ސްރީ ލަންކާގެ ބޭރުން އިންޑިއާ ކަނޑުގައި އަލިފާން ރޯވި ޓޭންކަރުން އިންޑިއާ ކަނޑަށް ތެޔޮ ލީކުވެފައިވާ ކަމަށް ސްރީ ލަންކާގެ ނޭވީއިން ބުނެފިއެވެ. 

މީގެ ހަފްތާއެއްހާ ދުވަސްކުރިން އަލިފާން ރޯވި ޓޭންކަރުން މީގެކުރިން އަލިފާން ނިއްވާލެވުނު ކަމަށް ބުނި ނަމަވެސް އަލުން ވަނީ އަލިފާން ރޯވެފައެވެ. މި ޓޭންކަރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް އިންޑިއާ އަދި ސްރީ ލަންކާގެ ކަނޑުގެ ސިފައިން ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.

މި ޓޭންކަރު ދަތުރުކުރަމުން އައީ 270،000 ޓަނުގެ ކްރޫޑް އޮއިލް އަދި 1700 ޓަނުގެ ޑީސަލާއެކުއެވެ. އޭގެ ތެރެއިން ކަނޑަށް ލީކުވެފައިވާ ކަމަށް ބެލެވެނީ ޑީސަލްއެވެ. ޑީސަލް ލީކުވެފައިވާ ކަމަށް ބެލެވެނީ އަލިފާން ނިއްވުމަށް ބޭނުންކުރި ފެނާއި އެކުވެގެންނެވެ.

އިންޑިއާގެ ކޯސްޓް ގާޑުން އަންނަނީ ޓޭންކަރަށް އަލިފާން ރޯނުވާ ޒާތުގެ ކެމިކަލް ސްޕްރޭ ކުރުމަށް ވައިގެ އުޅަނދުތަކެއް ވެސް ބޭނުންކުރަމުންނެވެ. ގާތްގަނޑަކަށް 330 މީޓަރުގެ މި ޓޭންކަރުގައި އަލިފާން ރޯވުމާއެކު އޭގެ ހަލްއަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް އިންޑިއާގެ ކޯސްޓްގާޑުން ވަނީ ބުނެފައެވެ. ސްރީ ލަންކާގެ ސިފައިން ވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 2200 ކިލޯގެ ޑްރައި ޕައުޑަރު ބޭނުންކޮށްފައެވެ. 

މި ޓޭންކަރުގައި ރޯވި އަލިފާންގަނޑުގައި ވަނީ ޓޭންކަރުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްއަށް ނިސްބަތްވާ މީހަކު މަރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.