ސްރީ ލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ރޮހާނާ ބެއްޑާޖު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ނައިބު ރައީސް ވަނީ ސްރީ ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ރޮހާނާ ބެއްޑާޖު ހަވާލުވެ ވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ސްރީލަންކާގެ ސަފީރު ވަނީ ދެ ޤައުމުގެ މެދުގައި ބަދަހިވަމުންދާ ގާތް ގުޅުމަށް އަލިއަޅުއްވައިލައްވާފައެވެ. އެ ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ގިނަ ދުވަހަށް ދެމިގެންދިއުމުގެ އަސްލަކީ ދިވެހިންނާއި ލަންކާގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުންކަން ފާހަގަކުރައްވައި، އެކަމުގެ ހަޤީޤަތަކީ ދެ ޤައުމުގައި ވެސް އެއްގޮތް ސަޤާފަތެއް އޮތުންކަން ފާހަގަކުރެއްވިއެވެ. އަދި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވަމުން ދެ ބޭފުޅުން ވަނީ، ތަޢުލީމު، ސަޤާފީ އަދި ޕަރފޯމަންސް އާޓްސްގެ ދާއިރާއިން އިތުރަށް ގުޅުންތައް ހަރުދަނާކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސްރީލަންކާގެ ސަފީރު ވަނީ، މި ހާލަތުން އަވަހަށް އަރައިގަނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިޤްޠިޞާދާއި ވަކީން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއެރުމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ނައިބް ރައީސް ވަނީ ސްރީލަންކާގެ ސަފީރުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ވެސް ހަރުދަނާ ވާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ސްރީލަންކާގެ ސަފީރު ވެސް ވަނީ މި ސަރުކާރާއިއެކު މަސައްކަތްކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *