އައްޑޫ ސިޓީގައި ހިމެނޭ ތިމާވެށީގެ ގޮތުން ހާއްސަ 4 ސަރަހެއްދެއް ހިމާޔަތްކުރުމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ނިންމައިފިއެވެ.

އައްޑޫ ސިޓީގެ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ، އަދި ފެހެލެ ކިޅި، ހުޅުދޫ މާފިޝި ކިޅިއާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދު ހިމާޔަތް ކުރަން ނިންމީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާކުރުމަށްފަހު އެރުވި ލަފާފުޅާއި ގުޅިގެންނެވެ.

ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވަނީ، އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީއަށް ކުރިއަށް ގެންދެވޭ މަޝްރޫއުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް މި ސަރަހައްދުތައް ހިމާޔަތް ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވެފައިވާ ގޮތުން، އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް އެ ސިޓީގެ ހެދުނު ސާރވޭ އަކުން 97 އިންސައްތަ މީހުން ބޭނުންވާކަން ވަނީ އެނގިފައެވެ. މިގޮތުން، އެ ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެއްކަން ފާހަގަ ކުރެވި، 30 ސެޕްޓެންބަރ 2019 ގައިވަނީ ބަޔޮސްފިއަރ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައެވެ. މި ނިންމުމަކީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާއަތްތަކުގެ ބޭފުޅުންނާވެސް މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަކީ ސަރުކާރުގެ ވައުދެކެވެ. މިގޮތުން، ތިލަދުންމަތީ 11 ސަރަހައްދަކާ ފުވައްމުލަކު އިރުދެކުނު ފަރާތުގެ ފަރިކެޑި ސަރަހައްދު ވަނީ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *