ދިވެހިރާއްޖޭގައި ކުރި އެންމެ ފުރަތަމަ ލެޓަރޖޭ އޮޕަރޭޝަނާއެކު ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ތާރީހުން ޖާގަ ހޯދައިފިއެވެ. 

މި އޮޕަރޭޝަނަކީ ތަކުރާރުކޮށް ކޮނޑު ހުޅުން ނެއްޓުމުގެ ސަބަބުން ހުޅަށް ލިބިފައިވާ ގެއްލުން ރަނގަޅުކޮށް އިތުރަށް ނެއްޓުނަ ނުދިނުމަށް ކުރާ އޮޕަރޭޝަނެކެވެ. އެގޮތުން އެ ހޮސްޕިޓަލްގައި މި އޮޕަރޭޝަން ކުރީ ކަށީގެ ޑޮކްޓަރު އަހުމަދު އާޒިމްއެވެ. އޭނާ މި އޮޕަރޭޝަން ކޮށްފައިވަނީ 30 ފަހަރަށްވުރެ ގިނަ ފަހަރު ކޮނޑުހުޅު ނެއްޓުނު 70 އަހަރުގެ މީހަކަށެވެ.

މި އޮޕަރޭޝަނަށް ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަވެފައިވާއިރު އެމީހާގެ ކޮނޑުހުޅު ކައިރިގައި ހުންނަ ކަށިކޮޅެއް ހުޅު އެތެރޭގެ ހަލާކުވެފައި ހުންނަ ބަޔަށް ވަނީ ލައްވާފައެވެ.

އެ ހޮސްޕިޓަލުން ވަނީ މިއީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އަދި މިއީ ކަށީގެ ސާޖަރީތަކުގެ ތެރެއިން އެންމެ އުނދަގޫ އެއް ސާޖަރީ ކަމަށް ބުނެފައެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލް ގާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާއިރު ތިނަދޫ ރީޖަނަލް ހޮސްޕިޓަލް ވެސް ޓާޝަރީ ފެންވަރަށް އަންނަނީ ތަރައްގީ ކުރަމުންނެވެ. އެ ހޮސްޕިޓަލަށް ދާދިފަހުން ވެސް އައު މެޝިނަރީތަކާއި ޑޮކްޓަރުން ގެންގޮސްފައިވާއިރު މިފަދަ އޮޕަރޭޝަންތައް މާލެ ނައިސް ކުރެވުމަކީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްތައް ކުރިއަރަމުން އަންނަ ކަމުގެ ހެއްކެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.