ސަރުކާރުގެ މިނިސްޓަރުންނަށް ސިޔާސީ ނަހަމަ ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީގައި އެދިއްޖެއެވެ. އެގޮތަށް އެދިފައިވަނީ އެމްޑީޕީގެ ފިޔަވަޅު ކޮމިޓީގެ ނައިބު މުގައްރިރު ފުރަހަނި ޝުއައިބު އަލީއެވެ. 

އޭނާ އިއްޔެ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުވި ސިޓީއެއް ވަނީ އާންމުވެފައެވެ. އެ ސިޓީގައި ބުނެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އެކަހެރިވުމަށް އެދިވަޑައިގެން ރައީސް ނަޝީދު ފޮނުއްވި ސިޓީއަކީ ޕާޓީގެ އުސޫލުތަކާ ހިލާފަށް ޕާޓީގެ ވަސީލަތްތައް ބޭނުން ކުރެއްވުމަށް ބާރު އެޅުއްވުން ކަމަށެވެ. 

ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ބަދަލު ހިފުމުގެ ރޫހެއްގައި ކަމަށާއި އެ ރޫހުގައި ރައީސް ނަޝީދު ޕާޓީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރައްވައިގެންވާނެ ކަމެއް ވެސް ނޫން ކަމަށް ސިޓީގައިވެއެވެ. އެކަން ހުއްޓުވަން ޖެހޭނީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ކަމަށް ފާހަގަކުރިއެވެ. 

ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ރައީސް ނަޝީދު، ބޮޑުވަޒީރަކަށްވުމުގެ ހުވަފެނުގައި އެތައް ބަޔަކު ގުރުބާންވެގެން މިހާތަނަށް ގެނެސްފައިވާ އެމްޑީޕީ، ގުރުބާން ކުރިމަށް ފިކުރު ޖާގަ ނުދޭ ކަމަށެވެ. ރައިސުލްޖުމްހޫރިއްޔާ އަދި މިވަގުތު ޕާޓީގެ އެންމެ އިސް ލީޑަރަކީ ވެސް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކަމަށާއި އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ނުރުހޭ ކަމަށެވެ. 

މިނިސްޓަރެއް ޖަވާބުދާރީކުރެވޭނެ ގޮތްތައް ގާނޫނު އަސާސީގައި އެބަހުރި ކަމަށާއި އޭގެ އިތުރުން އެމްޑީޕީގެ އަސާސީ ގަވައިދާއި ޕީޖީ ގުރޫޕް ގަވައިދުގައި ވެސް ގުނަވަންތަކުން އަމަލު ކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން އޮތްވައި ޕާޓީގެ ރައީސް އަމިއްލަ މަސްލަހަތަށްޓަކައި ޕާޓީ ގުރުބާންކުރުމަކީ ގައްދާރުވުން ކަމަށެވެ. 

އެހެންވެ، ރައީސް ނަޝީދު ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް އަމަލު ކުރައްވާތީ އާއި އަމިއްލަ މަސްލަހަތު އިސްކުރައްވާތީ އާއި ރައިސުލްޖުމްހޫރިއްޔާގެ ބާރުތަކަށް ތެރެއަށް ސިޔާސީ ނަހަމަ ނުފޫޒު ފޯރުވަމުންދާތީ އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސިޓީގައި ވަނީ އެދިފައެވެ. 

ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އެ މައްސަލަ ފުރަތަމަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވުމަށެވެ. ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ފައްޔާޒު މަސައްކަތް ކުރައްވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ތެރޭގައި ނުފޫޒު ގަދަ ކުރައްވައި "ބްރޯ"އަކަށް ހެދޭށެވެ.

ރައީސް ނަޝީދުގެ ތުހުމަތުތައް ފައްޔާޒު ދޮގު ކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ކޮރަޕްޝަން ނުހިންގަވާ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޭނާއަށް ދެވިދާނެއެވެ. މަސައްކަތް ކުރައްވަނީ ސަރުކާރުގެ ވައުދުތައް ފުއްދަވަން ކަމަށް ފައްޔާޒު ވިދާޅުވެއެވެ. ފައްޔާޒަކީ މި ސަރުކާރުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ މިނިސްޓަރު ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ދިފާއު ކުރައްވާފައެވެ. އަދި ވިދާޅުވީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލައިން އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދު ރައީސް ނަޝީދު، ހަސަން ލަތީފަށް ފޮނުއްވި ސިޓީގައި އެމްޑީޕީގެ ސްލޮޓެއްގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒު، މަސްއޫލިއްޔަތުން އެކަހެރިވެލެއްވުމަށް ފެންނަކަމަށް ދަންނަވަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.

"އަޅުގަނޑަކާއި އެމް.ޑީ.ޕީ ގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާއިވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނުމެއޮންނާނެއެވެ. އަދި މިވާހަކަ މިގޮތަށް މިދަންނަވަނީ ހަމައެފަދައިން އެއްވެސް މިނިސްޓަރަކާއިވެސް ޒާތީ މައްސަލައެއް އޮވެއެއްނޫނެވެ." ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް، ވޭތުވެ ދިޔަ ހަތް އަހަރު ތެރޭގަވެސް ޕާޓީއަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށާއި މިހާރުގެ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ ޢަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީކަމެއް ނޫން ކަމަށެވެ. ޕާޓީ އިން ޙަވާލުވެފައިވަނީ ސިޔާސީ މަސައްކަތެއް ކަމަށާއި ފާހަގަ ކުރައްވަނީ ސިޔާސީ ނަޒަރަކުންދެކޭނަމަ، މިނިސްޓަރު ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެއް ކަމަށެވެ.

"ޖަޒީރާ"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދުގެ ސިޓީ އެމްޑީޕީއަށް ފޮނުއްވި ފަހުން ވެސް ރައީސް ސޯލިހާ މުއާމަލާތް ކުރެވިފައިވާ ކަމަށާއި އިސްތިއުފާ ދެއްވުމުގެ އެއްވެސް އިޝާރާތެއް ކުރައްވާފައިނުވާ ކަމަށެވެ.

"ރައީސް ނަޝީދުގެ ސިޓީގައި އިޝާރާތް ކުރައްވާފައިވާ އެއްވެސް ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ، އިސްތިއުފާ ދެއްވުމުގެ އެއްވެސް ވިސްނުމެއް ނެތް،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ތުހުމަތުތަކެއް ކުރެވޭނަމަ އެކަންކަން ބަލަންވީ ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. މިހާރު ގެނެސްފައިވާ ނިޒާމަކީ ޒަވާބުދާރީކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ކަމަށާއި މަޖިލިސް ތެރެއިން ވެސް އެކަން ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މަގު އިހްތިޔާރުނުކޮށް، ދައްކާ ވާހަކަތަކެއްގެ މައްޗަށް ކަންކަން ކުރިއަށް ގެންދަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.