ކޮންމެ ހާލެއްގައި ވެސް އަންނަ އަހަރުގެ އޮލިމްޕިކް ގޭމްސް ބާއްވަން ޖެހޭ ކަމަށް ޖަޕާންގެ އޮލިމްޕިކް މިނިސްޓަރ ސެއިކޯ ހަޝިމޯޓޯ ވިދާޅުވެއްޖެއެވެ. 

މިއަހަރުގެ ޖުލައި މަހު އޮލިމްޕިކް ގޭމްސް ޖަޕާންގެ ޓޯކިޔޯގައި ފަށަން ހަމަޖެހިފައި އޮތް ނަމަވެސް ކޮވިޑް 19 އާ ގުޅިގެން ގޭމްސް ވަނީ އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފައެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއިން ވަނީ ކޮވިޑް އޮތަސް ނުވަތަ ނެތް ނަމަވެސް އިތުރަށް ގޭމްސް ފަސްނުކޮށް އަންނަ އަހަރު ގޭމްސް އޮންނާނެ ކަމަށް ބުނެފައެވެ. 

ނޫސްވެރިންނާއި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ހަޝިމޯޓޯ ވިދާޅުވީ އަންނަ އަހަރުގެ އޮލިމްޕިކްސްއަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެތުލީޓުން ވެސް އަންނަނީ އަންނަ އަހަރަށް ވަރަށް ބުރަކޮށް ތައްޔާރުވަމުން ކަމަށެވެ. އެހެންކަމުން ކޮންމެ ފަދަ ހާލަތެއްގައި ވެސް ގޭމްސް ބާއްވަން ޖެހޭ ކަމަށާއި މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮވިޑް 19 ގެ އަސަރު އޮލިމްޕިކް ގޭމްސްއަށް ކޮށްފާނެތީ އެކަމުން އަރިގަތުމަށް 200 ޕްރޮޕޯސަލެއް މިހާރު ވެސް ލިބިފައިވާ ކަމަށް އޯގަނައިޒަރުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެތުލީޓުން ދަތުރުފަތުރުކުރުމަށް ލުއިތަކެއް ދިނުމާއި، އެތުލީޓުންގެ ވިލެޖުގައި ވައިރަސް ފެތުރުނަ ނުދިނުމަށް އެޅުމަށް ހިޔާލުކުރެވިފައިވާ ފިޔަވަޅުތަކާއި ކުޅިވަރުތައް ބަލަން އަންނަ މީހުންނާއި މެދު އަމަލުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ ޕްރޮޕޯސަލްތައް ހުށަހެޅިފައެވެ. ޓޮކިޔޯގައި ބާއްވާ ގޭމްސްގެ ޗީފް އެގްޒެކެޓިވް ވެސް ވަނީ ކޮވިޑް 19 އާ ގުޅިގެން ކުލަގަދަ ގޮތެއްގައި ގޭމްސް ބާއްވަން ގަސްތުނުކުރާ ކަމަށް ވިދާޅުވެފައެވެ. 

ޖަޕާންގައި ކޮވިޑް 19 ކޮންޓްރޯލްކުުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިވާއިރު މިހާތަނަށް އެގައުމުން މި ބަލިޖެހުނީ 71،856 މީހުންނަށެވެ. މިއީ ބޮޑެތި އެހެން ގައުމުތަކާއި އަޅާ ބަލާއިރު ދަށް އަދަދެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.