ނަދުހާ ކެމެރާ އާއެކު "ކޮމްފޯޓް ޒޯން"އިން ނިކުތް ގޮތް

އުމުރުން އެންމެ 20 އަހަރުގެ އައިޝަތު ނަދުހާ އަބްދުލްޤަފޫރަކީ ރާއްޖޭގައި މިވަގުތު ތިބި ޒުވާން ފޮޓޯގްރާފަރުންގެ ތެރެއިން ގުނާލެވޭނެ ހުނަރުވެރި ފަންނުވެރިއެކެވެ. ކުޑައިރު ބައްޕަ ފޮޓޯ ނަގާތަން ފެނިގެން ފޮޓޯގްރަފީއަށް އުފެދުނު ޝައުގުވެރިކަން ސްކޫލް ދައުރުގައި ހޮބީ އަކަށް ބަދަލުވެ، މިހާރު ވަނީ އާމްދަނީ ހޯދަން ދިރިއުޅުމުގައި ކުރާ މައިގަނޑު މަސައްކަތަށް ވެފައެވެ.

އެންމެ ފުރަތަމަ ޕްރޮފެޝަނަލް ފޮޓޯގްރާފަރެއްގެ ގޮތުގައި ނަދުހާގެ މަސައްކަތް އާނެމުންނަށް ފެންނާނެހެން ދައްކާލެވުނީ 2016 ވަނަ އަހަރު ބޭއްވުނު ކައްޓި ހިއްވަރު ފެސްޓްގައެވެ. އޭރު ނަދުހާ އާންމުކޮށް ނަގާ އުޅުނީ އޭނާގެ ގާތް ރަހުމަތްތެރިންގެ ޕޯޓްރެއިޓް ފޮޓޯ އެކަންޏެވެ. ނަމަވެސް، ކައްޓި ހިއްވަރުގައި ހުރި އޭނާގެ ސްޓޯލަށް ޒިޔާރަތްކުރި މީހުން ދިން ހިތްވަރު ވެގެންދިޔައީ ފޮޓޯގްރަފީގެ ދާއިރާގައި ކުރިޔަށްދާން ނަދުހާއަށް ލިބުން "ކޮންފިޑެންސް ބޫސްޓް"އަކަށެވެ. އެއިރުން ފެށިގެން ނަދުހާވަނީ އޭނާގެ އިންސަގްރާމް ފޮޓޯގްރަފީ އެކައުންޓް މެދުވެރިކޮށް އެތަށް ޝޫޓް ތަކަކާއި ކޮލެބަރޭޝަން ތަކެއް ގެނެސްދީފައެވެ.

ނަދުހާގެ މަޝްހޫރު ޕޯޓްރެއިޓް ޝޮޓެއް

މަޑުމައިތިރި މިޒާޖެއްގެވެރި ނަދުހާ ބުނިގޮތުގައި އެހާ ރަނގަޅަށް ނުދަންނަ މީހުންނާ ވާހަކަ ދައްކާ ހެދުމަކީ އޭނާ އަބަދުވެސް ފަސްޖެހޭ ކަމެކެވެ. އެހެންކަމުން ޝޫޓް ކުރާ ގަޑީގައި ޔަގީންކަމާއެކު ފޮޓޯ ނެގުމުގައި އެއްވެސް ކަހަލަ އުނދަގުލެއް ދިމާނުވިޔަސް ކްލައެންޓުންނާ މުއާމަލާތުކުރުމަށް ނަދުހާއަށް އުނދަގޫވިއެވެ.

އެކަމުގެ ސަބަބުން އޭނާގެ "ކޮމްފޯޓް ޒޯން" އިން ބޭރުވާން ނަދުހާ ވަރަށް މަސައްކަތް ކުރަން ޖެހުނެވެ.

2019 ވަނަ އަހަރު ފުލް ޓައިމް ފޮޓޯގްރަފަރ އެއްގެ ގޮތުގައި ޕަބްލިސިޓީ ބިއުރޯގައި ވަޒީފާ އަދާކުރަން ފެށުން ވެގެން ދިޔައީ އާންމުކޮށް ކުރަން ފަސްޖެހޭ އެތަށް ކަމެއް ކުރަން ނަދުހާއަށް މަޖުބޫރުވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަށެވެ. އެންޒައިޓީގެ ސަބަބުން މީހުން ގިނަ ތަންތަނުގައި ނޫނީ ބޭރުތެރޭގައި ފޮޓޯ ނެގުމަކީ އަބަދުވެސް ނަދުހާއަށް އުނދަގޫ ކަމެކެވެ. ނަމަވެސް ވަޒީފާގެ މަސްއޫލިއްޔަތު ތަކުގެ ގޮތުން ނަދުހާއަށް ޖެހުނީ އެކި ކަހަލަ ތަންތަނުގައި އެކި ކަހަލަ ގޮތްގޮތަށް ފޮޓޯ ނަގަން އާދަކުރާށެވެ.

