ސަރުކާރު ކުރިއަށް ގެންދާ "ނެޝަނަލް ސިންގަލް ވިންޑޯ" މަޝްރޫއުގެ ބީލަން ކާމިޔާބުކުރި ކުންފުނިން ހުށަހެޅި ލިޔުންތަކުން މައްސަލަތަކެއް ފާހަގަކުރެވިގެން އެކަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ ސަމާލު ކަމަށް ގެނެސް އެކަމުގައި ފިޔަވަޅު އެޅީ ސަރުކާރުން އަމިއްލައަށް އިސްނަގައިގެން ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ. 

މަޝްރޫއުއަށް ފަންޑު ކުރާ އޭޑީބީއަށް ބީލަމުގެ މައްސަލަތަކެއް ފާހަގަކުރެވިގެން އެ މަޝްރޫއު ހުއްޓާލަން އެންގި ކަމަށް މިހާރު ނޫހުގައި ވަނީ ބުނެފައެވެ. އޭޑީބީގެ އެންގުމާ އެއްގޮތަށް އެ މަޝްރޫއު ނެޝަނަލް ޓެންޑާ ބޯޑުން ކެންސަލް ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްކުރިއެވެ. އަދި އެއީ ބޭރުގެ މާލީ ޖަމިއްޔާއަކުން މަޝްރޫއުއެއް ހުއްޓިވި ފުުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްފައިވެއެވެ.

ނަމަވެސް އެ ވާހަކަތައް މިއަދު ފިނޭންސް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދޮގުކޮށްފައެވެ. މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ ހުސައިން ހަމީމް ވިދާޅުވި ގޮތުގައި މަޝްރޫއުގެ ބީލަމުގެ މަރުހަލާގެ ކަންބޮޑުވުމެއްތަކެއް މިނިސްޓްރީއަށް ލިބިގެން އެކަން ދިޔައީ ބަލަމުންނެވެ. އަދި އެ ޝަކުވާ އައުމުން އެކަން އޭޑީބީއާ ހިއްސާކޮށް ބީލަމުގެ މަރުހަލާ ރިވިއުކޮށް އެސެސްމެންޓެއް ހުށަހަޅާނެ ކަމަށް އެންގިއެވެ.

އެ އެސެސްމެންޓްގައި ފާހަގަކޮށްފައިވާ ގޮތުގައި މަޝްރޫއުގެ ބީލަން ކާމިޔާބުކުރިި ވެބް ފޮންޓެއިން އޭޝިއާ އިންކްއަކީ ފިލިޕީންސް ކުންފުންޏެއް ކަމާއި ފިލިޕީންސްއަކީ އޭޑީބީގެ "ލިސްޓް އޮފް މެމްބަރު ކަންޓްރީސް"ގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ. ނަމަވެސް ބީލަން ހުށަހެޅި އެ ކުންފުނިން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ލިޔުންތައް ހުށަހަޅާފައިވަނީ ވެބް ފޮންޓެއިން އެފްޒެޑްއެލްއެލްސީ (ޔޫއޭއީ)ގެ ލިޔުންތައް ކަމަށެވެ.

ހަމީމް ފާހަގަ ކުރެއްވި ގޮތުގައި ބީލަމުގެ މަރުހަލާގައި އިވެލުއޭޝަން ޓީމަށް އެކަން ފާހަގަ ނުކުރެވުނީ ކަމަށެވެ. މީޑިއާއިން ވަނީ މަޝްރޫއު ހަވާލުކުރި ކުންފުންޏަކީ ފިލިޕީންސްގައި އުފައްދާފައިވާ "ޕޭޕާ ކޮމްޕެނީ"އެއް ކަމަށް ބުނެފައެވެ. ނަމަވެސް އެކަން މިނިސްޓްރީއިން ދޮގުކޮށް ބުނީ، މަޝްރޫއު ހަވާލުކުރީ އޭޑީބީގެ ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައި އޮތް ކުންފުންޏަކާ ކަމަށެވެ.

ހަމީމް ވިދާޅުވީ ތަޖުރިބާގެ ގޮތުން އެހެން ލިޔުންތަކެއް ވެބް ފޮންޓެއިން އޭޝިއާ އިންކްއިން ހުށަހެޅި ނަމަވެސް އެއީ އޮޅުވާލުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެކަމަށް އެ ކުންފުނިން ވެސް ދައުވާ ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ އޭޑީބީގެ ކޮންސަލްޓަންޓުންގެ ލަފަޔާއެކު ވެސްމެއެވެ. އޭޑީބީއިން "ނޯ އޮބްޖެކްޝަން" ލިބުނުކަން ފާހަގަކުރެއްވިއެވެ. އޭޑީބީއިން މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ހުއްދަ ދިންއިރު އޭޑީބީއަށް ވެސް ވެބް ފޮންޓެއިން އޭޝިއާ އިންކް (ފިލިޕީންސް)ގެ ތަޖުރިބާގެ ލިޔުންތަކުގެ ގޮތުގައި ހުށަހަޅާފައިހުރީ ވެބް ފޮންޓެއިން އެފްޒެޑްއެލްއެލްސީ (ޔޫއޭއީ)ގެ ލިޔުންތައް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ހަމީމް ވިދާޅުވީ އޭޑީބީގެ އެންޓި ކޮރަޕްޝަން ޕޮލިސިއާ ހިލާފު ކަމެއް މިކަމުގެ ތެރޭގައި ހިނގާފައިނުވާ ކަމަށެވެ. އެކަން އެ ބޭންކަށް ވެސް ނުބެލެވޭ ކަމަށެވެ. އެ ބޭންކުން ވެސް ވަނީ މަޝްރޫއު ބީލަމުގެ މަރުހަލާގައި ކޮރަޕްޝަނަށް މަގު ފަހިވާ ފަދަ ކަމެއް ހިނގާފައިވާ ކަމަށް ފާހަގަ ކުރެވިފައިނުވާކަން އަންގާފައެވެ.

ތަޖުރިބާގެ ލިޔުންތަކުގެ މައްސަލަ ސަމާލު ކަމަށް އައުމުން ނިންމާފައިވާނީ ބީލަން ކެންސަލް ކުރުމަށް ކަމަށާއި އަލުން ބީލަމަށް ދިޔުމަށް ނިންމީ އޭޑީބީގެ ފަންޑު ހުއްޓިދާނެތީ ކަމަށެވެ. މަޝްރޫއު ކުރިއަށް ގެންދަން ބޭނުން ވަނީ އެ ފަންޑުން ކަމަށެވެ. އަލުން ބީލަން ހުޅުވާލާއިރު ވެބް ފޮންޓެއިން އޭޝިއާ އިންކް (ފިލިޕީންސް) ބިޑް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ރީބިޑިންގެ ކަންކަމުގައި މިހާރު އޭޑީބީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ހަމީމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *