ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރުންގެ މަގާމަށް ތިން ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރައްވައިފިއެވެ. 

އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް މިއަދު ޢައްޔަންކުރެއްވި ތިން ބޭފުޅުންނަކީ ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މ. ޖިއެނާ، މުއުމިނާ ވަޙީދު އަދި މއ. މާވެޔޮގެ، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲއެވެ. މި ބޭފުޅުންނަށް މަގާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

މި ތިން ބޭފުޅުންގެ ތެރެއިން އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސިޑްނީއިން މާސްޓަރސް އޮފް ކްރިމިނޮލޮޖީ ޙާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ. އެކަމަނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ މަޤާމެވެ.

މުއުމިނާ ވަޙީދަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސިޑްނީއިން މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. މުއުމިނާ މިއަދާ ހަމައަށް ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކޮންސަލްޓަންޓެއްގެ މަޤާމުގައެވެ. އަދި މުއުމިނާ ވަޙީދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ އެކި މަޤާމުތަކުގައި ނުވަ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައެވެ.

ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ، އެމަނިކުފާނުގެ ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގް އިންނެވެ. އެމަނިކުފާނު ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅުން ވެސް ޢައްޔަނު ކުރެއްވުމަށްފަހު، އެ މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނާއި ޙަވާލުކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.