"އައި ހޭޑް ނޯ ޗޮއިސް ޓު ބީ އިން މައި ކޮމްފޯޓް ޒޯން، ބިކޯޒް އައި ހޭޑް ޓު އެކްސްޕޭންޑް އިފް އައި ވޯންޓެޑް ޓު ޑޫ ބެޓަރ"، ނަދުހާ ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސް އަށް ނަދުހާ ނަގައިދީފައިވާ ފޮޓޯތަކެއް

އެހިސާބަށް އައިއިރު ގިނައިން ޕޯޓްރެއިޓް ޝޫޓްސް ނަގާފައި ހުރި ފޮޓޯގްރާފަރ އެއާއެކު އިތުރު ތަފާތު ވައްތަރުގެ ފޮޓޯތައް ނަގަން ފެށިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އާއި އުރީދޫ ފަދަ ބޮޑެތި ކުންފުނިތަކުގެ ޕްރޮޖެކްޓު ތަކުގައި މަސައްކަތްކޮށް، ކްލައެންޓުންނާ ގަވައިދުން މުއާމަލާތު ކުރަންފެށުން ވެގެން ދިޔައީ ނަދުހާއަށް ފޮޓޯގްރާފީގެ ދާއިރާގައި އެތައް ހަރުފަތެއް ކުރިޔަށް ޖެހިލަން ލިބުނު ފުރުސަތަކަށެވެ. ޕޯޓްރެއިޓްގެ އިތުރުން މާކެޓިންގ އާއި ކެމްޕެއިން ޝޫޓްތައް ނަގާ ފުޑް ފޮޓޯގްރަފީގެ ތެރޭގައިވެސް ނަދުހާގެ ހުނަރުތައް ވިދާލިއެވެ. މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާއަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ނަދުހާ ވަރަށް ހިތްހަމަޖެހެއެވެ.

"ކުރީގަ ކްލައެންޓުންނާ އެއްކޮށް މަސައްކަތް ކުރާއިރު އަބަދުވެސް ހިތަށް އަރާ ރަނގަޅު ރިޒަލްޓެއް ނުނެރެވިދާނެއޭ ނޫނީ ނަދޫގެ މަސައްކަތް އެމީހުންނަށް ކަމުނުގޮސްދާނެއޭ. އެކަމަކު މިހާރު އައި ނޯ އައި އޭމް ޑުއިންގ ދަ ބެސްޓް އައި ކޭން. އެންޑް ހަމަ އާންމުކޮށް ކޮންމެ ފަހަރަކުވެސް [ނަދޫގެ މަސައްކަތް] އެޕްރޫވް ވޭ. އެ ވެލިޑޭޝަން ލިބޭ ކޮންމެ ފަހަރަކުވެސް".

ނަދުހާގެ ފޮޓޯއެއް އުރީދޫ ބިލްބޯޑެއްގައި

ސްކޫލް ދައުރުގައި އެހެން ކުދިންހާ ކިޔަވަން މޮޅުނުވުމުން ކުޑައިރުއްސުރެ އަމިއްލަ ނަފްސާ ދޭތެރޭ މާ ބޮޑު އިތުބާރެއް ނޯންނާތީ އޭނާގެ މަސައްކަތާއި މެދު މިހާ ޔަގީންކަން އޮންނަ ހިސާބަކަށް ދެވޭނެކަމަކަށް ނަދުހާ ކުރިން ހިއެއް ނުކުރެއެވެ. އެކަމަކު އޭނާ މިހާރު ގަބޫލު ކުރާގޮތުގައި ކޮންމެ މީހަކުވެސް ހިތްވަރާއެކު ފަސްޖެހޭ ކަންކަމާ ކުރިމަތިލައިފިއްޔާ ކުރިއެރުން ލިބޭނެއެވެ.

ކޮންމެ ކުއްޖަކީ ކިޔަވަން މޮޅުވާނެ ކުއްޖެއް ނޫންކަމަށް ވިޔަސް ކޮންމެ ކުއްޖެއްގެވެސް ތަފާތު ހުނަރުތަކަކެއް ހުންނާނެކަން  ފާހަގަކޮށް ނަދުހާ ހިތްވަރު ދިނީ ކުރާހިތްވާ ކަމަކުން ކުރިޔަށް ދިޔުމަށެވެ. "ނަދޫއަކަށް ހިޔެއްނުވޭ ކުރާހިތް ނުވާ ކަމަކުން ކުރިޔަށް ގޮސްގެން ދުވަހަކުވެސް ހިތްހަމަޖެހުމެއް ލިބޭނެ ހެނެއް. އައި ނެވަރ ވޯންޓެޑް ދެޓް ފޯ މައިސެލްފް".

"ބުނަން ބޭނުންވަނީ ހަމަ ފަށާއިރު އަސްލު ނޭނގޭނޭ އެއްވެސް ކަމެއް. ނަދޫ ފެށިއިރު ނޭނގޭ ކެމެރާގެ ސެޓިންގްސްއާ ކުޅޭކަށް. އޭރު ހަމަ އެކްސްޕެރިމެންޓް ކުރީ. އެކްޕެރިމެންޓްކޮށް، ފޮޓޯ ނަގާއުޅޭ ރައްޓެހިންނާ ވާހަކަދައްކާ ހެދީ. އެކަމަކު ވަރަށް ގިނަ ދުވަހުން އަސްލު ނަގައިގަނެވުނީ. ސޯ، އިޓް ވޯންޓް ބީ ޕާރފެކްޓް އޭ ފުރަތަމަ ފަށައިގަންނައިރު. ހަމަ ދަސްކުރަން ޖެހޭނީ".

އެގޮތަށް ކުރިޔަށް ދިޔުމަކީ އެންމެ ފަސޭހަ ގޮތަށް ނުވިޔަސް، ނަދުހާ ބުނިގޮތުގައި އެކަމުގެ ސަބަބުން ވަރަށް ބައިވަރު ކަންކަން ދަސްވެ، އަމިއްލަށް ނަފްސަށް ކުރާ އިތުބާރާއި ކުރާ މަސައްކަތާ ދޭތެރޭ ދެކޭގޮތް މިވީ މަދު އަހަރުތަކުގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ ބަދަލުވެފައެވެ.

ފުޑް ފޮޓޯގްރަފީގެ ތެރެއިން ނަދުހާ ނަގާފައިވާ ފޮޓޮއެއް

ނަމަވެސް، އަދިވެސް މިދާއިރާގައި މަސައްކަތް ކުރާއިރު އިތުރު ގޮންޖެހުންތަކެއް ހުރިކަމަށް ނަދުހާ ބުންޏެވެ. އޭނާ އެންމެ ބޮޑަށް ފާހަގަ ކުރީ އަންހެން ފޮޓޯގްރާފަރުންނަށް މުޖުތަމައުގެ ތެރޭގައި ލިބެންޖެހޭ "ރެސްޕެކްޓް" ރަނގަޅަށް ނުލިބޭ ކަމެވެ. "ފިރިހެނަކު މަގުމަތީގަ ފޮޓޯނަގާތަން ފެނުނީމަ މީހުން އެވަރަކަށް އަޅައެއް ނުލާނެ. އެކަމަކު އަންހެނަކު ފޮޓޯ ނަގަން އުޅެންޏާ ވަރަށް ބަލާނެ. އުނދަގޫވެގެން ނުބަލާށޭ ބުންޏަސް ބައެއް މީހުން ހަމަ ބަލާނެ. އަދި ބައެއްފަހަރު މީހުން އައިސް ބުނާނެ އަޅެ މަގޭ ފޮޓޮއެއް ނަގައިދީބަލާށޭ ވެސް. އެކަމަކު ދުވަހަކުވެސް ފިރިހެން ފޮޓޯގްރާފަރުން ކައިރި އެކަހަލަ އެއްޗެހި ބުނާތަނެއް ނުފެނޭ".

އޭގެ އިތުރުން ނަދުހާ ބުނިގޮތުގައި ބައެއް މީހުންނަށް ފޮޓޯ ނަގަން ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަން ވަޒަން ނުކުރެވޭތީ، އެއަށް ހަމަ އަގު ކިޔަން ބައެއްފަހަރު އުނދަގޫވެއެވެ.

"މިސާލަކަށް ފްރީލާންސް ޝޫޓެއްނަމަ، ކްލައެންޓެއް ބްރީފިންގ ދިނީމަ ފުރަތަމަ ޕިންޓަރެސްޓް ނޫނީ ގޫގްލް ކޮށްގެން އިންސްޕިރޭޝަން ހޯދައިގެން މޫޑް ބޯޑް އެއް ހަދަނީ، ކޮންމެ ޕޮއިންޓަކަށް ވަކިވަކިން، ތިން ސްޓައިލްއެއް ހިމަނައިގެން. ދެން ކޮންމެ ފޮޓޯއަކަށް ބޭނުންވާނީ ކޮންކަހަލަ ޕްރޮޕްއެއްތޯ ބަލާ، ލޮކޭޝަންތައް ކަނޑައަޅާފަ ކްލައެންޓް އޭތި އެޕްރޫވް ކުރީމަ ޝޫޓްއާ އެއްކޮށް ކުރިޔަށް ދަނީ".

