އިންޑޮނީޝިއާގެ ސަބްމެރިންގެ ކްރޫއިން މަރުވި ހާދިސާއާ ގުޅިގެން މިނިސްޓަރ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިންޑޮނީޝިއާ ސިފައިންގެ ސަބްމެރިން KRI Nanggala-402 އަށް ދިމާވި ޙާދިސާގައި، އެ ސަބްމެރިންގެ ކްރޫއިން މަރުވުމާ ގުޅިގެން އިންޑޮނީޝިއާގެ ފޮރިން މިނިސްޓަރ ރެޓްނޯ އެލް.ޕީ. މަރްސޫދީ އަށް ފޮރިން މިނިސްޓަރ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މެސެޖްގައި، މި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ރައްޔިތުންނާ އަދި މިނިސްޓަރގެ އަމިއްލަ ނަންފުޅުގައި އިޚްލާސްތެރި ތައުޒިޔާ ވިދާޅުވިއެވެ. އަދި މަރުވި ކްރޫ މެމްބަރުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް އެދިވަޑައިގަތެވެ.

މިދިޔަ ބުދަ ދުވަހު އެ ސަބްމެރިންއަށް ލައިވް ޓޯޕީޑޯ ޓްރެއިނިންގެ ހަރަކާތްތަކުގެ ތެރެއިން ބާލީގެ ބޭރުން އަޑިޔަށް ދިއުމަށް ހުއްދަ ދެވިފައިވާ ކަމަށް އިންޑޮނޭޝިއާގެ ނޭވީ ޗީފް ޔޫޑޯ މަރްގޯނޯ ވިދާޅުވެފައިވެއެވެ. ސަބްމެރިން އަޑިޔަށް ފީނިތާ މާގިނައިރު ތަކެއް ނުވެ ސިގްނަލް ގެއްލި ސަބްމެރިން ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

72 ގަޑިއިރު އޮކްސިޖަން ސަޕްލައި އެއް ސަބްމެރިންގައި ހުރުމުން ހޮނިހިރު ދުވަހުގެ ހެނދުނުގެ ނިޔަލަށް ސަބްމެރިން ހޯދައި ފަޅުވެރިން ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. ސަބްމެރިން ނުހޯދި އުޅެނިކޮށް ސަބްމެރިންގެ ބައިތަކެއް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ސަބްމެރިންގެ ޕެރިސްކޯޕް ގައި އުންގުޅާ ލުބްރިކޭޓިންގް ތެޔޮ ފުޅިއަކާއި، ޓޯޕީޑޯ ރައްކާތެރިކަމާއެކު ހިފެހެއްޓުމަށް ބޭނުންކުރާ ބަޔަކާއި، ފަޅުވެރިން ނަމާދު ކުރުމަށް ބޭނުންކުރާ މުސައްލަތަކެއގެ އިތުރުން ތެޔޯ ލީކެއްވެސް ވަނީ ފެނިފައެވެ.

ސަބްމެރިން އަޑިޔަށް ދިޔަ ހިސާބުން މި ތަކެތި ފެނުމާއި ގުޅިގެން އިންޑޮނޭޝިއާގެ ނޭވީ އިން ވަނީ ސަބްމެރިން ފެތިފައިވާ ކަމަށް އަދި ފަޅުވެރިންވެސް މަރުވެފައިވާ ކަމަށް އިއުލާނުކޮށްފައެެވެ.

ސަބްމެރިންގައި ތިބީ 49 ފަޅުވެރިންނާއި ސަބްމެރިންގެ ބަޑިތައް އޮޕަރޭޓުކުރުމަށް ތިބި 3 ގަނަރުންނެވެ. މި ސަބްމެރިންއަކީ 1981 ވަނަ އަހަރުން ފެށިގެން ހިދުމަތުގައި ބޭނުންކުރެވެމުން އަންނަ ސަބްމެރިންނެކެވެ. މި ސަބްމެރިންއަށް 500 މީޓަރާ ހަމަޔަށް ފީނާ އެ ފުންމިނުގެ ޕްރެޝަރުގައި މަސައްކަތް ކުރެވެއެވެ. އެހެންނަމަވެސް މި ސަބްމެރިންގެ ސިގްނަލެއް ލިބިފައިވަނީ 850 މީޓަރު އަޑިން ކަމަށް މަރްގޯނޯ ވިދާޅުވިއެވެ.

 

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.