ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ކުރައްވަމުން ގެންދަވާ މަސައްކަތަށް އިނގިރޭސި ޕްރިމިއަރ ލީގުގެ ކްރިސްޓަ ޕެލަސްގެ ހެޑް އޮފް ސްޕޯޓްސް މެޑިސިން ޑރ. ޒަފަރު (ޒަފް) އިގްބާލް ތައުރީފް ކުރައްވައިފިއެވެ. 

މަހްލޫފްގެ ޓްވީޓަކަށް ކުރެއްވި ރިޕްލައިއެއްގައި ޑރ. ޒަފް ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުޅިވަރު ކުޅެވޭނެ ގޮތް ހަދައިދިނުމަށް މަހްލޫފް ކުރައްވަމުން ގެންދަވާ މަސައްކަތަށާއި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވައި ހިތްވަރު ދެއްވާފައެވެ.

ޑރ. ޒަފްއާއެކު އާދިއްތަ ދުވަހުގެ ރޭ ވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ހާއްސަ ސެޝަންއެއް ކުރިޔަށް ގެންގޮސްފައެވެ. ރާއްޖޭގެ ގައުމީ ޓީމުތަކަށް ނިސްބަތްވާ 180 އަށްވުރެ ގިނަ އެތުލީޓުންނާއެކު ކުރިޔަށް ގެންދިޔަ މި ސެޝަންގައި ވެސް ޑރ. ޒަފް ވަނީ މަހްލޫފްގެ މަސައްކަތްތައް ޓްވިޓަރއިން ފެނިވަޑައިގެންނެވި ކަމަށާއި ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ އަދި ބޭނުންތެރި މަސައްކަތްތަަކެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެފައެވެ. ޑރ. ޒަފް ވަނީ މިފަދަ ސެޝަންއެއް ކުރިޔަށް ގެންދިޔުމަށް ދެއްވި ދައުވަތަށް ޝުކުރު އަދާކުރައްވާފައެވެ. 

ޑރ. ޒަފަރު ވަނީ މީގެކުރިން ލިވަޕޫލް ފުޓްބޯޅަ ކްލަބްގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕަރސްގެ ޑޮކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ. ހަމައެހެންމެ ކްރިކެޓް ކުޅުންތެރިންނާއެކު ވެސް ވަނީ މަސައްކަތްކުރައްވާފައެވެ. ޑރ. ޒަފަރުއަކީ ސްޕޯޓްސް މެޑިސިންގެ ދާއިރާގައި ފުންނާބު އުސް ބޭފުޅެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.