ރިޕޯޓްއިޤްތިޞާދު

ވިޔާފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރަންޖެހެނީ މި ސަބަބާހުރެ!

މާލެ ވިޔަފާރި ބަނދަރު - ބަނދަރުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް، ބަނދަރު ރީލޮކޭޓްކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް --

ރާއްޖޭގެ އިޤްތިސާދު އެހެން ހަރުފަތަކަށް ގެންދަން ބޭނުންނަމަ ގެންނަންޖެހޭ ބޮޑެތި ބަދަލުތަކެއް އެބަހުއްޓެވެ. އެއީ އިޤްތިސާދު ކުރިއަރުވަން ބަޔަކު ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެ ބަދަލުތަކެއް ނުގެނެސް އެކަން ހާސިލް ނުވާނެ ބަދަލުތަކެކެވެ. އޭގެތެރޭގައި ރާއްޖޭގެ މައި ދޮރާށި ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، އެ އެއާޕޯޓުން ހިދުމަތްދެވޭ އަދަދު އިތުރުކުރުން ލާޒިމް އެވެ. އޭގެއިތުރަށް ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ހިދުމަތްތައް ވެސް އަވަސްކޮށް، އެ ބަނދަރުވެސް ތަރައްޤީކުރުމަކީ ލާޒިމްކަމެކެވެ.

ވިޔަފާރިވެރިންގެ ޝަކުވާތަކަށްވެސް ހައްލެއް ގެނެވެން އޮތީ، އެ ބަނދަރު ތަރައްޤީކޮށްގެންނެވެ. މުދާ އެތެރެކުރާ ބޯޓުތަކުން މުދާ ކްލިއަރަކުރުމަށް ނަގާ މުއްދަތު ބޮޑުކަމާއި، ހިދުމަތުގެ ލަސްކަމުގެ ވާހަކައާއި، ޒަމާނީ ހިދުމަތްތައް ލިބެން ނެތްކަމުގެ ޝަކުވާތަކަކީ ވިޔަފާރިވެރިން އަބަދުމެ ކުރާ ޝަކުވާތަކެވެ. ވިޔަފާރިވެރިންގެ އެ ހުރިހާ ޝަކުވާއެއްގެ ހައްލު ގުޅެނީ ބަނދަރުގެ ޖާގަ އާ އެވެ.

މާލެ ވިޔަފާރި ބަނދަރު މިހާރު އޮތް ހާލަތަކީ އެ ބަނދަރު ބޮޑުކުރެވެން އޮތް ހާލަތެއް ނޫނެވެ. ބަނދަރާއެކު، އަތޮޅު ތެރެއަށް ފޮނުވާ މުދަލަށް ހާއްސަކޮށް އޮންނަ ދެ ބަނދަރުގެ ހާލަތަކީވެސް އެއީ އެވެ. ނޯތު ހާބަރުގެ އިތުރުން ޓީ-ޖެޓީވެސް އޮންނީ ފުރި ބާރުވެފަ އެވެ. ބަނދަރަށް ވަންނަ މުދާ އުފުލާ ދޯންޏަކަށް ނިކުމެވެނީވެސް އެހާ ހާލުންނެވެ.

މާލެ ވިޔަފާރި ބަނދަރު ހިމެނޭ ސަރަހައްދުގެ މަތިން ނަގާަފއިވާ ފޮޓޯއެއް - ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ގިނަ ޝަކުވާތަކެއް ވިޔަފާރިވެރިންކުރޭ -- ފޮޓޯ: ހަބަރު

އެ ސަބަބުތަކާއިހުރެ، ހައްލަކީ މާލޭގެ ވިޔަފާރި ބަނދަރު މާލެ އާއި އެއްގަމުން ގުޅާލެވޭނެ ސަރަހައްދަކަށް ބަދަލުކުރުންކަން އެއީ ނިމުނު ހުރިހާ ސަރުކާރަކުން ވެސް ގަބޫލުކުރި ހަޤީޤަތެކެވެ. ނަމަވެސް އެ ހަޤީޤަތް ގަބޫލުކޮށް، އެ ވާހަކަ ދެއްކުން ފިޔަވާ އިތުރު މަސައްކަތްތަކެއް ސަރުކާރުތަކުން ކޮށްފައެއް ނުވެ އެވެ. ކުޑަ މިނުން ދިރާސާތަކެއްކޮށް، އެކަމަށް އެންމެ އެކަށޭނެ ސަރަހައްދެއްވެސް ކަނޑައަޅާފައެއް ނުވެ އެވެ.

