އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން، ގަދަކަމުން ގެއްލުވައިލުމުގެ ނުރައްކަލުން މީހުން ރައްކާތެރިކުރުމުގެ ބައިނަލްއަގްވާމީ މުއާހަދާގައި ބައިވެރިވުމަށް ރުހުން ދިނުމުން އެކަން ފާހަގަކޮށް 'ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން' (ޕީޖީއޭ) އިން ޝުކުރުދަންނަވައިފިއެވެ.

2010 ގައި އަމަލުކުރަން ފެށުނު އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ޕްރޮޓެކްޝަން އޮފް އޯލް ޕާރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސަސް (އައިސީޕީޕީއީޑީ) ގައި ބައިވެރިވުމަށް ފާސްވީ މަޖިލީހަށް ހާޒިރުވެތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މިކަމާ ގުޅިގެން ޕީޖީއޭގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި މުއާހަދާގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގައި އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދިވެސް ވިދާޅުވީ މި މުއާހަދާގެ ސަބަބުން، މަގުމަތިންނާއި މީހުންގެ ގެދޮރުން ރައްޔިތުން ވަގަށްނަގުން ހުއްޓުވޭނޭ ކަމަށާއި، ދާދި ފަހުންވެސް އެފަދަ ގޮތަކަށް ނޫސްވެރިއެއް ގެއްލުވާލެވިފައިވާ ކަމަށެވެ. ދައުލަތަކުން މިފަދަ ކަންތައްތައް ނުފޮރުވޭނޭކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި މުއާހަދާގައި ބައިވެރިވުމުގެ ސަބަބުން ގަދަކަމުން މީހުން ގެއްލުވާލުމަކީ ގާނޫނީ ކުށަކަށްވެ، ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ދައުލަތުގެ މައްޗަށް ލާޒިމު ވާނެއެވެ. މީގެއިތުރުންވެސް ބަންދު ކުރެވޭ މީހުންނާމެދު އަމަލުކުރެވޭނޭ އުސޫލުތަކެއްވެސް މުއާހަދާގައި ވަނީ ކަނޑައަޅާފައެވެ.

މި މުއާހަދާގައި ސޮއި ކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަކީ އެމަނިކުފާނުގެ ވަރަށް މުހިންމު ވައުދެއްކަމަށާއި އެކަމަށްޓަކައި ވަރަށް ހެޔޮ މުހިންމު ފިޔަވަޅުތައް އަޅަމުން ދާކަމަށެވެ. އައިސީޕީޕީއީޑީ ގައި ސޮއި ކުރެވުމުން އެކަމާ އުފާ ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޕީޖީއޭ އިން ވަނީ ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން މިނެގި މުހިންމު ފިޔަވަޅު ފާހަގަކޮށް މިގޮތުގައި ދެމި އޮންނާނޭކަމަށް އުންމީދުކުރާކަމުގައި ދަންނަވާފައެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކަށް ނަމޫނާއެއް ކަމަށާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ މިސާލަކަށް ބަލައި ހެޔޮ ބަދަލުތައް ގެނައުމަށް ޕީޖީއޭ އިންވަނީ ބާރުއަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.