ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ހައި ކޮމިޝަނަރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ހައި ކޮމިޝަނަރުގެ މަގާމަށް އަތާރް މުޙްތާރު އައްޔަނުކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ. ރާއްޖެއާ ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. ހަމައެހެންމެ ސިއްހަތާއި ކުޅިވަރުގެ ދާއިރާގެ އިތުރުން އިތުރު އެެހެން ދާއިރާތަކުން ވެސް ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. 

ހައި ކޮމިޝަނަރު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ހެޔޮއެދުންތައް ނައިބް ރައީސްއަށް އަރިސްކުރައްވާފައެވެ. މީގެއިތުރުން ނައިބް ރައީސް ވަނީ ކޮވިޑް 19 ކޮންޓްރޯލްކުރުމަށް ޕާކިސްތާނުގެ ސަރުކާރުން އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ތައުރީފް ކުރައްވާފައެވެ. އަދި މި ދަނޑިވަޅުގައި ވެސް ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް އެގައުމުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ކަމަށް ނައިބް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އަރުއްވާފައެވެ. 

ޕާކިސްތާނުގެ ހައި ކޮމިޝަނަރު އެމަނިކުފާނުގެ މަގާމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.