މާލެ ސަރަހައްދުގެ މިވަގުތު މަންޒަރަށް ބަލާއިރު، މޭލެ އާއި އެއްގަމުން ގުޅާލެވޭނެގޮތަށް ބޭނުންވާ ޖާގަ ލިބެން އޮތީ އެންމެ ދެ ސަރަހައްދަކުންނެވެ. އެއީ ތިލަފުއްޓާއި، ގުޅީ ފަޅުންނެވެ. އެމްޕީއެލްގެ ލިޔެކިޔުންތަކުން އެނގޭގޮތުގައި އެންމެ ފުރަތަމަ މި ޚިޔާލު ގެންގުޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައެވެ.

މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ ސަރވޭގެ މަސައްކަތްތައް ކުރިއަށްގެންދަނީ -- ފޮޓޯ: ޕީއެސްއެމް

ވިޔަފާރި ބަނދަރު "ބަދަލުކުރުމާއި ގުޅޭގޮތުން ކުރެވިފައިވާ މަސައްކަތްތައް "ޖަޒީރާ" އާއި ހިއްސާ ކުރައްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރީލޮކޭޓް ކުރުމާއި ގުޅޭ ގޮތުން 2006 ވަނަ އަހަރު އެކުލަވާލެވުނު ލިޔެކިޔުންތައް ފެންނަން އެބަހުރި ކަމަށެވެ. އޭރު މަޝްވަރާކުރެވެމުން ދިޔައީ ވިޔަފާރި ބަނދަރު ބަދަލު ކުރަން އެންމެ ރަނގަޅު ސަރަހައްދަކާ ގުޅޭގޮތުންނެވެ.

ވަރަށް ކުރީއްސުރެ، 2006 ވަނަ އަހަރުން ފެށިގެން ހުރި ޑޮކިއުމެންޓްތަކެއް އެބައުޅޭ، އެންމެ ފުރަތަމަ ޕޯޓު ރީލޮކޭޓް ކުރަން އެންމެ ރަނގަޅު ތަނަކީ ކޮބައިތޯ، ގުޅީފަޅުތޯ، ތިލަފުށިތޯ، ހުޅުމާލެތޯ، އެކަހަލަ ޑޮކިއުމެންޓޭޝަންވެސް އެބަހުރޭ. ދެން ބައެއް ޑޮކިއުމެންޓްތަކުގައި އެބަހުރޭ ތިލަފުށިކަމަށް، އަނެއްބައި ޑޮކިއުމެންޓްތަކުގައި އެބަހުރޭ ގުޅީފަޅުކަމަށް އެންމެ ރަނގަޅުވާނީ.

އެހެންނަމަވެސް، އޭރު ވަކިގޮތެއް ނިންމި ކަމަށް ފެންނަން ހުރި ލިޔެކިއުމެއް އެނގެން ނެތް ކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ސަރުކާރަށްވެސް އޮތީ އެކަމުގައި އަމަލީ މަސައްކަތެއް ނުކުރެވި އެވެ.

މިޑިއާގައި ދެކެވިފައިވާ ވާހަކަތަކުންނަމަ ވިޔަފާރި ބަނދަރު ބަދަލުކުރާނެ ސަރަހައްދަކާ ގުޅޭގޮތުން ގޮތެއް ނިންމީ ކުރީގެ ރައީސް އަބަދުﷲ ޔާމީންގެ ސަރުކާރުންނެވެ. އޭރު މީޑިއާއަށް އެ ސަރުކާރުގެ ބޭފުޅުން ވިދާޅުވެފައިވަނީ އިގުތިސާދު ފުޅާކޮށް، މެރިޓައިމް ކޮމަރސްގެ ފައިދާ އެންމެ ފުޅާ މިނުގައި ނެގޭނީ ތިލަފުއްޓަށް ބަނދަރު ބަދަލުކޮށްގެން ކަމަށެވެ.

މާލެ ސަރަހައްދުގެ މެޕްގެ މަންޒަރެއް

އެ ސަރުކާރުން އެގޮތަށް ނިންމިކަމަށް މީޑިއާގައި ވިދާޅުވި ނަމަވެސް އެމްޕީއެލްގައި އެފަދަ އެއްވެސް ލިޔުމެއް ނެތެވެ. އަދި އެފަދަ އެއްވެސް ދިރާސީ މައުލޫމާތެއްވެސް ނެތްކަމަށް މިހާރުގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވި އެވެ. އެގޮތުން ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމާއި ގުޅޭ މާސްޓަރ ޕްލޭނެއް، ނުވަތަ ޑިޒައިނެއް ވެސް ފެންނާކަށް ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެމްޕީއެލް ތެރެއިން ސީދާ އަނެއްހެން ޑޮކިއުމެންޓޭޝަނެއް ފެންނާކަށް ނެތް. މިސާލަކަށް ތިލަފުށީ ޕޯޓުގެ މާސްޓަރ ޕްލޭނެއް ނުވަތަ ޕޯޓުގެ ޑިޒައިންއެއް. އެކަހަލަ ޑޮކިއުމެންޓޭޝަނެއް ނެތް.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ނިންމެވީ، ގުޅީފަޅަށް ބަނދަރު ބަދަލު ކުރުމަށެވެ. މިއާއިއެކު ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ނުރުހުމުގެ އަޑު ގަދަވެގެންދިޔައެވެ. އެފަރާތްތަކުން ދެކޭ ގޮތުގައި ތިލަފަޅުގައި އަޅަން އުޅުނު ބަނދަރު ގުޅީފަޅުގައި އަޅަން ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ. އިދިކޮޅުން ބުނިގޮތުގައި އެ ނިންމުމުން އެނގިގެންދަނީ "ސަރުކާރުގެ ތަރައްގީގެ ވިސްނުން ހުރީ ނޭފަތުގެ ކޮޅާ ހަމައިން" ކަމެވެ.

މިއަދާ ހަމައަށްވެސް އެންމެ ގިނަ ބަޔަކު ކުރާ އެއް ސުވާލަކީ އިދިކޮޅުން ބުނާގޮތަށް ވިޔަފާރި ބަނދަރު ތިލަފުށީގައި ޤާއިމް ނުކުރަނީ ކީއްވެތޯ އެވެ. ގުޅީފަޅަށް ބަދަލުކުރި ސަބަބަކި ކޮބައިތޯ އެވެ. ތިލަފުއްޓަކީ އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށަކަށްވާއިރު، އެ ރަށަށް ބަނދަރު ބަދަލުކޮށް، ގުޅީފަޅުގައި ފްލެޓް އެޅުން ފައިދާވާނެކަމަށް މި ވިސްނުމުގެ މީހުން ދެކެ އެވެ.

ގުޅީފަޅުގައި މީހުން އާބާދުކުރުމަށް ތަރައްޤީކުރި ސަރަހައްދުގެ މަންޒަރެއް -- ފޮޓޯ: އަވަސް އޮންލައިން

މިކަމުގައި ސަރުކާރުގެ ސަޕޯޓަރުންނާއި ވެރިން އެންމެ ގަދަޔަށްދޭ، އެންމެ އާދައިގެ ޖަވާބަކަށްވެފަ އޮތީ، ތިލަފުއްޓަކީ ކުނި ނައްތާލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ތަނަކަށް ވާއިރު، އެތަނުގައި ޕޯޓެއް ހިންގުމަކީ އުނދަގޫކަމަކަށް ވާނެކަމެވެ. އެ ޖަވާބަކީ ކޮންމެ މަސައްކަތަކަށް ބެލިނަމަވެސް ތިލަފުއްޓާއި ދިމާކޮށް ދެއްކިދާނެ ބަހަނާއެކެވެ. އޭގެ ބޭރަށް ތިލަފުށީގެ ކުނި ނައްތާލުމަށް ޒަމާނީ މެޝިނަރީސްތަކަށް ބޭރުގެ ފަންޑު ލިބިފައިވުމުން، ބަނދަރާއި ކުންޏާއި ގުޅުވުމަކީ ސުވާލު އުފައްދާ ފަރާތްތަކަށް ގަބުލުކުރެވޭ ވާހަކައަކަށް ނުވެ އެވެ.

