ދިފާއީ ހިދުމަތުން ވަކިކުރައްވާފައި ހުންނެވި ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޒާ (ޕާޕާ) މި ދެތިން ދުވަހެއްގައި އިދިކޮޅުން ކޮންޓްރޯލްކުރާ މީޑިއާތަކަށް އިންޓަވިއުތައް ދެއްވާފައިވެއެވެ. މާބޮޑު ވަތަނީ ރޫހެއްގައި، ޤައުމަށްޓަކައިކަމަށް ވިދާޅުވުމަށްފަހު އެވެ. ދެއްވި އިންޓަވިއުތަކުގައި މުޅިންވެސް ކުރެއްވި ކަމަކީ ދިވެހިންގެ އެއްބައިވަންތަކަމުގެ ސަފުތައް ބައިބައިކޮށްލުމުގެ މަސައްކަތެވެ. ދެއްކެވީ ހަރިޖީ ގުޅުތަކުގެ ތެރެއިން، އަސްކަރީ އެކުވެރި ބައިވެރިންނާއި ގުޅުވައި، ޤައުމުގެ ހަމަޖެހުން ގެއްލޭ ފަދަ ވާހަކަތަކެވެ. 

ދެއްކެވި ވާހަކަތަކަކީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްގެ މައްޗަށް، ރައްޔިތުން ރުޅިއަރުވާލާ، ސިޔާސީގޮތުން ވަކި މަންފާއެއް ހާސިލްކުރުމަށް ދެއްކި ވާހަކަތަކެކޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އެހެނީ އަސްކަރިއްޔާގައި މަސައްކަތް ކުރައްވާފައި ހުންނެވި ބޭފުޅަކު، ޤައުމަށްޓަކައިކަމަށް ވިދާޅުވެ އެފަދަ ވާހަކަތަކެއް ނުދައްކަވާނެތީ އެވެ. 

މިފާހަގަކުރާ އަޙްމަދު ފަޔާޒް (ޕާޕާ) ގެ ފަތިފުށް ބަލާލުމުންވެސް މި ފާހަގަކުރާ ކަންތައްތަކަށް އިތުރަށް ބާރު ލިބިދެ އެވެ. އޭނާއަކީ ސިފައިންގެ ހިދުމަތުގައި ހުންންނަވަނިކޮށް، ކުރެވުނު ބޮޑެތި ތުހުމަތުތަކާއެކު ވަޒީފާއިން ވަކިކުރެއްވުނު ފަރާތެކެވެ. ޕާޕާ ވަޒީފާއިން ވަކިކޮށްފައިވަނީ ދެ ފަހަރެއްގެ މަތިން މަޤާމުވެސް ދަށްކުރުމަށްފަހު އެވެ. އެގޮތުން ކާނަލެއްގެ ގޮތުގައި ހުންނަވަނިކޮށް، ލެފްޓިނެންޓެއްގެ މަގާމަށް މަގާމު ދަށްކޮށްފަ އެވެ. 

ޕާޕާގެ މަޤާމު ދަށްކޮށް، ވަޒީފާއިން ވަކިކުރެވިފައިވަނީ ކުރެވުުނު ކުދިކުދި ތުހުުމަތުތަކެއްގަ އެއް ނޫނެވެ. ޤައުމަށް ހިދުމަތް ކުރެއްވުމުގެ ނަމުގައިކަމަށް ވިދާޅުވެ ހިންގަވާފައިވާ ބޮޑެތި ޖަރިމާތަކެއްގެ ސަބަބުންނެވެ. ހިޔާނާތުގެ ކަންކަމާއި، މަގާމުގެ ނުފޫޒު ނަހަމަގޮތުގައިބޭނުން ކުރުންފަދަ ކަރަޕްޝަންގެ އަމަލުތައް އިންތިހާ ދަރަޖައަށް ހިނގާފައިވާކަން އެނގިފައިވެއެވެ. 

މީގެތެރެއިން ފެންނަހުރި ބައެއް ހަޤީޤަތްތައް ހިއްސާކޮށްލާނަމެވެ. އެގޮތުން ދިފާއީ ހިދުމަތުގެ ބަޑި ގުދަނާ ޕާޕާ ހަވާލުވެވަޑައިގެން ހުންނެވިއިރު ކަންތައްތައް ހިންގާ ގޮސްފައިވާގޮތަކީ މިހާރުވެސް މީޑިއާތަކުން ފެންނަން ހުރި މައުލޫމާތުތަކެވެ. ޕާޕާގެ ބެލުމުގެ ދަށުގައި ބަޑި ގުދަނުގެ ތަޅުދަނޑިވަނިކޮށް، އެތަނުގައި ހުންނަންޖެހޭ ހަތިޔާރުތައް ފެނިފައިވަނީ ރަށްރަށުގެ ފަރުތަކުގައި ވަޅުލައިފައި ހުއްޓައެވެ. މިއީ އެބޭފުޅަކާ ދިވެހި ރައްޔިތުން ހަވާލުކުރި ބޮޑު އަމާނާތާއިމެދު ޕާޕާ އަމަލުކުރެވިގޮތެވެ. 

ކުރީގެ ސަރުކާރުން އާންމުކުރި ބައެއް މައުލޫމާތާއި، ކޯޓު މަރުހަލާތަކުގެ ތެރެއިން ހާމަވި ބައެއް މައުލޫމާތުތަކުން އެނގޭގޮތތުގައިި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ސަރުކާރުގެ އެތަށް ވެރިންނަކާއި، އެތަށް ސިފައިންގެ ހިދުމަތްތެރިންތަކެއް ދަތުުކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ޕާޕާ އާއި ގުޅުންތަކެއްވެއެވެ. މިއީކީ މި ސަރުކާރުން ހަމާކުރި މައުލޫމާތެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުުުކާރުގައި ހާމަކޮށްފައިވާ މައުލޫމާތުތަކެވެ. ފިނިނިފެންމާ ލޯންޗޗުގައިި އެއްޗެއް ގޮއްވާލުން އުޅުނީ ވަކި ބަޔަކަށް އަމާޒުކޮށްކަމަށްވީ ނަމަވެސް، އެ ހަމަލާގައި ގިނަ އަދަދެއްގެ ސިފައިންނާއި، އާންމުގެ ފުރާނަ ގެއްލުމުގެ ފުރުސަތު އޮތެވެ. ސުވާލަކީ މިއީވެސް ޤައުމަށް ކުޑަކޮށްވެސް ލޯތްބެއް އޮތް ބޭފުޅެއްގެ ބައިވެރިވުމެއް ކުޑައެއްވެސްކޮށް ބާއްވާނެ ފަދަ ކަމެއްތޯ އެވެ. 

ޕާޕާ ވަނީ މިކަންކަމުގައި ބައިވެރިވެ އަދި އެކަން ފޮރުވުމައްޓަކައި ހެކި ނައްތާލުމާއި ތަހުގީގުތަކަށް ހުރަސް އެޅުމަށް މަސައްކަތްކޮށްފައެވެ. އެކުށުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށްހުކުމްކޮށް، ހުކުމްވެސް ތަންފްކުރައްވާފައިވެއެވެ. 

އެނގިފައިވާ ގޮތުގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔައިރު މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި ގުޅުންބާއްވަމުން ޕާޕާ ދިޔައީ މަސައްކަތް ކުރައްވަމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރިއަށް އެކިފަރާތްތަކަށް ފަންޑުކޮށްދީފައިވާކަން އެނގިފައިވެއެވެ. މިއީ ފުރިހަމަ ތަހުޤީޤެއް ހިންގައިފިނަމަ، ތިލަވާނެ މައުލޫމާތުތަކެވެ. 

ދެން އޮތީ ޑިމޮކްރެޓިކް އުސޫލުން އިންތިހާބުކުރެވުނު ފުރަތަމަ ވެރިކަން ވައްޓާލުމަށްޓަކައި، ޕާޕާ ކުރެއްވި މަސައްކަތްތަކެވެ. މިއީވެސް ތާރީހުގެ ލިޔުންތަކާއި، މަންޒަރުތަކަށް ނަޒަރު ހިންގާލުމުން ފެންނަން ހުރި މައުލޫމާތުތަކެވެ. ވެރިކަން ވައްޓާލުމަށް ސިފައިންގެ ތެރެއިން ކުރަން ރޭވިފައިވާ ކަންކަން ވަގުތުން ވަގުތަށް ތަންފީޒުކުރަމުން ގެންގޮސްފައިވާކަން އެނގިފައިވެއެވެ. ތޮއްލަތުއާއިއެކީ އެކަން ރޭވުމުގައި އަދި ތަންފީޒު ކުރުމުގައި ޕާޕާގެ ދައުރު ކުޑަކަމަކަށް ނުފެނެއެވެ. އެކަމުގައި ޕާޕާ ޝާމިލްވެފައިވާ މިންވަރީ، ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާގެ ސިޓީ ހިއްޕަވައިގެން، މަޖިލީހަށް ވަޑައިގެންނެވިއިރު އާންމުވެފައިވާ ފޮޓޯއިންވެސް ފެންނަން ހުރި ކަންތައްތަކެވެ. މިއީ ހަމަ، ޤައުމާ ރައްޔިތުންގެ ހައްޤުގައި މަސައްކަތްކުރައްވާ ކަމަށް ވިދާޅުވާ ބޭފުޅަކު ކުރައްވާނެ ކަންތައްތައްތޯ އެވެ. 

އަނެއްކާވެސް ފައިސާކޮޅަކަށްޓަކައި، އެކި ރޭވުންތައް ރާވަމުންގެންދާއިރު، ޕާޕާ ކުރީގެ ނައިބް ަރއީސް އަހުމަދު އަދީބާއެކު ބާއްވަމުންދާ ގުޅުންތައް އަދިވެސް ބާއްވަމުންގެންދަވަ އެވެ. ޕާޕާގެ އަރިސް ފަރާތްތަކުން ފާހަގަކުރާގޮތުގައި އެއީ ދެގޮތެއްވާނެ ގުޅުމެއް ނޫނެވެ. 

އަދީބުގެ އެންމެ ބޮޑެތި ފައިދާތައް ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕާޕާގެ ނަމަކީ ފާހަގަކޮށްލެވޭ ނަމެކެވެ. ސިންގަޕޫރުގެ އެޖެންޓުންނާއި އެއްކޮށް ޑީލްތައް ހެދުމާއި މަނީލޯންޑްރިންގެ ހަރަކާތްތަކުގައިި އުޅުއްވާފައިވަނީ ހިލޭ ސާބަހަށްކަމަށް ގަބޫލުކުރާނެ ރައްޔިތަކު މަދުވާނެ އެވެ. ކާނަލް ނާޒިމް ފްރޭމްކުރުމާއި، އެކަމުގައި އަދީބުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީވެސް ޕާޕާ އެވެ. 

މިފަދަ ރިކޯޑްތަކެއް އޮތް، ޤައުމަށް ހިދުމަތްކުރެއްވުމަށް ކުރި ހުވަޔަށް އިހްތިރާމް ނުކުރެއްވުނު ބޭފުޅަކު، މިއަދު ކުއްލިގޮތަކަށް ނިކުމެވަޑައިގެން ޤައުމީ ރޫހޭ ވިދާޅުވެ ވާހަކަތައް ދައްކަވަނީ ސިޔާސީ ވަކި މަންފާތަކެއް ހާސިލްކޮށް، ރައްޔިތުންގެ ވެރިކަން ފުރޮޅަލުމަށޭ ބުނުމުގެ ޖާގަ އޮތީ މި ސަބަބުތަކާއި ހުރެ އެވެ. އަސްކަރިއްޔާގެ ހިދުމަތް ކުރައްވާފައި ހުންނެވި ބޭފުޅެއް ޤައުމީ ރޫހެއްގައިނަމަ، ދިވެހިން ސަފުތައް ބައިބައިކުރުމަށް މިއަދު ހިތްވަރެއް ނުދޭނެ އެވެ. އެހެންމަނަމަވެސް ފައިސާކޮޅަކަށް، ރައްޔިތުންގެ ވެރިކަން ބަދަލުކޮށްލުމަށް އުޅޭ ކުރީ ފަރާތްތަށް މަސައްކަތްކުރާނެގޮތަކީ، ޤައުމު ބައިބައިކުރުމާއި، ދިފައީ ހިދުމަތްތަކުގެ ތެރޭގައި ދޮގު މައުލޫމާތުތައް ފެތުރުމެވެ. ޕާޕާ މިހާރު ކުރައްވަނީ އެ މަސައްކަތޭ ބުނުމަށް އެތަަކެއް ހެކިތަކެއް ބާރުދެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *