އިކޮނޮމިކް މިނިސްޓަރު ފައްޔާޒުއާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކަންބޮޑުވުންތައް ހާމަ ކުރައްވައި ފޮނުއްވާފައިވާ ސިޓީ، ޕާޓީގެ ނިޒާމްތަކުގެ ތެރެއިން ވީހާވެސް ގިނަ މެންބަރުންނަށް ހާމަ ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. 

އިނގިރޭސިވިލާތުގައި ހުންނަވައި، ރައީސް ނަޝީދު، ހަސަން ލަތީފަށް އެޑްރެސް ކުރައްވައި ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގެންފައިވަނީ މިނިސްޓަރު ފައްޔާޒު މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އެއަށްފަހު އެ ސިޓީ އެމްޑީޕީގެ ހުރިހާ މެމްބަރުންނަށްވެސް ފެންނާނެ ގޮތަކަށް
ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. 

އެ ސިޓީ ލިބުމާއެކު، ހަސަން ލަތީފް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ސިޓީ ހިއްސާ ކުރައްވާފައެވެ. 

"ޖަޒީރާ"އާ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ސިޓީގައި އެމްޑީޕީގެ ލީޑަޝިޕްގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ އެ ސިޓީ އާންމު މެންބަރުންނަށް ވެސް ހިއްސާ ކުރެއްވުމަށް ކަމަށެވެ. އެހެންކަމުން ޕާޓީގެ ނިޒާމްތަކުގެ ތެރެއިން އެކަން ކުރައްވައި އެ މައުލޫމާތު މެންބަރުންނާ ހިއްސާ ކުރައްވާނެ ކަމަށް ހަސަން ވިދާޅުވިއެވެ. ދެން ސިޓީގައި ރައީސް ނަޝީދު އެދިވަޑައިގެންފައިވާ އެދިވަޑައިގަތުމަކީ މިނިސްޓަރު ފައްޔާޒުގެ ކިބައިން އެދިވަޑައިގަންނަވާ އެދިވަޑައިގަތުމެއްކަން ހަސަން ފާހަގަ ކުރެއްވިއެވެ. 

ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އެ މައްސަލަ ފުރަތަމަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވުމަށެވެ. ނަމަވެސް މިއަދު ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ގައުމީ މަޖިލީހުގައި އެކަން އެޖެންޑާކޮށް ދިނުމަށް އެދިވަޑައިގެންފައެއް ނުވެއެވެ. 

ނަމަވެސް ބެލެވޭ ގޮތުގައި މި މައްސަލަ ވަރަށް އަވަހަށް ރަސްމީކޮށް ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެއެވެ. އީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ފައްޔާޒު މަސައްކަތް ކުރައްވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ތެރޭގައި ނުފޫޒު ގަދަ ކުރައްވައި "ބްރޯ"އަކަށް ހެދޭށެވެ.

ރައީސް ނަޝީދުގެ ތުހުމަތުތައް ފައްޔާޒު ދޮގު ކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ކޮރަޕްޝަން ނުހިންގަވާ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޭނާއަށް ދެވިދާނެއެވެ. މަސައްކަތް ކުރައްވަނީ ސަރުކާރުގެ ވައުދުތައް ފުއްދަވަން ކަމަށް ފައްޔާޒު ވިދާޅުވެއެވެ. ފައްޔާޒަކީ މި ސަރުކާރުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ މިނިސްޓަރު ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ދިފާއު ކުރައްވާފައެވެ. އަދި ވިދާޅުވީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލައިން އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ޖަޒީރާ"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދުގެ ސިޓީ އެމްޑީޕީއަށް ފޮނުއްވި ފަހުން ވެސް ރައީސް ސޯލިހާ މުއާމަލާތް ކުރެވިފައިވާ ކަމަށާއި އިސްތިއުފާ ދެއްވުމުގެ އެއްވެސް އިޝާރާތެއް ކުރައްވާފައިނުވާ ކަމަށެވެ.

"ރައީސް ނަޝީދުގެ ސިޓީގައި އިޝާރާތް ކުރައްވާފައިވާ އެއްވެސް ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ، އިސްތިއުފާ ދެއްވުމުގެ އެއްވެސް ވިސްނުމެއް ނެތް،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ތުހުމަތުތަކެއް ކުރެވޭނަމަ އެކަންކަން ބަލަންވީ ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. މިހާރު ގެނެސްފައިވާ ނިޒާމަކީ ޒަވާބުދާރީކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ކަމަށާއި މަޖިލިސް ތެރެއިން ވެސް އެކަން ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މަގު އިހްތިޔާރުނުކޮށް، ދައްކާ ވާހަކަތަކެއްގެ މައްޗަށް ކަންކަން ކުރިއަށް ގެންދަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ ސިޓީގައި އެމަނިކުފާނުގެ ކަންބޮޑުވުންތައް ވީހާވެސް ގިނަ އާންމު މެންބަރުންނަށް ވެސް ފެންނާނެ ގޮތް ހައްދަވަައިދެއްވުމަށް އެދިވަޑައިގެންފައެވެ. ފައްޔާޒު ވެސް އެކަމަށް ތާއިދު ކުރެއްވިއެވެ. ވިދާޅުވީ ވީހާވެސް ގިނަ ބަޔަކަށް ރައީސް ނަޝީދުގެ ކަންބޮޑުވުންތައް ފެނިގެން ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ވެސް އެދުމަކީ ކަންބޮޑުވުން ހިއްސާ ކުރެވިގެން ދިޔުން، އަޅުގަނޑަށް ޖަވާބު ދާރީނުވެވޭނެ ކަމެއް ނޯންނާނެ، ރައީސް ނަޝީދު ފަދަ އެހާ ގަދަރުވެރި ބޭފުޅަކު އަޅުގަނޑާމެދު ކަންބޮޑުވުންތަކެއް ފާޅުކުރުމުން އެ ކަންކަން އާންމުންނަށް ވެސް އެނގިގެން ދިޔުން ބޭނުންވޭ،" ފައްޔާޒު ވިދާޅުވިއެވެ.

މިއަދު ރައީސް ނަޝީދު، ހަސަން ލަތީފަށް ފޮނުއްވި ސިޓީގައި އެމްޑީޕީގެ ސްލޮޓެއްގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒު، މަސްއޫލިއްޔަތުން އެކަހެރިވެލެއްވުމަށް ފެންނަކަމަށް ދަންނަވަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.

"އަޅުގަނޑަކާއި އެމްޑީޕީގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާއިވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނުމެއޮންނާނެއެވެ. އަދި މިވާހަކަ މިގޮތަށް މިދަންނަވަނީ ހަމައެފަދައިން އެއްވެސް މިނިސްޓަރަކާއިވެސް ޒާތީ މައްސަލައެއް އޮވެއެއްނޫނެވެ." ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް، ވޭތުވެ ދިޔަ ހަތް އަހަރު ތެރޭގަވެސް ޕާޓީއަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށާއި މިހާރުގެ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ ޢަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީކަމެއް ނޫން ކަމަށެވެ. ޕާޓީ އިން ޙަވާލުވެފައިވަނީ ސިޔާސީ މަސައްކަތެއް ކަމަށާއި ފާހަގަ ކުރައްވަނީ ސިޔާސީ ނަޒަރަކުންދެކޭނަމަ، މިނިސްޓަރު ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެއް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.