އިނގިރޭސި ޕްރިމިއަރ ލީގަށް ޕްރޮމޯޓްވި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. 

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މިދިޔަ 30 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ލީގު ކާމިޔާބުކުރުމަށްފަހު ލިވަޕޫލްއިން ކުޅުނު ފުރަތަމަ މެޗުގެ ހަތަރު ވަނަ މިނެޓުގައި މިސްރުގެ މުހައްމަދު ސަލާހު ވަނީ ޕެނަލްޓީއަކުން ލަނޑެއް ޖަހައިދީ އެޓީމަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއެކު މިދިޔަ ހަތަރު ސީޒަނުގައި ވެސް ލިވަޕޫލް ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ސަލާހް ވަނީ ލަނޑު ޖަހާފައެވެ. 

މެޗުގެ 12 ވަނަ މިނެޓުގައި ޖެކް ހެރިސަން ލަނޑެއް ޖަހައިދީ ލީޑްސްއަށް އެއްވަރުކޮށްދިން ނަމަވެސް ރޮބަޓްސަންގެ ކޯނަރަކުން މެޗުގެ 20 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ވެން ޑައިކް ވަނީ ލިވަޕޫލްއަށް އަލުން ލީޑު ނަގައިދީފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި ޕެޓްރިކް ބެމްފޯޑްގެ ލަނޑުން ލީޑްސް އެއްވަރުކުރިއިރު ސަލާހް ވަނީ އޭގެ ތިން މިނެޓު ފަހުން އަނެއްކާ ވެސް ލަނޑެއް ޖަހާ ލިވަޕޫލްއަށް ލީޑު ނަގައިދީފައެވެ. 

އެއް ލަނޑުގެ ލީޑެއްގައި ލިވަޕޫލް ފުރަތަމަ ހާފު ނިންމާލިއިރު މެޗުގެ 66 ވަނަ މިނެޓުގައި ލީޑްސްއިން ވަނީ މަޓެއުޒް ކްލިޗްގެ ލަނޑުން އެއްވަރުކޮށްފައެވެ. ލިވަޕޫލް މެޗުން މޮޅުވި ލަނޑު 88 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖަހައިދިނީ މުހައްމަދު ސަލާހުއެވެ. 

މި މެޗާއެކު ލިވަޕޫލް އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 60 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. އަންނަ ހަފްތާގައި ލިވަޕޫލް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.