ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަގައި އެތަނުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ.ނަޒްލާ ވިދާޅުވެފައިވާ ގޮތުން، ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން މިއަދުން ފެށިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެއެވެ. މިހާރުވެސް ގްރޭޓަރ މާލޭ ސަރަހައްދު ހިމެނޭގޮތުން ކ، އއ، އދ، އަދި ވ އަތޮޅުގައި ދުވާލަކު 1،000-1،300 ޓެސްޓުކުރެއެވެ. މިހާރު ގްރޭޓަރ މާލޭ ސަރަހައްދުގައި ޓެސްޓު ކުރަނީ އައިޖީއެމްއެޗް، އޭޑީކޭ އަދި ޕޮލިސް ލެބުގައެވެ. ޑރ. ނަޒްލާ ވިދާޅުވެފައިވާ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައިވެސް ޓެސްޓިން ފެށޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

އަތޮޅުތެރެވެސް ޒޯންތަކަކަށް ބަހާލައިގެން ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ. މިގޮތުން ހއ، ހދ، އަދި ށ އަތޮޅު ހިމެނޭ ޒޯންގައި ޓެސްޓިން ކެޕޭސިޓީ ދުވާލަކު 60 އިން 200 އަށް އިތުރު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. ނ، ރ، ބ، އަދި ޅ އަތޮޅު ހިމެނޭ ޒޯންގައި މިހާރު ދުވާލަކު ކުރެވެނީ 80 ޓެސްޓެވެ. މ، ފ، ދ، ތ، އަދި ލ ހިމެނޭ ޒޯންއާއި ގއ އަދި ގދ ހިމެނޭ ޒޯންގައިވެސް މިހާރު ދުވާލަކު ކުރެވެނީ 40 ޓެސްޓެވެ. އައްޑޫ ސިޓީ އަދި ފުވައްމުލައް ހިމެނޭ ޒޯންގައި ދުވާލަކު 60 ޓެސްޓުކުރެވެއެވެ.

ގއ. ވިލިނގިލި، ފުވައްމުލަކު ސިޓީ، އަދި ޅ. ނައިފަރު ހިމެނޭ ޒޯންތަކުގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީގައި ލިބިފައިވާ ޖީން އެކްސްޕާޓް މެޝިންތައް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް ކަމަށް ޑރ. ނަޒްލާ ރަފީގް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި 45،000 ޓެސްޓު ކިޓު އަދި 11،000 ޖީން އެކްސްޕާޓް ކާޓްރިޖް އެބަހުއްޓެވެ. މިހާތަނަށް 125،000 ގާތް ކުރާ ވަރަކަށް ޓެސްޓު ކުރެވިފައިވާއިރު، މިއަށްވުރެވެސް ޓެސްޓް ކުރެވޭ މިންވަރު އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ބޭނުމަކީ ބަލި އުޅޭ މިންވަރު ދެނެގަތުން ކަމަށް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ. 

އިއްޔެ އެކަނިވެސް މާލޭ ސަރަހައްދުން 86 މީހުން އަދި އަތޮޅުތެރެއިން 7 މީހުން ޕޮޒިޓިވްވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.