ކޮވިޑް-19އަކީ މުޅި ދުނިޔެއަށް މުޅިން އާ ހާލަތްތަކެއް ގެނުވި ކަމެކެވެ. ކުއްލިއަކަށް މުޅި ދުނިޔެ ބޮޑު ބަލިމަޑުކަމެއްގެ ތެރެއަށް ހިނދުކޮޅެއްގެ ތެރޭގައި ގަންބާލިއެވެ. އެކަކު އަނެއްކާ ދުރަށް ދާންޖެހި، މާސްކު އެޅުން މަޖުބޫރުވިއެވެ. ވަޒީފާތައް ގެއްލި ވިޔަފާރިތައް ހުއްޓުނެވެ. އާރާސްތުކޮށްފައިވާ ދިރިއުޅުންތައް ދޫކޮށްލަން ޖެހުނެވެ. ކިޔެވުން ދޫކޮށްލަން ވެސް މަޖުބޫރުވެގެން ދިޔަ ހާލަތްތައް އަޔެއެވެ. މިފަދަ ގޮތަކަށް ކުއްލިއަކަށް މި ބޮޑު މުސީބާތް ވަށާލުމާއެކު، ރާއްޖެއިން ބޭރުގައި ގިނަ ދިވެހިންތަކެއް ބިކަވިއެވެ.

މިކަމާއެކު ފޮރިން މިނިސްޓްރީއިން ފެށީ ބޮޑު އޮޕަރޭޝަނެކެވެ. އެ ބޮޑު އޮޕަރޭޝަންގެ ކުރިން ވެސް އަދި ރާއްޖޭގައި ކޮވިޑާ ގުޅޭ ޓާސްކުފޯސް އެކުލަވާލުމުގެ ކުރިން ވެސް ޗައިނާގެ ހާލަތު ގާތުން ބަލައި، ދުރާލާ ފޮރިންގެ ޓީމުން ދިޔައީ ބަލަމުންނެވެ. މަތީގައި އެވާ ފޮޓޯއިން އެ ފެންނަނީ ބޮޑު އޮޕަރޭޝަންގެ ކުރީކޮޅުގެ ފޮޓޯއެކެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ދުވަހު ހުންނެވީ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ށ. އަތޮޅަށް ވަޑައިގެންނެވެ. އެ ދުވަހު އެމަނިކުފާނަށް އެ އައީ ފޯނު ކޯލަކީ ކޮވިޑް-19 ވުޖޫދުވި ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން، އެ ތަނުން ނެރުމުގެ އޮޕަރޭޝަނާ ގުޅޭ ފޯނު ކޯލެވެ.

ޗައިނާގެ ވުހާންގައި އޭރު ދިވެހިންތަކެއް ތިބީ ނުތަނަވަސް ހާލެއްގައެވެ. ކުޑަކުދިންނާއި އަންހެނުން ތިއްބެވެ. އެމީހުން އެ ތަނުން ނެރުން ފުރަތަމަވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ވުހާންގައި ތިބި ދިވެހިން އެ ސިޓީއިން ސަލާމަތްކަމާއެކު އިންޑިއާއިން ނެރެދިނެވެ. އެއީ އިންޑިއާގެ ރައްޔިތުންނާއެކު އެވެ. އެމީހުންނަކީ ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ކަރަންޓީނުވާން ޖެހުނު ދިވެހިންނެވެ. ޗައިނާއިން ގެނެސް އިންޑިއާގައި 15 ދުވަހަށް ދިވެހިން ކަރަންޓީނު ކުރުމަށްފަހު ހެޔޮ ހާލުގައި ރާއްޖެއާ ހަމައަށް ވާސިލްވިއެވެ. 


ޗައިނާއަށްފަހު މުޅި ދުނިޔެއަށް ވައިރަސް ދުނިޔެއަށް ފެތުރިގަތުމާއެކު ހީނުކޮށް ތިބި އޮޕަރޭޝަނަށް މުޅި ފޮރިން މިނިސްޓްރީ ހުސްވާން ޖެހުނެވެ. ރާއްޖެއިން ބޭރުގައި ތިބި އެތައް ދިވެހިންނެއް ރަޖިސްޓާކޮށް ރާއްޖެ އަންނަން ބޭނުންވެގެން އެކަން އަންގަމުން ދިޔައެވެ. ކިޔަވާ ދަރިވަރުންނާއި އެމީހުންގެ އާއިލާ އާއި ބޭރުގައި ދިރިއުޅޭ އާއިލާތަކާ އެތައް ބަޔަކު ރާއްޖެ އަންނަން އާދޭސް ކުރަން ފެށިއެވެ. ރާއްޖޭގައި ތިބި އެމީހުންގެ އާއިލާތައް ވެސް އެކަމުގައި އެދި ފޮރިން މިނިސްޓްރީގެ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ދަރިންނާމެދު މަންމައިންނާއި ބައްޕައިންގެ ކަންބޮޑުވުންތައް އޮއްސާލަނީ ފޮރިން މިނިސްޓްރީއަށެވެ. އެ ހުރިހާ ކަމެއް އަޑުއަހައި ވީއެންމެ އަވަހަކަށް އެންމެން ވެސް ރާއްޖެ ގެންނަން އަތުކުރި އޮޅާލިއެވެ. އެކަމަކު އެއީ ފަސޭހަ ކަމަކަށް ނުވިއެވެ.

ކޮވިޑާއެކު ގިނަ ގައުމުތަކުން ބޯޑަރު ބަންދުކުރިއެވެ. ދަތުރުކުރުންތައް ހަނިކުރިއެވެ. ފްލައިޓްތައް ހުއްޓާލިއެވެ. މަތި މައްޗަށް އުނދަގޫތަކާއި ގޮންޖެހުންތައް ފޮރިންގެ ޓީމަށް ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އެ ޓީމު އޮތީ ވަރުގަދަ އަޒުމެއްގައެވެ. ރާއްޖޭގެ މިނިސްޓްރީގެ މުވައްޒަފުންނާއި އެހެން އެމްބަސީތަކުގެ މުވައްޒަފުން މިކަމަށް ހުސްވެ ހުރިހާ ވަގުތެއް އެކަމަށް ހާއްސަކުރިއެވެ. ދަންވަރެއް ފަތިހެއް އެހެން ވަގުތެއް ނެތި އިންތިޒާމްތައް ހަމަޖެއްސޭތޯ އެ މުވައްޒަފުން މަސައްކަތް ފެށީ ގައުމީ ބޮޑު އޮޕަރޭޝަނެއްގެ ގޮތުގައެވެ. 

ބޮޑު މި އޮޕަރޭޝަންގެ ތެރޭގައި ފޮރިން ޓީމަށް ބޮޑު ހުއްޓުމެއް އައީ ނޭޕާލްގައި ތިބި ކިޔަވާ ދަރިވަރުން ގެނައުމަށް ބޮޑު ދަތިތަކެއް ކުރިމަތިވުމާއެކުއެވެ. ނޭޕާލްއިން ބައެއް ދަރިވަރުން، ނޭޕާލުން ފުރި ޝެޑިއުލް ފްލައިޓްތަކެއްގައި ބަންގްލަދޭޝް މަގުން ނެރުނެވެ. ނަމަވެސް ބައެއް ދަރިވަރުންނަށް އެ ފްލައިޓަށް ނޭރި، ނޭޕާލްގައި ތާށިވިއެވެ. އެ ގައުމަށް މޯލްޑިވިއަންގެ ފްލައިޓެއް ވެސް ފޮނުވޭ ގޮތެއް ނުވެއެވެ. އެ ސަރަހައްދަށް ދަތުރުކުރުމުގެ ގާބިލް ކަމެއް އަދި މޯލްޑިވިއަންގެ ނެތެވެ. ދެން ފޮރިންއިން މަސައްކަތް ކުރީ އެހެން ގައުމެއްގެ ފްލައިޓެއްގައި ނަމަވެސް ދިވެހިން ނޭޕާލްއިން ނެރެވޭތޯއެވެ. އެގޮތުން ދުބާއީއަށް ގެންދެވޭތޯ ބެލިއެވެ. އެކަމެއް ނުވިއެވެ. ބެލެން ހުރިއްޔާ ހުރިހާ ރޫޓެއް ފޮރިން ދިޔައީ ބަލަމުންނެވެ. އެއްގައުމާއި ވައިގަމުންނެވެ. ކުރިއެރުމެއް ނުލިބެއެވެ.

