އިއްޔެގެ ވަގުތުއްގައި އިންޑިއާއި ޖަޕާންއާ ދެމެދު ސޮއި ކުރެވުނީ، "އެގްރީމެންޓް އޮން ރެސިޕްރޮކަލް ޕްރޮވިޝަން އޮފް ސަޕްލައިން އެންޑް ސަރވިސަސް ބިޓްވީން އާރމްޑް ފޯރސަސް އޮފް އިންޑިއާ އެންޑް ދަ ސެލްފް ޑިފެންސް ފޯރސަސް އޮފް ޖަޕާން" އެވެ. ނިއު ދިއްލީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރީ އެގައުމުގެ ޑިފެންސް ސެކްރެޓަރީ ޑރ. އަޖޭ ކުމާރްއެވެ. ޖަޕާންގެ ފަރާތުން ސޮއި ކުރީ އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޖަޕާންގެ ފަރާތުން އިންޑިއާގައި ހުންނަވާ ސަފީރު ސުޒުކީ ސަޓޯޝީއެވެ.

ޖަޕާންގެ ފޮރިން މިނިސްޓްރީއިން އިއުލާންކޮށްފައިވާ ގޮތުގައި، މި އެގްރީމެންޓަކީ ދެ ގައުމުގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭނޭ ކަންތައްތައް ކަނޑައަޅާފައިވާ އެގްރީމެންޓެކެވެ. މިގޮތުން އެހީތެރިކަމުގެ ގޮތުން ފޯރުކޮށްދޭނީ، ކާބޯތަކެތި، ފެން، ޕެޓްރޯލިއަމް، އަދި އަންނައުނެވެ. މީގެއިތުރުންވެސް، ވައިގެ މަގު ހިމެނޭގޮތުން ދަތުރުފަތުރުގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޮމިއުނިކޭޝަން އަދި ސިއްހީ ފަރުވާ ފޯރުކޮށްދިނުމާއި، ސިފައިންގެ ތަކެތި ރިޕެއަރ ކޮށް ދެމެހެއްޓުމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މިއީ ދެ ގައުމު ގުޅިގެން ހިންގާ ފަރިތަކުރުންތަކާއި، އ.ދ ގެ އޮޕަރޭޝަންތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ އޮޕަރޭޝަންތަކާއި، ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ހިންގާ އޮޕަރޭޝަންތަކުގައި އެހީތެރިވުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން، ކުއްލި ނުރައްކަލެއްގެ ހާލަތުގައި ގައުމުން ބޭރުގައި ދިރިއުޅޭ ދެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމާއި ގުޅިގެން އިންޑިއާގެ ޕްރައިމް މިނިސްޓަރ ވަނީ ޖަޕާންގެ ޕްރައިމް މިނިސްޓަރަށް ފޯނުން ގުޅުއްވާ އެއްބަސްވުމުގައި ސޮއިކުރެވުމުން އުފާ ފާޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. މީގެ ސަބަބުން ދެގައުމުގެ ސިފައިންގެ ގުޅުން ބަދަހިވާނޭކަމަށް ދެ ބޭފުޅުންވެސް ގަބޫލުކުރައްވައެވެ.

މި އެއްބަސްވުމަކީ 10 އަހަރުގެ މުއްދަތަކަށް ސޮއި ކުރެވުނު އެއްބަސްވުމެކެވެ. އިންޑިއާއިން މިފަދަ އެއްބަސްވުންތަކުގައި ގިނަ ގައުމުތަކާއެކު ވަނީ ސޮއި ކޮށްފައެވެ. އޭގެތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، ފަރަންސޭސްވިލާތް، އޮމާން އަދި ސިންގަޕޯ ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *