެޓިވް ރިއެކްޝަންގެ ބަދަލުގައި ގިނައީ މީހުންގެ ފަރާތުން ލިބޭ ސަޕޯޓްކަން ފާހަގަކޮށްލެވެއެވެ.
ކުރިޔަށް އޮތްތަނުގައި “މެރިޓަލް ރިލޭޝަންޝިޕްސް” ނުވަތަ އަނބިފިރިކަމުގެ ގުޅުމާބެހޭ ގޮތުން ވާހަކަދައްކާ ފޮލޯވަރުންގެ ޚިޔާލު ހޯދާ، އެކަމާބެހޭ ޕޯސްޓްތައް ޖެހުމުގެ ޚިޔާލު ގެންގުޅޭކަމަށް ލަތީފާ ބުންޏެވެ. “ޓެބޫ ޓޮޕިކްސް” އާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގައި ދެގޮތެއްނުވެ ކުރިޔަށްދާން ބޭނުންވާ ލަތީފާއަށް އެންމެ ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ލިބެނީ އޭނާގެ ފިރިމީހާގެ ފަރާތުންކަން ލަތީފާ ޝުކުރުވެރި ކަމާއެކު ފާހަގަކުރިއެވެ.
ވަރަށް ރަންގަޅު ކަމެއް