މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ "ވޯޓަރ ސެކިއުރިޓީ ޕްލޭން" ގެ ދަށުން، މާލޭގެ ފެން ރައްކާ ކުރުމުގެ ނިޒާމު ފުޅާ ކުރުމަށް 2 ތާންގީ ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ހިމެނޭ ގޮތުން އެ ކުންފުނީގެ އިސްވެރިންނެވެ. ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ދެ ތާންގީވެސް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ އެސްޓީއޯގެ ރެޑީމިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަންބަރު ކޮށީގައެވެ.

އެމްޑަބްލިއުސްސީ އިން ބެހެއްޓުމަށް ހަމަޖެހިފައިވާ ކޮންމެ ތާންގީ އަކީވެސް 13،648 ކިއުބިކް މީޓަރުގެ ތާންގީއެކެވެ. މިއާއެކު ޖުމްލަ 27،296 ކިއުބިކް މީޓަރުގެ ފެން އިތުރަށް ރައްކާ ކުރެވޭނެއެވެ. މިހާރުވެސް މާލޭގައި 23،000 ކިއުބިކް މީޓަރުގެ ފެން ރައްކާ ކުރެވޭކަމަށާއި މި މަސައްކަތް ނިމިގެން ދާއިރު ދެ ތާންގީގެ އިތުރުން ފެން ޕަމްޕް ރޫމެއް ގާއިމުކުރެވި ސާފުބޯފެން ފޯރުކޮށްދިނުމުގައި ޖެހިދާނެ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

82 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ބެލެވޭ މި މަޝްރޫއުގެ ނިމޭނޭ ކަމަށް ލަފާ ކުރެވެނީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހަށެވެ. އެމްޑަބްލިއުއެސްސީ އިން ޑީސެންޓްރަލައިޒްކޮށްގެން ފެން ފޯރުކޮށްދިނުމުގެ ބޭނުމުގައި ގްރޭޓަރ މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތައް މިހާރުވެސް ވަނީ ގާއިމު ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *