މި މަހުގެ 22 ވަނަ ދުވަހު އިންޖެނިއުޓީ ހެލިކޮޕްޓަރުން މާސްގައި ނެގި ފޮޓޯ ވެގެންދިޔައީ އެންމެ ފުރަތަމަ ވައިގައި އޮތް އުޅަނދެއް މާސްގެ ކުލަ ފޮޓޯއެއް ނެގި ފުރަތަމަ ފަހަރަށެވެ. އިންޖެނިއުޓީގެ ދެވަނަ ދަތުރުގެ ކާމިޔާބީއާއެކު ތިންވަނަ ބުރަށް ދަތުރުކުރުމަށް ވެސް ހަމަޖެހިފައެވެ.

މި މަހުގެ 19 ގައި އިންޖެނިއުޓީ ހެލިކޮޕްޓަރުން މާސްގައި ކުރި ފުރަތަމަ ދަތުރުގައި ލިބިފައިވަނީ ބްލެކް އެންޑް ވައިޓް ފޮޓޯތަކެކެވެ. ނަމަވެސް އިންޖެނިއުޓީގެ ދެވަނަ ދަތުރަށްފަހު ހުކުރު ދުވަހު ނާސާ އިން ހިއްސާކުރި މި ފޮޓޯތަކަކީ މާސްގައި ވައިގައި އުޅަނދެއް ދަތުރު ކުރަމުންދަނިކޮށް ކުލަ ފޮޓޯ ނެގި ފުރަތަމަ ފަހަރުކަން ނާސާއިން ވަނީ ފާހަގަކޮށްފައެވެ. މި ފޮޓޯގައި ހެލިކޮޕްޓަރުގެ ހިޔަނި މާސްގެ ފަސްގަނޑުން ފެނިގެންދެއެވެ.

މިގޮތުން 4 ޕައުންޑްގެ ބަރުދަން ހުންނަ އިންޖެނިއުޓީ ހެލިކޮޕްޓަރު އޭގެ ތިންވަނަ ދަތުރު މާސްގައި ކުރާއިރު މިފަހަރުވެސް މާސްގެ ބިމާއި ގާތްކުރާނީ 16-17 ފޫޓްގެ ދުރުމިނެއްގައިވިޔަސް ތަފާތަކަށް ވާނީ އޭގެ ދަތުރުކުރާ ދުވެލި ބާރުކުރުމެވެ. 80 ސިކުންތުގެ ނިޔަލަށް ދެމިގެންދާ މިހެލިކޮޕްޓަރުގެ ދަތުރު ވެގެންދާނީ އެންމެ ގިނަ ވަގުތު މާސްގައި އިންޖެނިއުޓީ ހެލިކޮޕްޓަރު ވައިގައި ހޭދަކުރާ ވަގުތަށެވެ.

މާސް އާ ގުޅިގެން ހިންގާފައިވާ މަޝްރޫއުތަކުގެ ތާރީހަށް ބަލާއިރު 1960 އިން ފެށިގެން މާސްއާ ބެހޭ އިތުރު މައުލޫމާތު ދެނެގަތުމަށްޓަކައި އެތައް މަޝްރޫއުތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މިގޮތުން 1965 ވަނަ އަހަރު ވެގެންދިޔައީ މާސް އަށް ކާމިޔާބު ދަތުރެއް ކުރެވުނު ފުރަތަމަ އަހަރަށެވެ. އޭގެ ފަހުން ނާސާ, ކުރީގެ ސޯވިއެޓް ޔޫނިއަންގެ ސްޕޭސް ޕްރޮގްރާމް, ޔޫރަޕިއަން ސްޕޭސް އޭޖެންސީ އަދި އަދި އިންޑިއަން ސްޕޭސް ރީސާޗް އޯގަނައިޒޭޝަން ފަދަ ޖަމިއްޔާތަކުން މާސްއަށް ދަތުރުކުރުމުގައި ވަނީ ކާމިޔާބުވެފައެވެ. މާސްއަށް އެންމެ ފަހުން މިއަހަރުގެ ފެބްރުއަރީ މަހު ކުރި ދަތުރުގައި ހިމެނެނީ ނާސާގެ ޕާޒަވިއަރެންސް ރޯވާ އާއި އިންޖެނިއުޓީ ހެލިކޮޕްޓާ, ޑުބާއީގެ ހޯޕް އޯބިޓާ, އަދި ޗައިނާގެ ޓިއަންވެން-1 އެވެ.

1
0
1
1
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.