އޭރު ފޮރިންއަށް އެކަމާ ގުޅިގެން ބޮޑެތި ޕްރެޝަރުތައް އޮތެވެ. ދަރިވަރުންނާއި ދަރިވަރުންގެ އާއިލާތަކުގެ ގިނަ ކޯލްތަކަށް މަޑުމައިތިރިކަމާއެކު ޖަވާބުދާރީވަމުންދިޔައެވެ. އެ ދަރިވަރުންގެ ނުތަނަވަސްކަން އިތުރުވެ، މީޑިއާގެ ޕްރެޝަރު ވެސް ދިޔައީ ބޮޑުވަމުންނެވެ. ފޮރިންގެ ޓީމު އެ ދިވެހިން ނޭޕާލުން ނެރެވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. ނޭޕާލްގައި ކޮވިޑްގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ވެސް އޭރު އޮތެވެ. އެންމެ ފަހުން ދޮރެއް ހުޅުވުނީ އިންޑިއާއިންނެވެ. ނޭޕަލަށް އިންޑިއާގެ އަސްކަރީ ބޯޓެއް ފޮނުވައި ދިވެހިން އެ ބޯޓުގައި އިންޑިއާއަށް ގެންދިޔައެވެ. އެއަށްފަހު އިންޑިއާއިން ފްލައިޓެއްގައި އެމީހުން ރާއްޖެ ގެނައެވެ. ނޭޕާލް ދިވެހިން ނެރުމުގެ މި އޮޕަރޭޝަނަކީ މިހާތަނަށް ރާއްޖެއިން ކުރި މިފަދަ އެންމެ ބޮޑު ތަޖުރިބާއެވެ. އެ ވާހަކަ ނުދެއްކި އޮތް ނަމަވެސް މިއީ ބޮޑު ތައުރީފެއް ހައްގު މަސައްކަތެކެވެ. އަސްކަރީ ބޮޑު އޮޕަރޭޝަނެއް ފަދައިން މި އޮޕަރޭޝަން ކާމިޔާބުވުމުގެ އަސްލަކީ އެކި ގައުމުތަކުގައި ތިބި ފޮރިން ޓީމުގެ ކުޅަދާނަ ކަމެވެ.

ނޭޕާލްގެ އިތުރުން ފިލިޕީންސް، ރަޝިޔާ، ބެލަރޫސް، ޔޫކްރެއިން އަދި ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވެސް ހިންގީ ބޮޑު އޮޕަރޭޝަނެކެވެ. އެކި ގައުމުތަކާ ގުޅިގެން ހިންގި ކާމިޔާބު މަސައްކަތެކެވެ. ރާއްޖެ އަންނަން ބޭނުންވި އެ ގައުމުތަކުގައި ތިބި ހުރިހާ ދިވެހިން ވެސް ރާއްޖެ ގެނެސްދިނެވެ. އެމީހުންނާއި އާއިލާތަކުގެ ނުތަނަވަސްކަމާއި ހާސްކަން ފިލުވައިދިނެވެ. ކިޔަވަން ތިބި ދަރިވަރުން އެމީހުންގެ އާއިލާތަކާއި ރަށާ ހަމައަށް ފޯރުކޮށްދިނެވެ. ފޮރިންގެ ޓީމު ތިބީ ހިނިތުންވެއެވެ. 

އިންޑިއާއަކީ މިހާރު ވެސް ކޮވިޑްގެ އެންމެ ގިނަ ކޭސްތައް ފެންނަމުންދާ ގައުމެވެ. އާބާދީ ބޮޑު އެ ގައުމަކީ ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ވެސް ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ގައުމެކެވެ. އެގޮތުން ކުއްލިއަކަށް ފުލް ލޮކްޑައުންއަކަށް ދިޔައެވެ. ގައުމުގެ ބޯޑަރު ބަންދުކުރިއިރު ސްޓޭޓްތަކުގެ ބޯޑަރުތައް ވެސް ބަންދުކޮށް ދަތުރުފަތުރުކުރުން ހުއްޓިވިއެވެ. މިއާއެކު އިންޑިއާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން ރާއްޖެ އަންނަން ބޭނުންވިއެވެ. އެގޮތުން ޕަންޖާބުގައި އޭރު ތިބި ދިވެހިން އެކަމަށް އާދޭސް ކުރަން ފެށިއެވެ. ޕަންޖާބުގައި ސިއްހީ ހާލަތު ދަށްވެފައި އެތަނުން ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން ދިޔުމުން ކަންބޮޑުވުން ބޮޑުވަމުންދިޔައެވެ. ނަމަވެސް ޕަންޖާބުން ބޭރަށް ދިޔުން މަނާވެފައި އޮތުމާއި އެ ހިސާބަށް މޯލްޑިވިއަންގެ ފްލެޓެއް ފޮނުވެން ނެތުމުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. އެންމެ ފަހުން ޖެހުނީ އެކިއެކި ސްޓޭޓްތަކުގެ ސަރުކާރުތަކާއި އިދާރާތަކާ ވާހަކަ ދައްކައިގެން އެމީހުން އެއްގައުމުން ޓްރެވެންޑްރަމްއަށް ގެންދާށެވެ. އެކަން ފޮރިންގެ ޓީމުން ކުރިއެވެ. އިންޑިއާގެ ދިއްލީގައި ހުންނަ ހައިކޮމިޝަނާ، ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލޭޓް ޖެނެރަލް އޮފީހުގެ މުވައްޒަފުން އެކަމުގައި ބުރަ މަސައްކަތްތަކެއް ކުރިއެވެ. ޕަންޖާބުގެ އިތުރުން ވެސް އެހެން ސްޓޭޓްތަކުން ވެސް އެއް ގަމުން ޓެވެންޓްރަމަށް ދިވެހިން ގެނައެވެ. އޭގެ ތެރޭގައި އިންޑިއާގެ އަސްކަރީ ކޭމްޕްތަކުގައި ތަމްރީންތައް ހަދަމުން ދިޔަ ދިވެހިން ސިފައިން ވެސް ހިމެނެއެވެ. އެ އެންމެން ވެސް ޓްރެވެންޑްރަމްއިން މޯލްޑިވިއަން ފްލައިޓެއްގައި ރާއްޖެ ގެނެސް، އެކަން ކާމިޔާބުކުރިއެވެ. 


އިންޑިއާއާ އެއްފަދަ ތަޖުރިބާއެއް އިންޑޮނޭޝިއާގައި ވެސް ކުރިއެވެ. ޖަކާޓާގައި އެއާޕޯޓްގައި އޮންނައިރު ދިވެހިން އުޅެމުންދިޔައީ އެހެން ގިނަ ރަށްރަށުގައެވެ. އެ ރަށްރަށުން އެއްގައުމުގައި ޖަކާޓާއަށް ގެންދިޔުންވީ އުނދަގޫ ކަމަކަށެވެ. ބަހާއި ފެރީތަކުގައި އެކި ރަށްރަށުގެ ހުއްދަތައް ހޯދައިގެން 24 ގަޑިއިރަށްވުރެ ދިގު ދަތުރުތައް ވެސް ކުރަން ޖެހުނެވެ. އެ ދަތުރުތައް ނިމެންދެން އެކަމާ ހަވާލުވެ ތިބި ފޮރިންގެ ޓީމް ތިބީ އެލާޓްގައި ނުނިދައެވެ. ގައުމީ ބޮޑު އޮޕަރޭޝަންގައި އަތުކުރިއޮޅާލައިގެންނެވެ. 

ފޮރިންގެ ޓީމުން ހިންގި މި ވަރުގަދަ އޮޕަރޭޝަންގައި އެކި ގައުމުތަކުގައި ތިބި ޖުމްލަ 2421 ދިވެހިން ރާއްޖެ ގެނެސްދިނެވެ. ތިރީހަށްވުރެ ގިނަ ފްލައިޓް އެކި ގައުމުތަކަށް ބޭއްވިއެވެ. މީހުންގެ އިތުރުން ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ގެނައުމުގެ މަސައްކަތް ވެސް ފޮރިންއިން ދިޔައީ މޯލްޑިވިއަންއާ ގުޅިގެން ކުރަމުންނެވެ. އެއީ ވެސް މީހުން ގެނައުމަށް ދަތިވި ކަމެކެވެ. މޯލްޑިވިއަންގެ ފްލައިޓްތައް ކާގޯއަށް ބޭނުން ކުރަން ޖެހުމުން ބައެއް ގައުމުތަކަށް ފޮނުވާނެ ފްލައިޓެއް ނުލިބި ނުވަތަ ލަސްވެގެން ދިޔައެވެ. ފްލައިޓްގެ ކުރޫއިންގެ ދަތިކަން ވެސް އަޔެވެ. ކޮންމެ ފްލައިޓަކަށްފަހު ކްރޫ ސެޓް ކަރަންޓީނުވާން ޖެހެއެވެ. 

ގައުމެއްގައި ތާށިވެފައި ތިބި ދިވެހިން ގެނައުމެކޭ އެއް ފަދައިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް އެއްވެސް ދަތިތަކެއް ނެތި ގެނައުން ވެސް އޮތީ މުހިންމުވެފައެވެ. އެކަމުގައި އިސް، ފަސް ކުރާނެ އޮޕަޝަނެއް ނެތެވެ. މުޅިން ވެސް މުހިންމު ކަންކަމެވެ. އެހެންވެ، ފޮރިން ޓީމުގެ މަސައްކަތަކަށްވީ ހުރިހާ ކަމެއް ވެސް އޭގެ އެންމެ އަވަސް މިނުގައި، މީހުންގެ ނުތަނަވަސްކަން ކުޑަވާ ގޮތަށް ކުރުމަށެވެ. 

މީހުން ގެނައުމުގެ އޮޕަރޭޝާނާ އެކުއެކީގައި އެންމެ ބުރަ މަސައްކަތެއް ވެސް ފޮރިންގެ ޓީމުން ދިޔައީ ކުރަމުންނެވެ. ކޮވިޑަކީ މުޅި ދުނިޔެއަށް ކުރިމަތިވީ ކަމެއްކަމުން ހުރިހާ ގައުމެއް ވެސް އޮތީ މި ބިރުވެރިކަމުގައެވެ. އެހެން ބަޔަކަށް އެހީއެއް، އަޅާލާނެ ވަގުތެއް ވެސް ނެތެވެ. ނަމަވެސް ރާއްޖެއަކީ ބޭރަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށްވާއިރު ކޮންމެހެން ވެސް އެހެން ގައުމުތަކާ ވާހަކަ ދައްކަން ޖެހުނެވެ. އެހީއަށް އެދެން މަޖުބޫރުވިއެވެ. އެކަމުގެ މަޝްވަރާތަކުގައި ދެވެން އޮތް ދިމާލަކަށް ދިޔުމަށް ފޮރިންގެ ޓީމު ހަރަކާތްތެރިވާން ފެށިއެވެ. އެ މަސައްކަތުގެ ނަތީޖާއަކަށްވީ އުނދަގޫ، ދަތި ވަގުތުގައި ވެސް އުއްމީދު ނުކުރާ ވަރަށް އެހީތަކާއި ވަސީލަތްތައް ގައުމުތަކުންނާއި ބޭރުގެ މާލީ އިދާރާތަކުން ލިބިގެންދިޔައެވެ. ފޮރިންގެ ހިތްވަރު ގަދަ، ގާބިލް މޮޅު ޓީމުގެ މިއީ ވެސް ކުޅަދާނަ މަސައްކަތެކެވެ. 

މި އޮޕަރޭޝަންގައި މިނިސްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދެވި ޖޮއިންޓް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ ވިދާޅުވި ގޮތުގައި އޮޕަރޭޝަން ކުރިއަށް ދިޔައިރު އެންމެ ބޮޑު އުސޫލެއްގެ ގޮތުގައި ގެންގުޅުނީ ތަފާތު ނުކުރުން ކަމަށެވެ. ދިވެހިން ދުނިޔޭގެ 70 އަށްވުރެ ގިނަ ގައުމުތަކުގައި ދިރިއުޅުން ވަޒަންކޮށްގެން ތިބިއިރު އެއިން ކޮންމެ މީހެއް ވެސް ހަމަ އެހާ މުހިންމުވިއެވެ. ރާއްޖެ އައުމަކީ ކޮންމެ މީހަކަށް ވެސް ވަރަށް އަސާސީ ހައްގެއް ކަމަށްވާއިރު އެންމެންނަށް ވެސް އެ ހައްގު އިންސާފުވެރިކަމާއެކު ހޯދައިދިނުމަށް ވަރަށް މަސައްކަތް ކުރެއްވިކަން އދ އަށް ދރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަގާމާ ހަވާލުވެވަޑައިގެން، ދާދިފަހުން ނިއުޔޯކަށް ވަޑައިގެންނެވި ޒުހުރީ ފާހަގަ ކުރެއްވިއެވެ. އަދި ހަމައެއާއެކު އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުމާއި އެކަން އޮޑިޓް ރިޕޯޓުން ފެންނަން އޮތުމުން އުފާ ކުރެއްވިއެވެ. 


މިހާ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ފޮރިންގެ ޓީމުން ނިންމާލުމަކީ ޒުހުރީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ. އެންމެ އުފާވީ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެވުމުން ކަމަށް ޒުހުރީ ވިދާޅުވިއެވެ. ފޮރިން ޓީމުގެ ހިތްވަރު ގަދަ ޓީމުން ގަދައަޅާ މަސައްކަތް ކުރަމުން ދިޔައިރު މިނިސްޓަރު އަބްދުﷲ ޝާހިދު އެކަމަށް ބެހެއްޓެވި ހާއްސަ ސަމާލުކަން ޒުހުރީ ފާހަގަ ކުރައްވައެވެ. ޒުހުރީ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާއިން ނުވަތަ އެ ނޫން ވެސް ގޮތަކަށް ބޭރުގައި ހުރި ދިވެއްސަކު އެއްވެސް ތަކުލީފެއްގައި ހުރިކަން މިނިސްޓަރަށް އެނގިވަޑައިގެންފިނަމަ އެކަމަކަށް އެޓެންޑްވުމަށް ވަގުތުން އަންގަވައެވެ. އަދި އެކަން އަތުން ބީވިޔަ ނުދިޔުމަށްޓަކައި އިރުއިރުކޮޅުން އަޕްޑޭޓް އައްސަވާ ކަމަށް ވެސް ޒުހުރީ ވިދާޅުވިއެވެ. 

ސިއްހީ ހިދުމަތްތެރިން ނޫނަސް ހިދުމަތްތެރިން ނޫނަސް ފޮރިންގެ ޓީމު ވެސް ކޮށްފައިވަނީ އަގުހުރި ގައުމީ ބޮޑު މަސައްކަތެކެވެ. ފޮރިންގެ ޓީމް ކޮށްފައިވާ މިވާ ބޮޑު މަސައްކަތަކީ ތާރީހުގައި ލިޔެވިގެންދާނެ ނުހަނު ރިވެތި މަސައްކަތެކެވެ. ހަމަ ސާބަހެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.