މީހުން

ޖަސްޓް ރޭ ތިންގްސްގެ ދަބަސްތައް އެކި ކުލަކުލައިން

މީ ޔުނިވަރސިޓީއިން ހޮސްޕިޓާލިޓީ މެނޭޖްމެންޓް ކިޔެވުމަށްފަހު ފެމިލީ ރޫމްގައި ބަރިސްޓާ އެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އައިޝަތް ރާޔާ އާސިފަކީ ކޮފީ ހެދުމުގެ އިތުރުން އެތަކެއް ތަފާތު ކްރިއޭޓިވް މަސައްކަތްތަކުގައިވެސް ފާހަގަކޮށްލެވޭ ޒުވާން މޫނެކެވެ. ފުލް ޓައިމް ވަޒީފާއެއް އަދާކުރުމުގެ އިތުރުން އޭނާ އެންމެ ގަޔާވެގެން މިވަގުތު ކުރާ މަސައްކަތަކީ ހުސްވަގުތުގައި ދަބަހާއި ޕައުޗް ފަދަ ތަކެތި ފެހުމެވެ.ރާޔާ އެންމެ ފުރަތަމަ ދަބަހެއް ފެހީ މިދިޔަ އަހަރު ފަހުކޮޅު އޭނާގެ ރަހުމަތްތެރިޔެއް އަދި ހުނަރުވެރި ގްރެފިކް ޑިޒައިނަރެއް ކަމަށްވާ އަބްދުﷲ މާއިޒް އައިޕެޑެއް ގަނެގެން، އެ އައިޕެޑް ލާން ބޭނުންވާ ކަހަލަ ދަބަހެއް އެއްވެސް ތަނަކުން ގަންނަން ނުލިބިގެންނެވެ.

"ދެމީހުން ގޮސް މާލޭގެ ވަރަށް ގިނަ ފިހާރަތައް ބެލިން ބޭނުންވާ ސައިޒްގެ، ޕޮކެޓްސް ހުރި، ކްރޮސް-ބޮޑީ ދަބަހެއް ލިބޭތޯ. [އެކަހަލަ ދަބަހެއް] ނުލިބިގެން މާއިޒް އަމިއްލަޔަށް ޑިޒައިން ކުރީ ދަބަހެއް، އޭނަ ބޭނުންވާ ސައިޒްގެ، ބޭނުންވާ ގޮތަށް ޕޮކެޓްތައް ލާފަ. ދެން ބެލީ އެގޮތަށް ފެހޭނެތޯ."

ރާޔާއަކީ ކުރިއްސުރެވެސް ފެހުންތެރިޔެކެވެ. އޭނާ ފަހަން ދަސްކުރީ މަންމަ އާއި އާއިލާ މީހުން ފަހާތަން ފެނިގެން އެމީހުންގެ އެހީތެރިކަމާއެކު އަމިއްލަ މަސައްކަތުންނެވެ. ލާރިޔަށް ފަހާ ނޫޅުނަސް އެކި ވައްތަރުގެ ހެދުމާއި، ބެޑްޝީޓާއި ބާލީސްއުރަ ފަދަ ތަކެތި ފެހުމަކީ ރާޔާއަށް ވަރަށް ފަސޭހަ ކަމެކެވެ. އާއިލާ މީހުންނަށާއި ރަހުމަތްތެރިންނަށް އޭނާ އާންމުކޮށް އެކި އެއްޗިހި ފަހައިދީ، މިން ނަގައިދީ ހަދައެވެ. އެހެންކަމުން، މާއިޒް ޑިޒައިން ކުރި ދަބަސް ފެހުމަކީ އޭނާއަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.

ރާޔާ އޭނާގެ ފުރަތަމަ ދަބަސް ފެހީ މިދިޔަ އަހަރު ފަހުކޮޅު

އޭގެ ފަހުން ރާޔާ ބެލީ އޭނާ ބޭނުންވާ ގޮތަށް އަމިއްލަ މީހާއަށް ދަބަހެއް ފެހޭތޯއެވެ. އެ ދަބަސް ފެހުމަށްފަހު އޭގެ ފޮޓޯތަކެއް ރާޔާގެ އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓް ކުރުމާއެކު ވަރަށް ގިނަ މީހުން އެ ދަބަސް ވިއްކާނަންތޯ ސުވާލުކޮށް، ގަންނަން ބޭނުންވާކަމަށް ބުނެ، އެ ޕޯސްޓް ޝެއަރކޮށް ހެދިއެވެ.

