ޖާސޫސްކުރިކަމުގެ ތުހުމަތުގައި ކޮތަރެއްގެ މައްޗަށް ދައުވާ އުފުލުމަށް އިންޑިއާ އިން ނިންމައިފި އެވެ.

އިންޑިއާގެ ބޯޑަރު ބަލަހައްޓާ ސެކިއުރިޓީ ފޯސް އިން ތުހުމަތުކޮށްފައިވާ ގޮތުގައި މި ކޮތަރަކީ ޖާސޫސްކުރުމަށް ޕާކިސްތާނުން ފޮނުވި ކޮތަރެކެވެ. އަދި އެ ކޮތަރު ބޯޑަރު ހުރަސްކޮށް އިންޑިއާގެ ސަރަހައްދަށް ވަދެފައިވާކަމަށް ސެކިއުރިޓީ ފޯސް އިން ބުންޏެވެ.

ބޯޑަރު ބަލަހައްޓާ ގާޑެއްގެ ކޮނޑަށް ޖެއްސި މިކޮތަރުގެ ވާތުގެ ފައިގައި ފޯނު ނަމްބަރެއް ޓެޕްކޮށްފައިވާކަމަށްވެއެވެ. ނަމަވެސް މި ކޮތަރުގެ މައްޗަށް ކުރާ ސީދާ ދައުވާއެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

މިއީ މި އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހިނގި މިފަދަ ފުރަތަމަ ކަމެއް ނޫނެވެ. މީގެކުރިންވެސް ދެ ޤައުމުންވެސް ވަނީ ބޯޑަރު ހުރަސްކޮށްފައިވާ ކޮތަރާއި އަދި މިނޫންވެސް ބައެއް ޖަނަވާރު ޖާސޫސްކުރުމަށް ބޭނުންކޮށްފައިވާ ކަމަށް ޝައްކުކޮށް ހިފަހައްޓާފަ އެވެ.

ދެކުނު އޭޝިއާއަކީ ހާއްސަކޮށް ކޮތަރު ގެންގުޅޭ މީހުން ގިނަ ސަރަހައްދެކެވެ. ކޮތަރުގެ ވެރި ފަރާތް އާންމުގޮތެއްގައި ކޮތަރު ގެއްލޭ ހާލަތެއް މެދުވެރިވެއްޖެނަމަ ރައްކަލަކަށް ކޮތަރުގެ ފައިގައި ވެރި ފަރާތުގެ ފޯނު ނަމްބަރު ލިޔެފައިވާ ކަރުދާސްކޮޅެއް ހަރުކޮށްފައި ބަހައްޓައެވެ. މިއީ ކޮތަރު ހޯދާ ފަރާތަކުން އެކޮތަރުގެ ވެރި ފަރާތަށް ކޮތަރު ހަވާލުކުރުމަށް ފަސޭހަކުރުމަށް ކުރާ ކަމެކެވެ.

މިދިޔަ އަހަރުގެ މޭމަހު ޕާކިސްތާނުން ބޯޑަރު ހުރަސްކޮށް ކަޝްމީރަށް އުދުހިފައިވާ ކޮތަރެއް އެ އަވަށުގެ މީހުން ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. ކޮތަރު ދޫކޮށްލާފައިވަނީ އޭގެ ވެރި މީހާ ކޮތަރު ދޫކޮށްލުމަށް އެދި ކޯޓަށް ހުށަހެޅުމުން އެމީހާގެ ފޯނު ނަމްބަރާއި ކޮތަރުގެ ފައިގައި އިން ފޯނު ނަމްބަރާ ދިމާވުމުންނެވެ.

2018 ވަނަ އަހަރުގެ ޖޫން މަހުވެސް އިންޑިއާގެ ބޯޑަރު ބަލަހައްޓާ ސިފައިން ވަނީ ޕާކިސްތާނުން އިންޑިއާއަށް ބޯޑަރު ހުރަސްކުރި ކޮތަރެއް ހިފަހައްޓާފައެވެ. އިތުރަށް ތަހުގީގުކުރުމަށްޓަކައި މިކޮތަރު ވަނީ އެކްސްރޭ ސްކޭން ނެގުމަށް ފޮނުވާފައެވެ. 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޑިއާގެ ބޯޑަރު ބަލަހައްޓާ ސިފައިން ވަނީ މިދެގަމުގެ ބޯޑަރާ ދިމާލުން އުދުހެމުންދިޔަ ބާޒެއްވެސް ހިފަހައްޓާފައެވެ. މިބާޒުގައި އިލެކްޓްރޯނިކް ޑިވައިސްއެއް ހަރުކުރެވިފައިވާކަން ހާމަވިއެވެ.

އިންޑިއާ-ޕާކިސްތާނު ބޯޑަރަކީ މަކުނު, ހިމާރު އަދި ލެޕާޑް ފަދަ އެތައް ވަލު ޖަނަވާރެއް ހުރަސްކުރަން ބޭނުންކުރާ ތަނެއް ކަމުގައިވިޔަސް ބޯޑަރު ވަކިކޮށްދޭ ފެންސުގެ ސަބަބުން އެޖަނަވާރުތަކަށް ބޯޑަރު ހުރަސްކުރުމުގައި ދަތިތަކާ ކުރިމަތިވެއެވެ. ނަތީޖާއެއްގެ ގޮތުން ބޯޑަރާއި ކައިރި އަވަށްތަކުން ބޯޑަރު ހުރަސްކުރާ ވަލު ޖަނަވާރުތައް ހިފުން ވެފައިވަނީ އާންމުކަމަކަށެވެ. ކޮތަރާއި ވަލު ޖަނަވާރުގެ އިތުރުން ސަލާމަތީ ފިޔަވަޅުތަށް ހަރުކަށިކޮށްފައިވާ މިދެގައުމުން ވަނީ މީގެ ކުރީގައި ބޯޑަރު ހުރަސްކުރި ފުއްޕާހަންވެސް ހިފަހައްޓާފައެވެ.

1
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.