ތިލަފުށީގެ ބަދަލުގައި ގުޅީފަޅު މި ސަރުކާރުން ނިންމީ ކީއްވެތޯ ސުވާލުކުރުމުން އެމްޕީއެލްގެ ސީއީއޯ ދެއްވީ ވަރަށްވެސް ތަފްސީލް އަދި ޓެކްނިކަލްވެސް ޖަވާބެކެވެ. އެގޮތުން ޖަވާބު ފެއްޓެވީ ބަނދަރަށް ބޭނުންވާ ބައެއް ބައެއް މުހިންމު ސިފަތަކާއި ހިސާބުންނެވެ.

ޝާހިދު ވިދާޅުވީ ބަނދަރު ބަދަލުކުރާއިރު ބަނދަރަށް ބޭނުންވާ ބައެއް ސިފަތައް އެއީ އެކަމުގައި ވަރަށް މުހިންމު ދައުރެއް އޮތްކަމެއް ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ މަގަތު ފާލަން ކަމަށާއި، ދެވަނަ ކަމަކީ މުދާ ރައްކާކުރާ ގުދަންތަކާއި، ކޮންޓެއިނާ ޔާޑް ކަމަށާއި، ތިން ވަނަ ކަމަކީ މުދާ ޑިސްޓްރިބިއުޓް ކުރެވޭނެގޮތް ކަމަށެވެ.

ބަނދަރަށް ކޮންމެހެން މުހިންމު ތިން ސިފައެއް:

  • ބަނދަރުގެ މަގަތު ފާލަން
  • ބަނދަރުގައި ގުދަންކުރެވޭނެ ޖާގަ އާއި ކޮންޓެއިނަރ ޔާޑް
  • މުދާ ޑިސްޓްރިބިއުޓް ކުރެވޭނެ ގޮތް

މުދާ އެކި ސަރަހައްދުތަކަށް ފޮނުވޭނެ ގޮތްތަކަށް ބަލާއިރު، ރާއްޖޭގައި އޮތީ ދެ ގޮތެއްކަމަށް ޝާހިދު ވިދާޅުވި އެވެ. އެއީ އެއްގަމު މަގުން މުދާ ގެންދޭވެނެ ގޮތަކާއި، ކަނޑުމަގުން މުދާ ގެންދެވޭނެ ގޮތެވެ. އޭގެތެރއިން ކަނޑުމަގުން އެކަން ކުރުމަށް ވަރަށް ދިގު ލޯކަލް ކީ ވޯލެއް ބޭނުންވާކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިހާރުގެ މައްސަލައަށް ހައްލެއް ގެނެވެން އޮތީވެސް ލޯކަލް ދިގު ކީ ވޮލެއް ހެދިގެންކަމަށް އޭނާ ވިދާޅުވި އެވެ.

ބަނދަރުގެ ބައެއް ހަރަކާތްތައް ހުންނާނެގޮތުގެ ކުރެހުމެއް -- ފޮޓޯ: އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް

މިހާރުގެ ހާލަތުން މިސާލު ނަންގަވާ ޝާހިދު ވިދާޅުވީ ނޯތު ހާބަރާއި، ޓީ ޖެޓީއަކީ މިހާރު މުދާ ރަށްރަށަށް ފޮނުވުމަށް ބޭނުންކުރާ ދެ ބަނދަރަށްވާއިރު ދެ ބަނދަރު އޮންނަނީ ތޮއްޖެހިފައި ކަމަށެވެ. އަދި ބަނދަރާ އެންމެ ގާތުން ބޯތަކަށް ޖާގައެއް ލިބިއްޖެނަމަ، ނިކުމެވޭނެ ގޮތެއް ނޯންނަކަމަށާއި، އެ ބޯޓުގެ ބޭރަށް ހަތަރު ބޯޓުވަރު އެބަ ކައިރިކުރާ ކަމަށެވެ. އެ ވިސްނުމުން ބަލާއިރު ތިލަފުށީގައި އެވަރުގެ ޖާގައެއް ނެތްކަމަށާއި، އެހެންކަމުން މުދާ އެކި ސަރަހައްދުތަކަށް ފޮނުވާނެ ފަސޭހަ ނިޒާމެއްގެ ވިސްނުމުން ވިސްނާއިރު، ތިލަފުށީގައި ބަނދަރު ޤާއިމްކޮށްފިނަމަ ގެއްލުންތަކެއް އެބަހުރިކަމަށް ޝާހިދު ވިދާޅުވި އެވެ.

"މާލޭގައި މިހާރު އެންމެ ކޮންޖަސްޓް ދެ ތަނަކީ ޓީޖެޓީ އަދި ނޯތު ހާބަރު. އެ ދެ ސަރަހައްދުން އަޅުގަނޑުމެންނަށް މިހާރު މިއުޅެނީ އަސްލު ކޭޓަރކުރަންޖެހޭ އޮޑިދޯނި ފަހަރުގެ 20 ޕަސެންޓަށްވެސް 30 ޕަސެންޓަށްވެެސް ކޭޓާ ނުކުރެވިގެން"

މާލެ ވިޔަފާރި ބަނދަރު - ބަނދަރުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް، ބަނދަރު ރީލޮކޭޓްކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް --

އެ ހުރިހާ ވިސްނުމަކުން ވިސްނާއިރު، ގުޅީފަޅަކީ އެންމެ ރަނގަޅުތަންކަމަށް މި ސަރުކާރުން ނިންމީ ވަރަށް ތަފްސީލީ ދިރާސާތަކެއް ކުރުމަށްފަހު، ދިރާސާތަކުގެ މައްޗަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ގުޅިފަޅަކީ ވަރަށް ފުޅާތަނެއް. އެހެންވީމަ ކީވޯލް 700، 800 މީޓަރުގެ ކީވޯލް. ލޯކަލް ކީވޯލްވެސް އިންޓަނޭޝަނަލް ކީވޯލްވެސް ޖެހެން އެބައޮތް. ބަނދަރުގެ ޕޮއިންޓް އޮފްވިއު އިން ގުޅިފަޅަކީ ވަރަށް ރަނގަޅު ޗޮއިސްއެއް."

ކޮންމެކަމެއްގައިވެސް ހިޔާލަށް އަންނަ އެންމެ ރަނގަޅުގޮތުގެ މައްޗަށް އިލްމީ ދިރާސާ އިސްކުރުން މުހިންމުކަން ނިމިދިޔަ ތަނުގައި ރާއްޖޭގައި ހިންގުނު ބޮޑެތި މަޝްރޫއުތައް ވަނީ ހެކިދީފަ އެވެ. އެގޮތުން އިލްމީ ދިރާސާތަކާއި ހިލާފަށް، ވަގުތީ މަންފާއަށް ކަންތައްތަކެއް ނިންމައިފިނަމަ، މުސްތަޤުބަލުގައި ލިބޭނެ ގެއްލުން ބޮޮޑުވާނެކަން އެ މަޝްރޫއުތަކުން ބުނެދީފައިވެއެވެ.

މާލެ ނޯތު ހާބަރު ސަރަހައްދު ބޯޓުތައް -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ވިޔަފާރި ބަނދަރު ބަދަލުކުރާއިރުވެސް އެއީ އެއް އަހަރަށް ދެ އަހަރަށް ހޯދޭ ފަސޭހައަކަށްވުރެ ދިގު މުސްތަޤުބަލަށް ހޯދޭ ހައްލަކަށް ހަދަންޖެހޭ ސަބަބަކީ މިއީ އެވެ. އެހެނީ ރާއްޖޭގެ ކުރިމަގުވެސް ގުޅިފައިވަނީ މި ބަނދަރާއެވެ. ފަތުރުވެރިކަމުގެ ސިނާއަތާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީވެސް މިފަދަ ބަނދަރެއް ގާއިމުކުރެވިއްޖެނަމަ ކުރިއަރައިދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

0
0
0
1
0

ކޮމެންޓް

Your email address will not be published.

0 %