"ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފިއެވެ.

2019 ވަނަ އަހަރުގެ ޑިސެންބަރު މަހު މި ބިލް މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲއެވެ. މަޖިލީހުން ބިލު ފާސްވީ 29 އޮގަސްޓް 2020 ގައެވެ.

މި ބިލުގައި ވާ ގޮތުން، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރާއި، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތާއި، ވަކި ސިއްކައަކާއެކު ގާނޫނީ ގޮތުން މިނިވަން މުސްތަގިއްލު އިދާރާއެއް އުފައްދަން ޖެހެއެވެ. "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި އުފައްދާ މި ކޮމިޝަނުގެ މެންބަރުންގެ ގިންތިތަކާއި، އެކި ގިންތީގެ މެންބަރުންގެ ޝަރުތުތަކާއި، އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތައްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި އިދާރާގެ އެސޯސިއެޓް މެންބަރުކަށް ވުމުގެ ފުރުސަތު އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއްގެ އެސޯސިއެޓް މެންބަރުންނަށް އޮންނާނެއެވެ. މީގެ އިތުރުންވެސް، ގާނޫނަށް އަމަލުކުރަން ފަށާއިރު އެސޯސިއެޓް މެންބަރެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަ ވެފައި، 5 އަހަރު އެކައުންޓެއްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް "ފެލޯ" މެންބަރަކަށް ވެވޭނެއެވެ.

މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، އޮޑިޓުކުރުމާއި އެޝުއަރެންސްގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، ރަޖިސްޓްރީކުރުމުގެ އެންމެހައި ކަންކަން ކުރާނީ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" އިންނެވެ. މިހާރު އޮޑިޓުކުރުމާއި، އެޝޫރަންސް ހިދުމަތް ދިނުމާއި، ގިންތިކުރުމުގެ މަސައްކަތް ކުރަމުންދާ ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ކުރާ މަސައްކަތް މި އިދާރާއަށް ބަދަލުވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މި ބިލު ތަސްދީގުކުރުމާއެކު، މި ގާނޫނު މިހާރު ވަނީ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *