އިންޑިއާ އާއި ރާއްޖޭގެ ގުޅުމަކީ އެތައް ޒަމާނެއްގެ ގުޅުމެކެވެ. އެންމެ އެހީތެރި އަދި އަވަށްޓެރި ގައުމުގެ ގޮތުގައި އިންޑިއާ އޮތުމުގެ އެތައް ފައިދާއެއް ރާއްޖެ އަށް ކުރެއެވެ. އެއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ މުހިންމު ބައިވެރިއާއެވެ. ސަލާމަތްތެރިކަމާއި ހިމާޔަތް ދިނުމުގައި ކޮނޑާ ކޮނޑު ޖައްސައިގެން އޮތް އެކުވެރިއެކެވެ. ބޮޑެތި ކަންކަން މެދުވެރިވާ އިރު އެންމެ އަވަހަށް އިޖާބަ ދޭ މިތުރެވެ. ރާއްޖޭގެ ކޮންމެ ދާއިރާއަކަށް ބެލިޔަސް އިންޑިއާގެ އެ ވަފާތެރިކަން ފެންނަން އެބަ އޮތެވެ. ތައުލީމާއި ސިއްހަތާއި އަދި އަސްކަރީ ގާބިލްކަން އިތުރުކުރުމުގައި ވެސް އިންޑިއާ އިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެހެން ކަމުން މިފަދަ އެއްވެސް ދާއިރާއެއް ތަރައްގީކުރާ ނަމަ އެންމެ ފުރަތަމަ އަތްދިއްކޮށްލެވެނީ ވެސް އިންޑިއާއަށެވެ.

ކަނޑުގެ ސަރަހައްދުން ގުޅިލާމެހިފައިވާތީ އާއި މި ސަރަހައްދުގެ ސަލާމަތްތެރިކަމުގައި އިންޑިއާގެ ދައުރު ފުޅާވުމުން ރާއްޖޭގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަކީ އިންޑިއާގެ މަސްލަހަތުގެ ތެރޭގައި ވެސް ހިމެނިފައި އޮތްކަމެކެވެ. އެހެންކަމުން ރާއްޖޭގެ އަސްކަރިއްޔާގެ ތެރައްގީގައި އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑެވެ. ޒަމާނީ ވަސީލަތްތައް ހޯދުމާއި ގާބިލްކަން އިތުރުކުރުމަށް ހިންގާ ތަމްރީންތަކުގައި ވެސް އިންޑިއާގެ ބައިވެރިވުން ބޮޑެވެ. ނަތީޖާއަކަށް ވަނީ ރާއްޖޭގެ އަސްކަރިއްޔާ އާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި އަބަދުވެސް ރާއްޖެއިން އިންޑިއާގެ އެހީތެރިކަމަށް އެދުމެވެ. އެގޮތުން އަސްކަރީ ބަރު އުޅަނދުފަހަރާއި ކޯސްޓްގާޑް އުޅަނދު ފަހަރުގެ އިތުރުން މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަށްޓަކައި އިންޑިއާ އިން މީގެ ކުރިން ދެ ހެލިކޮޕްޓަރު ވަނީ ރާއްޖެ އަށް ދީފައެވެ. އަދި ބަލި ހާލު ބޮޑުވެ އެމަޖެންސީގައި މާލެ ގެންނަންޖެހޭ އެތައް ބަޔަކު އުފުލުމުގައި މި ދެ އުޅަނދު އޮޕަރޭޓްކުރުމުގައި އިންޑިއާ ސިފައިންގެ އެހީތެރިކަން އިންތިހާ އަށް އަންނަނީ ލިބެމުންނެވެ. އެކަމުގައި އިންޑިއާ ސިފައިން ކޮށްދެމުން އަންނަނީ ޝުކުރު ހައްގު މަސައްކަތްތަކެކެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ބިޔަ މާސިންގާ ސަރަހައްދަކަށްވުމުން އެ ސަރަހައްދު ބެލެހެއްޓުމަކީ ދިވެހި ސިފައިންނަށް އެކަނިވާ ވަރަށް ވުރެ ބޮޑު ކަމެކެވެ. އަދި އެއީ ގުޅިފައިވާ އެތައް ގައުމެއްގެ މަސްލަހަތު ވެސް ހިމެނޭ ކަމަކަށް ވުމުން އިންޑިއާ އާއި އަދި އަވަށްޓެރި ސްރީ ލަންކާގެ އެހީތެރިކަން ވެސް ދިވެހި ސިފައިން އަންނަނީ ހޯދަމުންނެވެ. އަދި ކަނޑުގެ ސަރަހައްދު ބެލުން ހަރުދަނާ ކުރުމަށް ބޭނުންކުރާނެ އުޅަނދުފަހަރު ހޯދުމަށް ބޭރު ގައުމުތަކުގެ އެހީ އަށް ރާއްޖެ އިން އަންނަނީ އެދެމުންނެވެ. އެ ގޮތުން އިންޑިއާ އިން މިހާރު ގެނައުމަށް އުޅޭ ޑޯނިއާ މަތިންދާބޯޓަކީ ވެސް ދިގު މުއްދަތަކަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ.

ޑޯނިއާ ފަދަ ފިކްސްޑް ވިންގް އެއާކްރާފްޓެއްގެ ބޭނުންތެރިކަމުގެ ވާހަކަ 2014 ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި އެ ގައުމުގެ ސަރުކާރާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ފާހަގަކުރައްވާފައި ވެއެވެ. އަދި އޭރު ސަރުކާރުގެ ޚަރަދުތައް ހުރި ގޮތުން އެ ކަމަށް ދާނެ ހުރިހާ ހަރަދެއް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިނުމަށް އެދިވަޑައިގެންނެވުމުގެ އެ މަތިންދާބޯޓު ރާއްޖެ ގެނެވެންދެން އިތުރު ހެލިކޮޕްޓަރެއް ރާއްޖޭގައި ބޭއްވުމަށް ވެސް ހުށަހެޅުއްވިއެވެ. އެ މަޝްވަރާކުރެއްވި އިރު ވެސް އިންޑިއާގެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮތެވެ. 

އިތުރު މަޝްވަރާތައް 2016 ވަނަ އަހަރުގެ ތެރޭގައި ކުރެވިގެންދިޔަކަން ތަފާތު ލިޔެކުންތައް ފެންނަން އެބަހުއްޓެވެ. އެ ގޮތުން އެ އަހަރުގެ މާޗް މަހުގެ 8 އިން 16 އަށް ރާއްޖޭގައި ބޭއްވި އިންޑިއާ މޯލްޑިވްސް ޑިފެންސް ސްޓާފް ޓޯކްސްގައި އެއާކްރާފްޓަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އިސްކޮށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދެވެ.

ނާޒިމްގެ ވަޒީރުކަމުގެ ދައުރުގެ އިތުރުން ވެސް މިހާތަނާ ޖެހެންދެން ވެސް ދިވެހި އަސްކަރިއްޔާގެ އެކި ފަންތީގެ އޮފިޝަލުން އެކި ފަހަރު މަތިން އިންޑިއާއާ އެކު ބޭއްވި މަޝްވަރާތަކުގައި މަތިންދާބޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ވެއެވެ. އެ ގޮތުން ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު އިސްވެ ހުންނަވައިގެން 2016 ވަނަ އަހަރުގެ ޖުލައި 11 އިން 16 އަށް ރާއްޖޭގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ޑިފެންސް ވާރކިންގ ގްރޫޕްގެ ބައްދަލުވުމުގައި ވެސް އިގްތިސާދީ ހާއްސަ ސަރަހައްދު ބެލެހެއްޓުމުގައި ހުރި ދަތުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި އެއާކްރާފްޓެއްގެ މުހިންމުކަމުގެ މަޝްވަރާތައް ކުރެވުނެވެ. އޭގެ އިތުރުން އެ މަތިންދާބޯޓަށް ބޭނުންވާ މީހުން ތަމްރީންކުރުމަށް ވެސް ހުށަހެޅުއްވިއެވެ. އަދި ރާއްޖޭގައި ސިފައިންގެ އެއާ ވިންގެއް ގާއިމުކުރުމުގައި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައި ވެއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 17 އިން 18 އަށް ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޑިއާ މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގެ ތެރޭގައި މި ވާހަކަތަކަށް އިތުރު އަމަލީ ސިފަ ގެނައުމަށް މަޝްވަރާކުރެވުނެވެ. އިސްކޮށް ތިއްބެވީ ޑިފެންސްގެ އޭރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހޭރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް، ވައިސް ޗީފް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު އަދި ޒަކަރިއްޔާ މަންސޫރެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކައްދޫގައި އެއާބޭސް ގާއިމުކޮށްފައިވުމުން އެކަމާ ގުޅޭ ކަންކަން ކައްދޫ އަށް ބަދަލުކުރުމަށް ހުށަހެޅުނެވެ. އަދި ކުރިން ވެސް ރާއްޖެއިން އެދިފައިވާ ގޮތަށް ޑޮނިއާ އެއާކްރާފްޓެއް ރާއްޖެ އިން ފޮނުވަން ތައްޔާރަށް އޮތްކަން އިންއިޑާގެ އޮފިޝަލުން ހާމަކުރެއްވި އިރު އެ ބޯޓު ބޭއްވުމަށް ހަނިމާދޫގައި ހެނގަރެއް ހެދުމަށް ވެސް އެއްބަސްވެވުނެވެ.

ރާއްޖޭގައި އެއާ ވިންގެއް އުފައްދައި އަސްކަރީ ގާބިލްކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބިގެންދިޔައީ އިންޑިއާ މޯލްޑިވްސް ޑިފެންސް ސްޓާފް ޓޯކްސްގެ ދެ ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. ނިއު ދިއްލީގައި 2017 ވަނަ އަހަރުގެ މެއި 23 އިން 25 އަށް ބޭއްވި އެ ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ވެސް ބްރިގޭޑިއާ ޖެނެރަލް ޝާހިދެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް އިތުރު އަލިކަމެއް ލިބިގެންދިޔައީ 2018 ވަނަ އަހަރުގެ ޖޫން 26 އިން 27 އަށް މާލޭގައި ބޭއްވި ތިން ވަނަ އިންޑިއާ މޯލްޑިވްސް ޑިފެންސް ސްޓާފް ޓޯކްސްގެ ތެރެއިންނެވެ. އެ މަޝްވަރާތަކާ ހަމައަށް އައި އިރު މަތިންދާބޯޓު ގެނައުމަށް ދެ ގައުމުގެ މެދުގައި މަސައްކަތްތަކެއް ކުރެވިފައިވާ ކަން ލިޔެކިޔުންތަކުން ފެންނަން އެބަހުއްޓެވެ. ބްރިގޭޑިއާ ޖެނެރަލް ޝާހިދު އިސްވެ ހުންނަވައި ކުރެއްވި މަޝްވަރާތައް ނިމުމަކާ ހަމައަށް އައި އިރު މަތިންދާބޯޓު ގެނައުމާ ގުޅޭ އެއްބަސްވުމަކަށް ދެ ގައުމު ވެސް ވަނީ އެއްބަސްވެވޭ ހާލަތަަކަށް އައިސްފައެވެ.

މަތިންދާބޯޓު ގެނައުމަށް ދިވެހި އަސްކަރިއްޔާ އިން ކުރަމުން އައި މަސައްކަތުގައި އަމަލީ ސިފަ ޖެހުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭ އިތުރު މަޝްވަރާތަކެއް 2019 ވަނަ އަހަރުގެ ޖެނުއަރީ އަދަި ޖޫން މަހުގެ ތެރޭގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެ މަސައްކަތް އަވަސްކުރުމަށާއި ހެނގަރުން ހެދުން އަވަސްކުރުމަށް އެއްބަސްވެވުނެވެ. އަދި އެފަދަ އެއާކްރާފްޓެއް ލިބިއްޖެ ނަމަ ސަރޗިން އޮޕަރޭޝަންތަކަށް ގިނަގުނަ ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން ދިވެހި އަސްކަރިއްޔާ އިން އައީ ފާހަގަކުރަމުންނެވެ.

ގާތްގަނޑަކަސް ހައެއްކަ އަހަރު ދުވަހަށް ދެމިގެން ދިޔަ މަޝްވަރާތަކަށް ފަހު ޑޮނިއާ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާ އެކު އިންޑިއާ އިން އެއްބަސްވުމެއްގައި ސޮއިކުރެވޭ ހިސާބަށް އައިސްފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. މިއީ ދެ އަހަރު ދުވަހުގެ މުއްދަތަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

ރާއްޖެ އަށް ޑޯނިއާ މަތިންދާބޯޓެއް ގެނައުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވި އަމަލީ ސިފަ އަންނަން ކައިރިވެފައިވާ އިރު އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަ އަށް ބަލާއިރު މިއީ ކުއްލިއަކަށް ވީ ކަމެއް ނޫނެވެ. އަދި އެކަން ވަމުން އައީ ވެސް އެ ފަރާތްތަކަށް ނޭނގިއެއް ވެސް ނޫނެވެ. މިދިޔަ ސަރުކަރުގެ ތެރޭގައި މި މަޝްވަރާތަކުގެ ބޮޑު ބައި އޮތީ ނިމިފައެވެ. މިއަދު "އިންޑިއާއައުޓް"ގެ ނަމުގައި ބަޔަކު އަޑުއުފުލަމުންދާ އިރު އިންޑިއާ އިން މަތިންދާބޯޓެއް ގެނައުމުގެ މަޝްވަރާތައް ކޮށްފައި ވަނީ އެ ކެމްޕެއިން ކުރިއަށް ގެންދިއުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ސަރުކާރުގެ ތެރޭގައެވެ.

ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރުމަށާއި އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި ވަސީލަތްތައް އިތުރުކުރުމަކީ ރާއްޖެ އަށް ލިބޭ ކުރިއެރުމެކެވެ. އެކަން އެކަނި ކުރުމުގެ ގާބިލްކަން އަދި އިގްތިސާދީ ފުދުންތެރިކަން ވެސް ރާއްޖެއަކު ނެތެވެ. އެކަން ކުރެވެން އޮތީ ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ލިބިގެންނެވެ. އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާ އެކަމުގައި އެހީވެ ދިނުމަކީ ރާއްޖެއިން ޝުކުރުވެރިވާންޖެހޭ ކަމެކެވެ. އެކަން ކުރެވެން އޮތީ އެކުގައި މަސައްކަތްކޮށްގެންނެވެ. އަދި މި ސަރަހައްދުގެ މަސްލަހަތު ވެސް އޮތް ގޮތެވެ. އިންޑިއާއާ އެކު ގުޅުން ބޭއްވުމަކީ ވަކި ވެރިކަމެއްގައި ހިނގާ ކަމެއް ނޫނެވެ. އެއީ ޒަމާނުއްސުރެ އެކަން އޮތް ގޮތެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *