އިކޮނޮމިކް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެހެންކަމުން އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާނަމަ ދެއްވާނީ، ރައީސް އެދިވަޑައިގެންނެވުމުން ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ސިޓީއެއް ފޮނުއްވަވައި، ފައްޔާޒު މަގާމުން އަމިއްލައަށް އެކަހެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ދަންނަވާފައިވާ ވަނިކޮށެވެ. 

"ޖަޒީރާ"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދުގެ ސިޓީ އެމްޑީޕީއަށް ފޮނުއްވި ފަހުން ވެސް ރައީސް ސޯލިހާ މުއާމަލާތް ކުރެވިފައިވާ ކަމަށާއި އިސްތިއުފާ ދެއްވުމުގެ އެއްވެސް އިޝާރާތެއް ކުރައްވާފައިނުވާ ކަމަށެވެ. 

"ރައީސް ނަޝީދުގެ ސިޓީގައި އިޝާރާތް ކުރައްވާފައިވާ އެއްވެސް ކަމެއް އަޅުގަނޑު ކޮށްފައެއް ނޯންނާނެ، އިސްތިއުފާ ދެއްވުމުގެ އެއްވެސް ވިސްނުމެއް ނެތް،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. 

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ތުހުމަތުތަކެއް ކުރެވޭނަމަ އެކަންކަން ބަލަންވީ ކަމަށާއި އެކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. މިހާރު ގެނެސްފައިވާ ނިޒާމަކީ ޒަވާބުދާރީކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ކަމަށާއި މަޖިލިސް ތެރެއިން ވެސް އެކަން ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މަގު އިހްތިޔާރުނުކޮށް، ދައްކާ ވާހަކަތަކެއްގެ މައްޗަށް ކަންކަން ކުރިއަށް ގެންދަވާތީ ހިތާމަ ކުރައްވާ ކަމަށެވެ. 

ރައީސް ނަޝީދު ވަނީ ސިޓީގައި އެމަނިކުފާނުގެ ކަންބޮޑުވުންތައް ވީހާވެސް ގިނަ އާންމު މެންބަރުންނަށް ވެސް ފެންނާނެ ގޮތް ހައްދަވަައިދެއްވުމަށް އެދިވަޑައިގެންފައެވެ. ފައްޔާޒު ވެސް އެކަމަށް ތާއިދު ކުރެއްވިއެވެ. ވިދާޅުވީ ވީހާވެސް ގިނަ ބަޔަކަށް ރައީސް ނަޝީދުގެ ކަންބޮޑުވުންތައް ފެނިގެން ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

"އަޅުގަނޑުގެ ވެސް އެދުމަކީ ކަންބޮޑުވުން ހިއްސާ ކުރެވިގެން ދިޔުން، އަޅުގަނޑަށް ޖަވާބު ދާރީނުވެވޭނެ ކަމެއް ނޯންނާނެ، ރައީސް ނަޝީދު ފަދަ އެހާ ގަދަރުވެރި ބޭފުޅަކު އަޅުގަނޑާމެދު ކަންބޮޑުވުންތަކެއް ފާޅުކުރުމުން އެ ކަންކަން އާންމުންނަށް ވެސް އެނގިގެން ދިޔުން ބޭނުންވޭ،" ފައްޔާޒު ވިދާޅުވިއެވެ. 

ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަން ރައީސް ނަޝީދު މަސައްކަތް ކުރައްވާފައިވެއެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އެ މައްސަލަ ފުރަތަމަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވުމަށެވެ. ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުގައި ފައްޔާޒު މަސައްކަތް ކުރައްވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސަރުކާރުގެ ތެރޭގައި ނުފޫޒު ގަދަ ކުރައްވައި "ބްރޯ"އަކަށް ހެދޭށެވެ.

ރައީސް ނަޝީދުގެ ތުހުމަތުތައް ފައްޔާޒު ދޮގު ކުރައްވައެވެ. އޭނާ ވިދާޅުވާ ގޮތުގައި ކޮރަޕްޝަން ނުހިންގަވާ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޭނާއަށް ދެވިދާނެއެވެ. މަސައްކަތް ކުރައްވަނީ ސަރުކާރުގެ ވައުދުތައް ފުއްދަވަން ކަމަށް ފައްޔާޒު ވިދާޅުވެއެވެ. ފައްޔާޒަކީ މި ސަރުކާރުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ މިނިސްޓަރު ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ދިފާއު ކުރައްވާފައެވެ. އަދި ވިދާޅުވީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލައިން އޭނާ ސަލާމަތް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދު ރައީސް ނަޝީދު، ހަސަން ލަތީފަށް ފޮނުއްވި ސިޓީގައި އެމްޑީޕީގެ ސްލޮޓެއްގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒު، މަސްއޫލިއްޔަތުން އެކަހެރިވެލެއްވުމަށް ފެންނަކަމަށް ދަންނަވަނީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.

"އަޅުގަނޑަކާއި އެމް.ޑީ.ޕީ ގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާއިވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނުމެއޮންނާނެއެވެ. އަދި މިވާހަކަ މިގޮތަށް މިދަންނަވަނީ ހަމައެފަދައިން އެއްވެސް މިނިސްޓަރަކާއިވެސް ޒާތީ މައްސަލައެއް އޮވެއެއްނޫނެވެ." ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް، ވޭތުވެ ދިޔަ ހަތް އަހަރު ތެރޭގަވެސް ޕާޓީއަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަ ކަމަށާއި މިހާރުގެ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ ޢަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީކަމެއް ނޫން ކަމަށެވެ. ޕާޓީ އިން ޙަވާލުވެފައިވަނީ ސިޔާސީ މަސައްކަތެއް ކަމަށާއި ފާހަގަ ކުރައްވަނީ ސިޔާސީ ނަޒަރަކުންދެކޭނަމަ، މިނިސްޓަރު ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެއް ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.