"އެހިސާބުން ހިތަށްއެރީ ކަމެއް ފެށިދާނޭ ރާޔާއަށް [ރާޔާގެ ފެހުމުގެ] ހުނަރުތައް ބޭނުންކޮށްގެން އެއްޗެއް ލިބޭގޮތަކަށް."

ރާޔާގެ އިންސްޓަގްރާމް ޕޭޖް ޖަސްޓް.ރޭތިނގްސް (@just.raythings)ގެ ފެށުން އައީ އެހިސާބުންނެވެ. މި އަހަރުގެ ޖެނުއަރީ 7ގައި ފަށައިގަތް އެކައުންޓުގައި އަދި މާ ބައިވަރު ޕޯސްޓް ތަކެއް ޖަހާ މާގިނަ ފޮލޯވަރުންތަކެއް ލިބިފައި ނެތަސް، ރާޔާގެ މަސައްކަތުގައި ހުންނަ ފަންނުވެރިކަމާއި އޭނާ ފަހާ ދަބަސްތަކުގެ ރީތި، ގަދަ ކުލަތަކަށް އެކަމުގެ ސަބަބުން އެއްވެސް ފަނޑުކަމެއް ނާދެއެވެ.

ރާޔާ އެންމެ ފުރަތަމަ ހެދި ފަންކްޝަނަލް ޓޯޓް

ރާޔާގެ ދަބަސްތަކާއި ޕައުޗް ތަކުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ހުރިހާ އެއްޗެއްގެވެސް "ފަންކްޝަނަލް" ކަމެވެ. ބަލާބެލުމަށް އޭނާގެ ދަބަސްތަކުގެ ޑިޒައިންތައް ސިމްޕަލް ކަމަށް ފެނުނަސް ފޯނާއި އައިޕެޑާއި އެހެނިހެން ސާމާނު ލާން ކޮންމެ ދަބަހެއްގައިވެސް ތަފާތު ޖީބުތައް ހުރެއެވެ. ހުރިހާ ދަބަހަކާއި ޕައުޗެއްވެސް ފަހާފައިވަނީ ފަރުވާތެރިކަމާއެކު، ކޮލިޓީ ރަނގަޅުކަން ޔަގީންވާހާ ފުރިހަމައަށެވެ. މިހާތަނަށް އައިއިރު އޭނާ ވަނީ މުޅިއެކު 8 ޕައުޗާއި 6 ދަބަސް ފަހާފައެވެ.

"ޒިޕަރ ހުރެފަ ޕޮކެޓްސް ހުރެފަ، އެ ގެންގުޅޭ މީހާއަށްވެސް އެންމެ ފަސޭހަވާނެ ގޮތަކަށް ފެހޭތޯ ބެލީ. މާކެޓްގަ އަސްލު ލިބޭކަށް ނުހުރޭ ގިނަ މީހުން ބޭނުންވާ ގޮތަށް ހުންނަ ދަބަސްތަކެއް. އެހެންވެ ވަރަށް ގިނަ މީހުންނަށް [ރާޔާގެ ދަބަސްތައް] ކަމުގޮސްގެން އުޅުން."

ރާޔާ އެންމެ ފުރަތަމަ ހެދި “ފަންކްޝަނަލް ޓޯޓް

މީގެ އިތުރުން ރާޔާގެ ކޮންމެ އުފެއްދުމެއްގައި ވަރަށް ޚާއްސަކަމެއް ވެއެވެ. އެއީ އޭނާގެ ވަށައިގެންވާ މާހައުލުން ފެންނަ "އެވްރީޑޭ ތިންގްސް" އިން އިންސްޕިރޭޝަން ނަގައިގެން ފަރުމާކުރާ ދެވަނައެއްނުވާ އުފެއްދުންތަކަކަށް ވުމެވެ.

"ކޮންމެކަހަލަ ތަނަކުންވެސް ފެންނާނެދޯ އަބަދުވެސް ވަރަށް ރީތި ކުލަތަކެއް. މިސާލަކަށް އެންމެ ފަހުން ހެދި ބޭގް އިޒް ބޭހޮޕްސް އިންސްޕަޔަރޑް. ބޭހޮޕްސް އެންމެބޮޑަށް އަޅައިގަތީ، ހުޅުމާލެއަށް ދާއިރު މަގުމަތީގަ އޮންނާނެ ވަރަށް ރީތިކޮށް ވެޔޮގަނޑެއް އަރާފަ. އެވެޔޮގަނޑުގަ ޕާރޕަލް ކުލައިގެ މާ އަޅާފަ އޮންނާނީ. ދެން ހިތަށްއެރީ ޕާރޕަލް އިޒް މައި ފޭވަރިޓް ކަލަރ އޭ. ދެން ބޭހޮޕްސް އިންސްޕަޔަރޑް ބޭގެއް ހެދީ."

ރާޔާގެ ބޭހޮޕްސް އިންސްޕަޔަރޑް “ފަންކްޝަނަލް ޓޯޓް”

ރާޔާގެ ދަބަސްތައް ތަފާތު އެކި ކުލަތަކުން ފެނުނަސް އޭނާގެ އުފެއްދުންތަކުގެ އައިޑެންޓިޓީ ހިފެހެއްޓުމަށްޓަކައި ކޮންމެ ދަބަހެއްގެ އެތެރޭގައި ރޮނގުދެމި ފޮތިފަށެއް ލެވިފައިވެއެވެ. އެ ޕެޓާރން ނުލިބޭ ބައެއް ހާލަތްތަކުގައި ގޮޅިޖެހި ޕެޓާރން ބޭނުން ކުރިޔަސް، އާންމު ގޮތެއްގައި ބޭނުން ކުރަނީ "ސްޓްރައިޕްސް" ކަމަށް ރާޔާ ބުންޏެވެ.

"ކޮންމެވެސް ޕެޓާރން އެއް ބޭނުން އިންނަން. ބޭރަށް ޕެޓާރން ލައިފިއްޔާ ރީތި ނުވެދާނެތީ އެތެރެޔަށްލީ. ރާޔާ ބޭނުންވަނީ މީހުންނަށް އެނގެން [ރާޔާ ހަދާއެއްޗެއް] މިހެންކަން އިންނާނީ. އެކަހަލަ ގޮތަކަށް ބްރޭންޑް ގެންނަން ވެގެން ބޭރަށް ޕްލެއިން ފޮތި ލާފަ އެތެރެއަށް ޕެޓާރން ފޮތި މި ލަނީ".

 

View this post on Instagram

 

A post shared by Raya (@just.raythings)

މިހާރު ރާޔާ ނެރެމުންދާ "ފަންކްޝަނަލް ޓޯޓް" ސީރީޒްގެ ދަބަސް ފެހި ކުލައިންނާ ދަނބު ކުލައިން ފަހާ ޕޯސްޓް ކުރެވިފައިވާއިރު، އަދި މި ސީރީޒްގެ އިތުރު ދަބަސްތަކެއް ތަފާތު ތިން ކުލައަކުން ވަރަށް އަވަހަށް ފެންނާނެ ކަމަށް ރާޔާ ބުންޏެވެ. ޓޯޓް ބޭގް ގެ އިތުރުން ކްރޮސްބޮޑީ ދަބަހާއި ޕައުޗްވެސް އިތުރަށް ފަހަން އޭނާ ދަނީ މަސައްކަތްކުރަމުންނެވެ.

ފާއިތުވެ ދިޔަ ތިންމަސް ދުވަހުގެ ތެރޭ ފުލްޓައިމް ވަޒީފާއެއް އަދާކުރަމުން މާގިނަ ވެރައިޓީ ތަކެއްގެ ޕްރޮޑަކްޓްސް ހެދިފައި ނުވިޔަސް އެކި މީހުންގެ ފަރާތުން ލިބެމުންދާ ޚިޔާލުތަކާއެކު ކުރިޔަށް އޮތް ތަނުގައި ދަބަހާއި ޕައުޗްގެ އިތުރުން ވަރަށް ބައިވަރު ތަފާތު ތަކެތި ފަހަން ވިސްނާ ކަމަށް ރާޔާ ބުންޏެވެ. ތަނަކުން ގަންނަން ބަލާއިރު ބޭނުންވާ ސައިޒާއި ބޭނުންވާ ގޮތަށް ހުންނަ އެއްޗެހި ނުލިބޭތީ ވަރަށް ގިނަ މީހުންގެ ފަރާތުން ރާޔާއަށް ކަސްޓަމް އޯޑަރ ލިބެއެވެ. "އެހެންމީހުން ދޭ އައިޑިއާޒް ވަރަށް ގިނަވާނެ. މިސާލަކަށް ފަހާ މީހުންނާ ބޯކޮށާމީހުން އެބަ ބޭނުންވޭ [އެމީހުން ގެންގުޅޭ] ސާމާނު ލާނެ ސްލީވްސް ކަހަލަ އެއްޗިހިވެސް".

އެކަމަކު މިވަގުތު ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ރާޔާ އަދި އެކަހަލަ އޯޑަރެއް ނުނަގައެވެ. "އެއީ އަސްލު އެންމެ ބޮޑު ޗެލެންޖަކީ. ވަގުތެއް ނުވޭ އެގޮތަށް [އޯޑަރ ނަގައިގެން]  އެއްޗިހި ހަދާކަށް. މިހާރު ވެއްޖެއްޔާ އެންމެ ބޭގެއް ހަދަން އެބަދޭ ނުވަ ގަޑިއިރު، ދިހަ ގަޑިއިރު، އެކި ދުވަސްތަކަށް ބަހާލައިގެން. އެހެންވީމަ ބައެއްފަހަރު ބޭގެއް ހަދާ ނިމޭއިރު އޮންނަނީ ހަފްތާއެއް ހަމަވެފަ. ދެން އަނެއްކާ އަނެއް ބޭގް ހަދަން އެހެން ހަފްތާއެއް".

ދަބަސް ފަހަން ފޮތި ކެފުމުގައި ރާޔާ ހަރަކާތްތެރިވަނީ

ވަޒީފާގައި 8 ގަޑިއިރު ހޭދަކުރުމަށްފަހު ދިރިއުޅުމުގެ އިތުރު މަސްއޫލިއްޔަތުތައް އަދާކޮށްފައި ބޭނުންވާ ވަރަށް ފެހުމަށް ވަގުތު ހުސްކުރަން ދަތިވިޔަސް ރާޔާ ހުރީ ލަސްލަހުން ނަމަވެސް އެކި ޒާތްޒާތުގެ ތަކެތި ވީވަރަކުން ނިންމާހިތުންނެވެ. ކުރިޔަށް އޮތްތަނުގައި އެ ފުރުސަތު ލިބިއްޖެނަމަ ފެހުން އިތުރުކޮށް އެކި މީހުންގެ ފަރާތުން އޯޑަރު ނަގާނެކަމުގެ ޔަގީންކަން ރާޔާ ދިނެވެ.

ފެމިލީ ރޫމްގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން ރާޔާ އޯޑަރަށް ކޭކު އަޅާވެސް ހެދިއެވެ. ބުރަކޮށް ވަޒީފާގައި އުޅެމުން ބޭނުންވާ ވަރަށް ވަގުތު ހުސްކޮށްގެން އޯޑަރަށް ކޭކު ނޭޅުނަސް ރަހުމަތްތެރިޔަކު ބުނެފިއްޔާ ކޮންމެވެސް ގޮތަކުން ވަގުތު ހޯދައިގެން މިހާރުވެސް ރާޔާ ކޭކު އަޅައިދެއެވެ. މަސައްކަތުގައި އުޅޭތީ ހޮބީތަކަށް އެކަށީގެންވާ ވަގުތު ނުދެވުނަސް ރާޔާ ފެމިލީ ރޫމްގައި މަސައްކަތް ކުރަނީ ވަރަށް ކުރާހިތުންނެވެ. ކޮފީ ހެދުމުގެ އިތުރުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާ ބަޔަކާ ދިމާވެ ވާހަކަ ދެކެވޭތީ ވަރަށް ހިތްހަމަ ޖެހޭކަމަށް ރާޔާ ބުންޏެވެ.

1
1
5
32
5

ކޮމެންޓް

Your email address will not be published. Required fields are marked *

0 %