ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާއި ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބާއްވައި އޭގައި ބައިވެރިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ. 

އިދިކޮޅުން މިއަދު ހަވީރު، ޒުވާނުންގެ ސައިކަލް ބުރުގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. 

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބާއްވަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެހެންވެ، އެޗްޕީއޭގެ އެންގުންތަކަށް ބޯލެނބުމަށް ފުލުހުން އިލްމާސްކުރިއެވެ. އަދި އެންގުންތަކާ ހިލާފަށް އެއްވުންތައް ބާއްވައި ބައިވެރިވާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. 

އިދިކޮޅު، ޕީޕީއެމް އަދި ޕީއެންސީއިން އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މާލޭގައި އެއްވުންތަކެއް މީގެކުރިން ބޭއްވި މައްސަލާގައި އިލެކްޝަން ކޮމިޝަނުން ވަނީ އެ ދެ ޕާޓީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އަދި ހަރަކާތް ހިންގުމަށް އިސްކޮށް އުޅުއްވި ބޭފުޅުންނާއި އެއްވުމުގައި މާސްކު ނޭޅުއްވި ބޭފުޅުން 1،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. އޭގެ ތެރޭގައި ރައީސް ވަހީދާއި ޕީއެންސީގެ ރައީސް އަބްރަހީމް އަބްދުﷲ ހިމެނެއެވެ. ޖޫރިމަނާތައް ދެއްކުމަށް އިދިކޮޅުން ވަނީ ފަންޑު ފޮށްޓެއް ވެސް ހުޅުވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *