އިޓަލީގެ ޔުވެންޓަސްއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމަކަށް ބާސެލޯނާއަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ ގޯލް ޑޮޓްކޮމްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސުއަރޭޒް ވަނީ އަހަރަކު 10 މިލިއަން ޔޫރޯގެ ކޮންޓްރެކްޓަކަށް އެއްބަސްވެފައެވެ. އަންނަ ހަފްތާގެ ތެރޭގައި އޭނާ އިޓަލީގެ ޕާސްޕޯޓް ހޯދުމަށް ހާއްސަ އިމްތިހާނެއް ވެސް ފުރިހަމަކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އޭނާ ބާސާއާއެކު ހަދާފައިވާ އެއްބަސްވުމުގެ ފަހު އަހަރު ގުނަމުން އަންނައިރު ކުރިޔަށް އޮތް ސީޒަނުގައި އޭނާ ބާސާއަށް 60 އިންސައްތަ މެޗުގައި ކުޅެފިނަމަ އޭނާގެ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އިތުރުވާނެއެވެ. އެހެން ނަމަވެސް މި މާއްދާ ތަންފީޒުވެގެންދާނެ ކަމަށް ނުބެލެވެއެވެ. 

ބާސާގެ އައު ކޯޗު ރޮނާލްޑް ކޯމަންގެ ޓީމުން ސުއަރޭޒްއަށް ފުރުސަތު ނެތް ކަމަށް ވަނީ އަންގާފައެވެ. ބާސާއިން އޭނާގެ ކޮންޓްރެކްޓް ބާތިލްކުރާނެ ކަމަށް ބެލެވޭއިރު އޭރުން ބާސާއިން ސުއަރޭޒްއަށް 14 މިލިއަން ޔޫރޯ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. 

ސުއަރޭޒްގެ ބަދަލުގައި އިންޓަ މިލާންގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް އަދި ލިޔޯންގެ ވިންގަރ މެމްފިސް ޑިޕޭ ހޯދުމަށް ބާސާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. 

2014 ވަނަ އަހަރު ލިވަޕޫލް ދޫކޮށްލުމަށްފަހު ބާސާއާ ގުޅުނު ސުއަރޭޒް ވަނީ އެޓީމަށް ކުޅުނު 283 މެޗުގައި 198 ލަނޑު ޖަހައިދީފައެވެ. އޭނާ އަކީ ބާސާގެ ތާރީހުގައި ވެސް އެޓީމަށް ތިންވަނައަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.