އިނގިރޭސިވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯލަރސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑެބްރައިން ކާމިޔާބުކޮށްފިއެވެ. 

އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ޗެލްސީގެ އަންހެން ޓީމަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ ބެތު އިންގްލޭންޑް އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ލިވަޕޫލްއިން ޕްރިމިއަރ ލީގު ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ޓްރެންޓް އެލެކްޒެންޑަރ އާނޯލްޑްއެވެ. 

މިއީ 1974 ވަނަ އަހަރުން ފެށިގެން މި އެވޯޑް ދޭން ފެށިފަހުން ސިޓީއަށް ނިސްބަތްވާ ކުޅުންތެރިޔަކު މި އެވޯޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. 

ޑެބްރައިން ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ސިޓީގެ ކުޅުންތެރިޔެއްގެ ގޮތުގައި އެވޯޑް ކާމިޔާބުކުރެވުމުން އިތުރަށް އުފާވާ ކަމަށެވެ. 

ޕްރިމިއަރ ލީގުގެ ދެވަނަ ސިޓީއިން ހޯދިއިރު ޑެބްރައިން ވަނީ 20 އެސިސްޓް އަދި 13 ލަނޑު ކާމިޔާބުކޮށްދީފައެވެ. 

ޕްރިމިއަރ ލީގުގެ ޓީމް އޮފް ދަ ސީޒަންގެ ގޯލް ކީޕަރަކަށް ބާންލީގެ ނިކް ޕޯޕް ހޮވުނުއިރު ޑިފެންޑަރުންނަށް ހޮވުނީ ލިވަޕޫލްގެ ޓްރެންޓާއި ވެންޑައިކް އަދި އެންޑްރޫ ރޮބަޓްސަންގެ އިތުރުން ލެސްޓަރ ސިޓީގެ ކެގްލަރ ސޮއިންސޫއެވެ. މިޑްފީލްޑަރުންގެ ގޮތުގައި ސިޓީގެ ޑޭވިޑް ސިލްވާ އާއި ޑެބްރައިންގެ އިތުރުން ހޮވުނީ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއެވެ. އަދި ފޯވާޑުންގެ ގޮތުގައި ހިމެނުނީ ލެސްޓަރ ގެ ޖެއިމީ ވާޑީއާއި ލިވަޕޫލްގެ ސަަދިއޯ މާނޭގެ އިތުރުން އާސެނަލްގެ ޕިއެރ އެމެރިކް އޮބަމަޔަންގއެވެ.  

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.