އެހިސާބުން ޝޫޓް ކުރާނެ ގަޑިއެއް ނިންމާ، އެ ވަގުތައް ހުރިހާ ކަމެއް ތައްޔާރުކޮށް މޮޑެލްސް ގަޑިއަށް ލޮކޭޝަންއަށް އާދޭތޯވެސް ޔަގީން ކުރަނީ ނަދުހާއެވެ. ކްލައެންޓްގެ ގޮތުން ބައެއްފަހަރު ޝޫޓް ކުރަމުންދާއިރު އެޕްރޫވަލްއަށް ވަގުތުން ވަގުތަށް ނަގާ ފޮޓޯތައް ފޮނުވާ، ލިބޭ ފާޑުކިޔުންތަކަށް ބަލާ ޝޫޓް ކުރާގޮތް ބަދަލުކުރަން ޖެހިދާނެކަމަށްވެސް ނަދުހާ ބުންޏެވެ. "އަދި މާލޭގަ ވަރަށް އުނދަގޫ ކަމެއް ރަނގަޅު ލޮކޭޝަން އެއް ހޯދުމަކީ. ވީ ހޭވް ނަތިންގ ޓު ވޯރކް ވިތް ހިޔަރ."

ޝޫޓް ނިންމާފަ ދެން އެންމެ ބޮޑު ކަމަކަށް އޮންނަނީ އެޑިޓް ކުރުމެވެ. "އެޑިޓް ކުރާއިރުވެސް އެއީ ފިލްޓަރ އެއް ލާފަ އެޑިޓް ކުރުން ކަހަލަ ކަމެއް ނޫން. އެންމެ ފުރަތަމަ ފޮޓޯ އެޑިޓް ކުރަން މަދުވެގެން ނަގާނެ ފަސް ގަޑިއިރު. އެހާ ގިނައިރު ނަގަނީ އެޑިޓް އިންނާނެ ގޮތް ރަނގަޅަށް ދެނެގަންނަން، ދެން ފުރަތަމަ އެޑިޓް ރަނގަޅަށް ކުރެވުނީމަ ބާކީ ހުންނަ ފޮޓޯތަކަށް ހަދާނެ ގޮތެއް އެނގޭނެ. އެއް ލޮކޭޝަން އެއްގަ އެއް ސްޓައިލްއަކަށް ނަގަންޏާ އިންނާނީ ކޮންސިސްޓަންޓް އެޑިޓްއެއް".

އެޑިޓް ކުރުމުގެ ކުރިންނާއި ފަހުން ފެންނަ ތަފާތު ދައްކުވައިދޭ އަޅާކިޔުމެއް

އެކަމަކު އެކި ލޮކޭޝަންތަކުގައި ފޮޓޯ ނަގަންޏާ ލައިޓިންގ އަށް އަންނަ ބަދަލުތަކާއެކު ކޮންމެ ފޮޓޯއެއް އެޑިޓް ކުރަން ދާ ވަގުތު ގިނަވާނެ އެވެ. "އެއް ފޮޓޯގެ ހަތަރު އެޑިޓްވެސް ހަދާފާނެ ބައެއްފަހަރު، ނަދޫ އަށް އެޑިޓް ކުރެވުނުގޮތާ ދޭތެރޭ ހިތްހަމަޖެހެންދެން. އެކަމަކު ކްލައެންޓްސް އަށް ފެންނާނީ ފައިނަލް ޕްރޮޑަކްޓްތާ. އެހެންވީމަ އަސްލު ނޭނގޭނެ ކިހާ ބައިވަރު އެޑިޓެއް ކަމެއް ކުރަންޖެހެނީ."

ކިތައްމެ ބައިވަރު މަސައްކަތެއް ކުރަންޖެހުނަސް ޑެޑްލައިނަށް ހުރިހާކަމެއް ނިންމާ ކްލައެންޓާއި ހަމައަށް ބުނާ ދުވަހަށް ނަދުހާ އަބަދުވެސް ފޮޓޯތައް ފޯރުކޮށްދެއެވެ.

"ދުވަހަކުވެސް ބޭނުމެއް ނުވޭ ކަމެއް ކުރީމޭ ބުނުމުގެ ނިޔަތުގަ އެކަން ކުރާކަށް. ކޮންމެ މަސައްކަތެއްވެސް ހަމަ ވަރަށް ކުރާހިތުން ކުރަނީ. އައި ޕުޓް އަ ލޮޓް އޮފް ލަވް އެންޑް އެފޯޓް އިންޓު އެވްރި ސިންގަލް ތިންގް. ފައިނަލް ޕްރޮޑަކްޓް ބަލާލާފަ، އާން އެއީ ނަދޫ ނެގި ފޮޓޮއެކޭ، އެހެން ބުނާވަރު ވާން ބޭނުންވަނީ".

0
0
5
17
5

ކޮމެންޓް

Your email address will not be published.

0 %